ސައުދީ އަރަބިއްޔާއާ ދެކޮޅަށް ކުޅުނު މެޗު ލަނޑެއް ނުޖެހި އެއްވަރުވެ، ގްރޫޕް އެޗްގެ ދެވަނަ ޓީމުގެ ގޮތުގައި ވޯލްޑް ކަޕްގެ ނޮކައުޓް ބުރަށް ދަތުރުކޮށް ކޭޕް ވާޑްއިން ތާރީޚީ ކާމިޔާބީއެއް ހޯދައިފިއެވެ.
"ބްލޫ ޝާކްސް"ގެ ނަމުން މަޝްހޫރު ކޭޕް ވާޑްއިން އެ ގައުމު އަލަށް ވާދަކުރި މި މުބާރާތުގެ ދެވަނަ ހޯދީ ތިން ޕޮއިންޓާއެކުގައެވެ. އެއީ ދެ ފަހަރު މުބާރާތް ކާމިޔާބުކުރި އުރުގުއޭ އަދި 2034 ވަނަ އަހަރުގެ މުބާރާތް ބާއްވާ ސައުދީ އަރަބިއްޔާއަށް ވުރެ އެއް ޕޮއިންޓް އިތުރަށް ހޯދައިގެންނެވެ.
ބުބިސްޓާގެ އިރުޝާދުގެ ދަށުން ކުޅޭ މި ޓީމު ގަދަ 32ގެ ބުރުގައި، އަންނަ ޖުލައި މަހުގެ 3 ވާ ހުކުރު ދުވަހު މިއާމީ ސްޓޭޑިއަމްގައި ބައްދަލުކުރާނީ އެންމެ ފަހުގެ ޗެމްޕިއަން އާޖެންޓީނާއާއެވެ.
މެޗުގައި ލަނޑެއް ޖެހުމާ އެންމެ ގާތަށް ދިޔައީ ކޭޕް ވާޑްއެވެ. އެގޮތުން ވިލީ ސެމެޑޯ ފޮނުވާލި ހަމަލާއެއް ގޯލުގެ ކައިރި ކަނުން ސަލާމަތްކުރިއިރު، އޭގެ ފަހުން އޭނާ ފޮނުވާލި އަނެއް ހަމަލާ ދިޔައީ ގޯލާ އަމާޒުނުވެ ބޭރަށެވެ.
މެޗުގެ ފުރަތަމަ ބައިގަޑިއިރު ކުޅެވުނުތަނާ، ސައުދީ އަރަބިއްޔާގެ ދިާއީ ކުޅުންތެރިޔާ ހަސަން އަލް ތަމްބަކްތީ ކައިރީގައި އެހެން ކުޅުންތެރިއަކު ނެތް ވަގުތެއްގައި ދަނޑުމައްޗަށް ވެއްޓުމާ ގުޅިގެން، އޭނާ ވަނީ ސްޓްރެޗަރުގައި ދަނޑުން ބާލާފައެވެ.
ދެވަނަ ހާފު ފެށުނުތާ މާގިނައިރުތަކެއް ނުވެ، ކޭޕް ވާޑުން ލަނޑެއް ޖަހައި ކުރިހޯދުމަށް ކުރި މަސައްކަތުގައި، އޭރިއާ ބޭރުން ކެވިން ޕީނާ ފޮނުވާލި ބާރު ހަމަލާ ދިޔައީ ގޯލުގެ މަތީ ކަނާ ކިރިޔާ ކާލާފައެވެ.
މެޗު ނިމެން 15 މިނެޓަށް ވެފައިވަނިކޮށް، ސައުދީގެ ގޯލްކީޕަރު މުހައްމަދު އަލް އޮވައިސް ވަނީ، ހުސްކޮށް ކުރިއަށް އަރައި ލާރޮސް ޑުއާޓޭ ފޮނުވާލި ނުރައްކާތެރި ހަމަލާއެއް ދިފާއުކޮށް، އެ ޓީމުގެ އުންމީދުތައް ދަމަހައްޓާފައެވެ.
ނަމަވެސް، އެންމެ ފަހުން ކޭޕް ވާޑް ވަނީ ކުރިއަށް އޮތް ހަފުތާއެއްހާ ދުވަހުގެ ތެރޭގައި އާޖެންޓީނާއާ ދެކޮޅަށް ކުޅޭ ބޮޑު މެޗަށް ދަތުރުކޮށްފައެވެ. މިއާ އެކު އެ ގައުމު ވެގެން ގޮސްފައި ވަނީ، އަލަށް ވާދަކުރި ވޯލްޑް ކަޕެއްގެ ގްރޫޕް ސްޓޭޖުގައި ބަލިނުވެ ސަލާމަތްވި އެފްރިކާގެ ތިންވަނަ ގައުމަށެވެ.
ކޮމެންޓުތައް (0)
އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.