ހޯދާ
ހޮނިހިރު • 17 އޮކްޓޯބަރު 2026
🔖

އަހަރެމެންގެ މައިންބަފައިން ފިޔަގަނޑު ދިން، އުދުހުމަކީ މިހާރު އަހަރެމެންގެ ކަމެއް: ކެނެޑާގެ ބަތަލް

ޝެއާ ކުރޭ Facebook Telegram Viber X

އެއީ ހޮލީވުޑްގެ މަންޒިލްކަމަށްވާ ލޮސް އެންޖެލިސް ސްޓޭޑިއަމްގައި، ފީފާ ވޯލްޑް ކަޕް 2026ގެ ކުލަގަދަ މާހައުލުގައި ފެނިގެންދިޔަ ހިތްގައިމު މަންޒަރެކެވެ. މެޗުގެ އިތުރު ވަގުތުގެ ސިކުންތުތައް ގުނަމުންދިޔައިރު، 0-0 އިން ދެ ޓީމު އެއްވަރުވެފައި ވަނިކޮށް، ކެނެޑާގެ ސްޓީވަން އެސްޓާކިއޯއަށް ބޯޅަ ލިބުނީ ދެކުނު އެފްރިކާގެ ޕެނަލްޓީ އޭރިއާގެ ބޭރުންނެވެ. އެއަށް ފަހު، އޭނާ ވަނީ ދިފާއުކުރަން ފުންމައިގެން އެރި ގޯލްކީޕަރު ރޮންވެން ވިލިއަމްސް ފަހަތަށް ޖައްސާލުމަށް ފަހު ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައި، ކެނެޑާގެ ތާރީޚުގައި ފުރަތަމަ ފަހަރަށް ވޯލްޑް ކަޕްގެ ގަދަ 16ގެ ބުރަށް އެ ގައުމު ގެންގޮސްދީފައެވެ.

ރޭ ކުޅުނު މި މުބާރާތުގެ ނޮކްއައުޓް ބުރުގެ ފުރަތަމަ މެޗަށް އެސްޓާކިއޯ ހޯދައިދިން ކާމިޔާބީއަކީ ވަރަށް ފޯރިގަދަ ނިމުމެކެވެ. މިއީ ފަހަރުގައި އޭނާގެ ކެރިއަރުގައި މިހާތަނަށް ފެނިގެންދިޔަ އެންމެ ފާހަގަކޮށްލެވޭ ކާމިޔާބީއަށް ވެދާނެއެވެ.

ކެނެޑާގެ ބަތަލު، އުމުރުން 29 އަހަރުގެ މި ކުޅުންތެރިޔާއާ ބެހޭ ގޮތުން އެނގޭ ވާހަކަތަކެއް އެބަހުއްޓެވެ.

ޕޯޗުގީޒް މައިންބަފައިންނަށް އޮންޓޭރިއޯގެ ލީމިންގްޓަންއަށް އުފަންވި އެސްޓާކިއޯއަށް ފުޓްބޯޅައަކީ އުފަންވުމާ އެކު ލިބުނު ހަދިޔާއެއް ފަދަ އެއްޗެކެވެ. އުމުރުން އެންމެ ހަތަރު އަހަރުގައި ކުޅެން ފެށި އޭނާގެ ކެރިއަރުގައި، އޭނާ ވަނީ އުފަން ގައުމާއި މައިންބަފައިންގެ ގައުމާ ދެމެދު ތަކުރާރުކޮށް ދަތުރުކޮށްފައެވެ.

އޭނާގެ ޒުވާން ދުވަސްވަރުގެ ފުޓްބޯޅަ ކެރިއަރު ފެށުނީ ލީމިންގްޓަން މައިނަރ ސޮކާއިންނެވެ. އެއަށް ފަހު އޭނާގެ އާއިލާ ޕޯޗުގަލްއަށް ބަދަލުވިއެވެ. އުމުރުން ހަތް އަހަރުގެ އެސްޓާކިއޯއާއި އޭނާގެ ބޭބެ މައުރޯ ކްލަބް ފެންވަރުގައި ކުޅެން ފެށިއިރު، އެސްޓާކިއޯ ވަނީ 201 ވަނަ އަހަރު ޕޯޗުގަލްގެ ދެވަނަ ޑިވިޝަނުގެ ކްލަބެއް ކަމަށްވާ ލެއިޝޮއެސްއާ ގުޅި، އޭގެ ފަހުން 2018ގައި ޖީޑީ ޗާވޭސްއަށް ބަދަލުވެފައެވެ.

އަހަރެއް ފަހުން، އެސްޓާކިއޯ މެކްސިކަން ލީގާ އެމްއެކްސްގެ ކްރޫޒް އަޒުލްއަށް ބަދަލުވިއެވެ. އެއަށް ފަހު ލޯނު އެއްބަސްވުމެއްގެ ދަށުން ޕާކޯސް ޑި ފެރޭރާއާ ގުޅި، 2020 ޖެނުއަރީގައި އެ ޓީމަށް ފުރަތަމަ މެޗު ކުޅެދިނެވެ. އޭނާގެ ޔޫރަޕްގެ ފުރަތަމަ މެޗު އެ އަހަރުގެ އޮގަސްޓް މަހު ކުޅުނުއިރު، ޔޫއެފާ ޔޫރޮޕާ ކޮންފަރެންސް ލީގުގައި ލާންއާ ދެކޮޅަށް ކުޅެ 4-0އިން މޮޅުވި މެޗުގައި އޭނާ ވަނީ ތިންވަނަ ލަނޑު ޖަހާފައެވެ.

އެސްޓާކިއޯއަށް ޕްރިމެއިރާ ލީގުން ޖާގަ ލިބުނީ 2022 ޖެނުއަރީގައެވެ. އެއީ ލޯނެއްގެ ދަށުން ޕޯޓޯއާ ގުޅުމުންނެވެ. އަދި އެ އަހަރުގެ މޭ މަހު އެ ކްލަބުން އޭނާ ދާއިމީކޮށް ގަތެވެ.

އޭނާ އެންމެ ފަހުން ބަދަލުވީ 2026 ފެބްރުއަރީގައި މޭޖަރ ލީގު ސޮކާ (އެމްއެލްއެސް)ގެ ލޮސް އެންޖެލިސް އެފްސީއަށެވެ. އެއީ ދާއިމީކޮށް ސޮއިކުރުމުގެ ފުރުސަތާ އެކު ހަތަރު މަސްދުވަހުގެ ލޯނު އެއްބަސްވުމެއްގެ ދަށުންނެވެ.

އޭޕްރީލް 2023ގައި ސަންޓާ ކްލާރާއާ ދެކޮޅަށް ޕޯޓޯގެ ދަނޑުގައި ކުޅުނު މެޗެއްގެ ތެރޭގައި، އެސްޓާކިއޯގެ މަންމަ އެސްމެރަލްޑާ ސިކުނޑީގެ ކެންސަރު ބަލީގައި މަރުވިއެވެ. އޭގެ އަހަރެއް ފަހުން، އޭނާގެ ބައްޕަ ކުއްލި ހާޓް އެޓޭކެއްގައި މަރުވިއެވެ. މީގެ ކުޑަދުވަސްކޮޅެއް ކުރިން، އެސްޓާކިއޯއާއި އޭނާގެ ލޯބިވެރިޔާ ކޮންސްޓަންޓާއަށް ވަނީ އަންހެން ކުއްޖަކު ލިބިފައެވެ. އެ ކުއްޖާއަށް ކިޔަނީ ބެނެޑިޓާއެވެ.

"އަހަރެން ކުރާ ކޮންމެ ކަމެއް ވެސް ކުރަނީ އަހަރެންގެ އާއިލާއަށް ޓަކައި، އަހަރެންގެ މައިންބަފައިންނަށް ޓަކައި، އަހަރެންގެ ލޯބިވެރިޔާއަށް ޓަކައި، އަހަރެންގެ ދަރިފުޅަށް ޓަކައި، އަހަރެންގެ ބޭބެއަށް ޓަކައި، އަދި ގައުމުގައި ތިބި އަހަރެންގެ ރައްޓެހިންނަށް ޓަކައި – އެ އެންމެންނަށް ޓަކައި،" ލޮސް އެންޖެލިސް ސްޓޭޑިއަމްގައި މެޗަށްފަހު ދިން އިންޓަވިއުއެއްގައި، އަސަރާއެކު މި މިޑްފީލްޑަރު ބުންޏެވެ.

ސެޕްޓެމްބަރު 2024ގައި ސްޕޯޓްސް ނެޓް ކެނެޑާއަށް ދިން އިންޓަވިއުއެއްގައި، އިންޓަރ ޓޮރޮންޓޯ އެފްސީގެ ހެޑް ކޯޗު މައުރޯ އެސްޓާކިއޯ ބުނީ، އޭނާއާއި ސްޓީވަން ނިންމީ އެ ހިތާމަތަކާ އެކު ކުރިއަށްދިއުމަށާއި މައިންބަފައިންގެ ހަނދާންތައް ދިރުވުމަށް ކަމަށެވެ.

"އަހަރެމެންގެ މައިންބަފައިން... އަހަރެމެންނަށް ފިޔަގަނޑު ދިން. އެހެންވީމާ މިހާރު އުދުހުމަކީ އަހަރެމެންގެ އަތްމަތީގައި އޮތް ކަމެއް."

އެސްޓާކިއޯ އޭނާގެ ބައިނަލްއަގުވާމީ ޒުވާން ކެރިއަރު ފެށީ ކެނެޑާއިންނެވެ. އޭނާ ވަނީ 2012 ވަނަ އަހަރުގެ އޭޖީއެސް ކަޕްގައި އެ ގައުމު ތަމްސީލުކޮށްފައެވެ. އަދި 2019 ވަނަ އަހަރުގެ ޔޫއެފާ ޔޫރަޕިއަން ޗެމްޕިއަންޝިޕް ކޮލިފައިންގައި ޕޯޗުގަލްގެ 21 އަހަރުން ދަށުގެ ޓީމަށް ވެސް އޭނާ ކުޅުނެވެ.

އެސްޓާކިއޯ ކެނެޑާގެ ސީނިއާ ޓީމަށް ކުޅެން ނިންމީ 2019 ފެބްރުއަރީގައެވެ. އަދި އެ އަހަރުގެ އޮކްޓޫބަރު މަހު ކޮންކާކަފް ނޭޝަންސް ލީގުގެ މެޗަކަށް އޭނާއަށް ފުރަތަމަ ފަހަރަށް ގައުމީ ޓީމުން ޖާގަ ލިބުނެވެ. އޭގެ ފަހުން އޭނާ ވަނީ 2021 ވަނަ އަހަރުގެ ކޮންކާކަފް ގޯލްޑް ކަޕްގައި ކުޅެ، އޭނާގެ ފުރަތަމަ ބައިނަލްއަގުވާމީ ލަނޑު ޖަހާފައެވެ. އޭނާ ވަނީ ގަތަރު 2022 ވޯލްޑް ކަޕާއި، 2023 ގެ ކޮންކާކަފް ނޭޝަންސް ލީގުގެ ފައިނަލްގައި ކުޅުމުގެ އިތުރުން، ޕޯޓޯއާއެކު 2025ގެ ފީފާ ވޯލްޑް ކަޕްގައި ވެސް ކުޅެފައެވެ.

"މި ކާމިޔާބީ ހޯދުމަށް އަހަރެމެން ވަރަށް ބުރަކޮށް މަސައްކަތް ކުރިން. އަހަރެމެން ބޭނުންވަނީ މި މޮޅު ހުރިހާ ކެނެޑާ ރައްޔިތުންނަށް ހަދިޔާކުރަން،" އަލްފޮންސޯ ޑޭވީސްއަށް އަނިޔާވެގެން ދަނޑުން ބޭލުމުން ކެޕްޓަންގެ ބޭންޑް އަޅައިގެން ކުޅުނު އެސްޓާކިއޯ އާދީއްތަ ދުވަހުގެ މެޗަށްފަހު ބުންޏެވެ.

"އަހަރެމެން އުންމީދު ކަނޑައެއް ނުލަން، އަދި ކުރިއަށް ދިޔައިން. މިއަށްވުރެ ވަކި ރަނގަޅު ގޮތެއް އަހަރެމެންނަށް ތަސައްވުރެއް ނުކުރެވޭ.

"އެއީ ވަރަށް ފުރިހަމަ ގޯލެއް، އެކަމަކު އަހަރެން ފޮނުވާލި ހަމަލާއާއެކު އެންމެން ވެސް ބޯޅައިގައި ޖެހިހެން ހީވި. އެންމެންގެ ބާރު ވެސް އެ ބޯޅައަށް ލިބިގެން ގޯލުގެ ތެރެއަށް ވަނީ،" 2026ގެ  ވޯލްޑް ކަޕް ބާއްވާ އެއް ގައުމު ކަމަށްވާ ކެނެޑާއަށް ކުޅެދިން 61 ވަނަ މެޗުގައި އޭނާ ޖެހި 6 ވަނަ ލަނޑާ ބެހޭގޮތުން އެސްޓާކިއޯ ބުންޏެވެ.

ކަމުދިޔަތަ؟

ކޮމެންޓުތައް (0)

އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.

ކޮމެންޓު