ހޯދާ
ހޮނިހިރު • 17 އޮކްޓޯބަރު 2026
🔖

ކިޑްސަލް ފުޓްސަލް މުބާރާތުގެ ކުއާޓާ ފައިނަލުން ހަ ޓީމަކުން ޖާގަ ކަށަވަރުކޮށްފި

ޝެއާ ކުރޭ Facebook Telegram Viber X

ކްލަބް މޯލްޑިވްސް ފުޓްސަލް ސީޒަނުގައި މުޅިން އަލަށް ބާއްވާ 15އަހަރުން ދަށުގެ "ކިޑްސަލް 2026"މުބާރާތުގައި މިހާތަނަށް ކުޅެވުނު މެޗުތަކަށް ފަހު، ބައިވެރިވި 10ޓީމުގެ ތެރެއިން ހަ ޓީމަކުން ކުއާޓާ ފައިނަލުގެ ޖާގަތައް ޔަގީންކޮށްފިއެވެ.

ހުޅުމާލޭ ރެހެންދި ފުޓްސަލް ދަނޑުގައި ކުރިއަށްދާ މި މުބާރާތަކީ އެކެޑަމީތަކަށް ހުޅުވާލައިގެން ކުރިއަށްގެންދާ މުބާރާތެކެވެ.

ދެ ގްރޫޕަކަށް ބަހާލައިގެން ކުރިއަށްދާ މި މުބާރާތުގެ ކޮންމެ ގްރޫޕަކުން އެންމެ ކުރި ހޯދާ ހަތަރު ޓީމު ކުއާޓާ ފައިނަލަށް ހޮވޭއިރު، މިހާރު ވަނީ ކޮންމެ ގްރޫޕަކުން ތިން ޓީމަކަށް ޖާގަ ލިބިފައެވެ. ގްރޫޕް އޭއިން ކުއާޓާގެ ޖާގަ ކަށަވަރުކުރީ ކުޅުނު ތިން މެޗުވެސް ކާމިޔާބުކޮށް 9ޕޮއިންޓާ އެކު އެއްވަނައިގައި އޮތް އެލީޓް އެކެޑަމީއާއި، ހަތަރު މެޗުން 7ޕޮއިންޓް ހޯދި ކުލަބު ވެލެންސިއާގެ އިތުރުން ތިން މެޗުން 6ޕޮއިންޓް ހޯދާފައިވާ ވިލިމާލެ ޔުނައިޓެޑެވެ. މި ގްރޫޕުގެ ހަތަރުވަނައިގައި އޮތް ބީޖީ ސްޕޯޓްސްއަށް ލިބިފައިވަނީ އެއް ޕޮއިންޓެވެ. އަދި ފުލުގައި އޮތް ސްޓަރސް އެކެޑަމީ ކުޅުނު ތިން މެޗުންވެސް ވަނީ ބަލިވެފައެވެ.

ގްރޫޕް އޭ ގައި އިއްޔެ ހަވީރު ކުޅުނު މެޗުގައި ވިލިމާލެ ޔުނައިޓެޑުން ވަނީ 3-2ގެ ނަތީޖާއަކުން ބީޖީ ސްޕޯޓްސް ބަލިކޮށްފައެވެ. އަދި ރޭ ކުޅުނު މެޗުގައި އެލީޓް އެކެޑަމީން ވަނީ 1-0އިން ކުލަބު ވެލެންސިއާގެ މައްޗަށް ކުރިހޯދާފައެވެ.

މުބާރާތުގެ ގްރޫޕް ބީ އިން ކުއާޓާގެ ޖާގަ ހޯދާފައިވަނީ ކުޅުނު ތިން މެޗުންވެސް މޮޅުވެ 9ޕޮއިންޓް ހޯދި ނިއު ރޭޑިއަންޓް ސްޕޯޓްސް ކުލަބާއި، އެސްޕަޔަރ އެކެޑަމީގެ އިތުރުން ތިން މެޗުން 3ޕޮއިންޓާއެކު ތިންވަނައިގައި އޮތް ބިސް ބުރު ސްޕޯޓްސްއެވެ. މި ގްރޫޕުގެ ހަތަރުވަނައިގައި އޮތް ހުޅުމާލެ ޔޫތު އެންޑް ސްޕޯޓްސް ކުލަބު (އެޗްވައިއެސްސީ)އާއި ފުލުގައި އޮތް އެޑްވެންޗަރސް އެކެޑަމީއަށް ލިބިފައިވަނީ އެންމެ ޕޮއިންޓެކެވެ. މީގެ ތެރެއިން އެޗްވައިއެސްސީއަށް ބާކީ އެއް މެޗު އެބައޮތެވެ.

ގްރޫޕް ބީ ގައި އިއްޔެ ހަވީރު ކުޅުނު މެޗުގައި ނިއު ރޭޑިއަންޓުން ވަނީ 7-2ގެ ތަފާތު ބޮޑު ނަތީޖާއަކުން ބިސް ބުރު ބަލިކޮށްފައެވެ. އަދި ރޭ ކުޅުނު މެޗުގައި އެސްޕަޔަރއިން ވަނީ 2-1އިން އެޑްވެންޗަރސްގެ މައްޗަށް ކުރިހޯދާފައެވެ. މި މުބާރާތުގެ މެޗުތައް ދެން ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ ހޮނިހިރު ދުވަހުގެ ހަވީރެވެ.

ކަމުދިޔަތަ؟

ކޮމެންޓުތައް (0)

އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.

ކޮމެންޓު