މެޗުގެ އިތުރު ވަގުތުގެ ދެވަނަ މިނެޓުގައި ސްޓެފަން އެސްޓާކިއޯ ކާމިޔާބުކޮށްދިން ހިތްގައިމު ލަނޑާ އެކު، މުބާރާތް ބާއްވާ އެއް ގައުމު ކަމަށްވާ ކެނެޑާއިން ދެކުނު އެފްރިކާ ބަލިކޮށް، ފުރަތަމަ ފަހަރަށް ވޯލްޑް ކަޕްގެ ގަދަ 16 އިން ޖާގަ ހޯދައިފިއެވެ.
ސާފު ފުރުސަތުތަކެއް މަދު، އަދި އިތުރު ވަގުތަށް މެޗު ހިނގައިދާނެހެން ހީވި މި މެޗުގައި، އެސްޓާކިއޯ ވަނީ ޕެނަލްޓީ އޭރިއާގެ ބޭރުން ފޮނުވާލި ތިރިތިރި ބާރު ހަމަލާއަކުން ކެނެޑާއަށް މޮޅުވުން ކަށަވަރުކޮށްދީ، އޭނާގެ ހުނަރުވެރިކަން ދައްކާލާފައެވެ.
މި މުބާރާތުގެ ކުރިން ކެނެޑާ ކުޅުނު ވޯލްޑް ކަޕްގެ ހުރިހާ ހަ މެޗަކުން ވެސް އެ ގައުމު ބަލިވެފައިވީ ނަމަވެސް، އެޓީމުން ދަނީ މި މުބާރާތުގައި މޮޅު ކުޅުމެއް ދައްކަމުންނެވެ.
ޖޫން 18 ވަނަ ދުވަހު ގަތަރު އަތުން 6-0 އިން މޮޅުވެ، މުބާރާތުގެ ފައިނަލް ބުރުގައި އެޓީމުގެ ފުރަތަމަ މޮޅު ހޯދިއިރު، މިއީ ޖެސީ މާޝްގެ އިރުޝާދުގެ ދަށުން ކުޅޭ ޓީމަށް ލިބުނު އިތުރު ހާއްސަ ކާމިޔާބީއެކެވެ. އެޓީމު ވެގެންގޮސްފައި ވަނީ ގަދަ 16އަށް ދަތުރުކުރި ފުރަތަމަ ގައުމަށެވެ. ގަދަ 16 ގައި ޖުލައި 4 ވާ ހޮނިހިރު ދުވަހު ހިއުސްޓަންގައި އެޓީމު ބައްދަލުކުރާނީ ނެދަލޭންޑްސް ނުވަތަ މޮރޮކޯއާއެވެ.
ގްރޫޕް އޭ ގެ ދެވަނަ ހޯދި ދެކުނު އެފްރިކާއިން ލޮސް އެންޖެލިސްގައި މާޔޫސްކުރުވަނިވި ކުޅުމެއް ދެއްކިއިރު، މުޅި މެޗުގައިވެސް އެޓީމަށް ފޮނުވާލެވުނީ ގޯލާ އަމާޒުވި އެންމެ ހަމަލާއެކެވެ. އަދި މެޗުގެ ނަތީޖާ ބަދަލުވި ވަގުތުގެ ކުރިން، އެޓީމުން ބޮޑަށް ބޭނުންވީ އިތުރު ވަގުތަށް މެޗު ގެންދިއުމަށެވެ.
ކެނެޑާގެ މޮއިސް ބޮމްބިޓޯ ބޮލުން ފޮނުވާލި ހަމަލާއެއް ދެކުނު އެފްރިކާގެ އައުބްރޭ މޮޑީބާ ގޯލުގެ ރޮނގުމަތިން ސަލާމަތްކުރިއިރު، ރިޗީ ލަރިއާއަށް ހުލީސޯ މުޑާއު ކުރި ފައުލަކާ ގުޅިގެން ޕެނަލްޓީއެއް ލިބެންޖެހޭނެ ކަމަށް މާޝްގެ ޓީމުން ވަނީ ވަކާލާތުކޮށްފައެވެ.
އެ ނިންމުމާ މެދު ހިތްހަމަނުޖެހިގެން ހާފް-ޓައިމްގައި މާޝް ރެފްރީންނާ ވާހަކަދައްކަން މަސައްކަތްކުރި ނަމަވެސް، ބޮމްބިޓޯ ވަނީ އޭނާ ހުއްޓުވާފައެވެ.
އެމްބެކެޒެލީ އެމްބޮކާޒީ ކުރި މުހިންމު ބްލޮކަކުން ޖޮނަތަން ޑޭވިޑަށް ލަނޑެއް ޖެހުމަށް ހުރަސްއެޅިއިރު، ބަޔާން މިއުނިކްގެ ފުލްބެކް އަލްފޮންސޯ ޑޭވީސް ކުޅެން އެރުމާއެކު ކެނެޑާއަށް އިތުރު ފުރުސަތުތަކެއް ލިބުނެވެ. މީގެ ތެރޭގައި ޖޮނަތަން ޑޭވިޑް އަދި ޕްރޮމިސް ޑޭވިޑަށް ލިބުނު ފުރުސަތުތައް ހިމެނެއެވެ.
ނަމަވެސް، ގޯލާ އަމާޒުކޮށް ހަތް ހަމަލާ ފޮނުވާލި ކެނެޑާއިން މެޗުގެ ފަހުކޮޅު ހައްގު މޮޅެއް ހޯދައި، ދެކުނު އެފްރިކާ މުބާރާތުން ވަކިކޮށް، ކުރިއަށް ދަތުރުކުރިއެވެ.
ކެނެޑާއިން ގްރޫޕް ބީ ގެ ތިން މެޗު ވެސް ކުޅުނީ އަމިއްލަ ގައުމުގައެވެ. ނަމަވެސް ފަހު މެޗުގައި ސްވިޒަލޭންޑް އަތުން 2-1 އިން ބަލިވުމުން އެޓީމަށް ލިބުނީ ގްރޫޕުގެ ދެވަނައެވެ. އެއާއެކު އެމެރިކާއަށް ދަތުރުކުރަން އެޓީމަށް މަޖުބޫރުވިއެވެ.
އަމިއްލަ ގައުމުގެ ސަޕޯޓަރުންގެ ކުރިމަތީގައި ކުޅުމުގެ ފުރުސަތު ގެއްލުނު ނަމަވެސް، ކެނެޑާއިން ވަނީ ތާރީހީ މޮޅަކާ އެކު އެގައުމުގެ ސަޕޯޓަރުން އުފާކޮށްދީފައެވެ.
މެޗު ނިމުމާއެކު، ލީޑްސްގެ ކުރީގެ ކޯޗު މާޝް ވަނީ މި މޮޅަކީ އެ ގައުމަށް ކިހާ މުހިންމު މޮޅެއްކަން ފާހަގަކޮށްފައެވެ.
"ތިޔައީ ކޮންބައެއްކަމާ މެދު ތިޔަ ކުޅުންތެރިން ފަހުރުވެރިވާންޖެހޭނެ. މި މެޗާ މެދު ފަހުރުވެރިވާންޖެހޭނެ. ހުރިހާ ވަގުތެއްގައި ވެސް ތިޔަ ކުޅުންތެރިން މަސައްކަތްކުރި. ތިޔައީ ކެނެޑާގެ ބަތަލުން."
މުބާރާތުގައި އިތުރަށް ކުރިއަށް ދިއުމަށް ކެނެޑާއިން އެންމެ ރަނގަޅު ކުޅުން ދައްކަން ޖެހޭނެއެވެ. ސަބަބަކީ އެޓީމު ބައްދަލުކުރަން ޖެހޭނީ ފީފާ ރޭންކިންގެ ހަތްވަނައިގައި އޮތް މޮރޮކޯ ނުވަތަ އޭގެ އެއް ދަރަޖަ ފަހަތުގައި އޮތް ނެދަލޭންޑްސްއާއެވެ.
ނަމަވެސް، މާޝްގެ ޓީމަށް ލިބުނު ބޮޑު ހިތްހަމަޖެހުމަކީ، މޭ މަހު ޕީއެސްޖީއާ ދެކޮޅަށް ބަޔާން ކުޅުނު ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލް މެޗުގައި ހޭމްސްޓްރިންގަށް ލިބުނު އަނިޔާއެއްގެ ސަބަބުން ގްރޫޕް ސްޓޭޖުގެ މެޗުތައް ގެއްލުނު ޑޭވީސް އެނބުރި އައުމެވެ.
ޑޭވީސް ކުޅެން އެރުމާއެކު އޭނާގެ މޮޅު ކުޅުން ދައްކާލި ނަމަވެސް، މެޗުން މޮޅުކޮށްދިން ކުޅުންތެރިއަކަށް ވުމުގެ ޝަރަފު ލިބުނީ އެސްޓާކިއޯއަށެވެ.
ކޮމެންޓުތައް (0)
އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.