ހޯދާ
ހޮނިހިރު • 17 އޮކްޓޯބަރު 2026
🔖

އެމެރިކާއާއި ކެނެޑާގައި ފުޓްބޯޅައަށް "ސޮކާ" ކިޔަނީ ކީއްވެ؟

ޝެއާ ކުރޭ Facebook Telegram Viber X

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި އެތައް މިލިއަން ބަޔަކަށް ފުޓްބޯޅައަކީ ދިރިއުޅުމެވެ. ނަމަވެސް 2026ވަނަ އަހަރުގެ ވޯލްޑް ކަޕް ބާއްވާ ގައުމުތަކުގެ ތެރެއިން ދެ ގައުމެއްގައި މި ކުޅިވަރަށް ކިޔަނީ ތަފާތު ނަމެކެވެ.

އެމެރިކާއާއި ކެނެޑާގައި މި ކުޅިވަރަށް ކިޔަނީ "ސޮކާ"އެވެ. ނަމަވެސް އެއީ ކީއްވެގެން ހެއްޔެވެ؟ އަދި މި ބަހުގެ ސަބަބުން ފުޓްބޯޅައަށް ލޯބިކުރާ އެހެން ގައުމުތަކުގެ މީހުން ރުޅިގަދަވޭ ހެއްޔެވެ؟

1960އާއި 1970ގެ އަހަރުތަކުގައި ބޮޑުވި، ޔުނިވަރސިޓީ އޮފް މިޝިގަންގެ އެމެރިޓަސް ޕްރޮފެސަރު ސިމާންސްކީ ބުނީ "ފުޓްބޯލް"އާއި "ސޮކާ"އާ ދެމެދު ކުރެވޭ ބަހުސަކީ އޭނާއަށް ވަރަށް ހައިރާންކުރުވަނިވި ކަމެއްގެ ގޮތުގައި ފާހަގަކުރެވުނު ކަމެއް ކަމަށެވެ.

"އަހަރެން ރައްޓެހިންގެ ގާތުގައި އަހަން ފެށިން: 'ކަލޭމެން ހަނދާން އެބަހުރިތަ؟ ފަހަރެއްގައި މިއީ ނުބައި ހަނދާނަކަށް ވެސް ވެދާނެ. މިއީ ދުވަހަކު ވެސް މައްސަލައަކަށް ވީ ކަމެއްތަ؟' އަހަރެން މީހުންނާ މި ވާހަކަ ދައްކަން ފެށިން. އަދި އެންމެން އެއްބަސްވި ގޮތުގައި 1970ގެ އަހަރުތަކުގައި އެ ބަހާ މެދު އެއްވެސް މައްސަލައެއް އޮތް ކަމަކަށް ނުފެނޭ."

ސިމާންސްކީގެ މި ޝައުގުވެރިކަން ފަހުން ބަދަލުވީ ދިރާސާއަކަށެވެ.

"1863ވަނަ އަހަރު އިންގްލެންޑްގައި ފުޓްބޯލް އެސޯސިއޭޝަން އުފެއްދި މީހުންނަކީ މަތީ ފަންތީގެ ސްކޫލްތަކުން ކިޔަވައިގެން ނިކުތް އޮކްސްފޯޑްގެ ގްރެޖުއޭޓުން،" އޭނާ ބުންޏެވެ.

ފުޓްބޯލް އެސޯސިއޭޝަންގެ ގަވާއިދުތަކުގެ ދަށުން ކުޅެވުނު ކުޅިވަރަށް "އެސޯސިއޭޝަން ފުޓްބޯލް"ގެ ނަމުން ނަންދެވުނު ކަމަށް އެންސައިކްލޮޕީޑިއާ ބްރިޓޭނިކާގައި ޖޯން އެމް ކަނިންހަމް ލިޔެފައި ވެއެވެ.

މި ނަމުގެ ސަބަބުން އެހެން މަގުބޫލު ކުޅިވަރެއް ކަމަށްވާ ރަގްބީއާ މި ކުޅިވަރު ވަކިކޮށް ދެނެގަތުމަށް ފަސޭހަވެގެންދިޔައެވެ.

"އެ ދުވަސްވަރު ދެ ކުޅިވަރެއް އޮތް: އެއް ކުޅިވަރަކަށް ކިޔަނީ ރަގްބީ ފުޓްބޯލް، އަދި އަނެއް ކުޅިވަރަކަށް ކިޔަނީ އެސޯސިއޭޝަން ފުޓްބޯލް،" ސިމާންސްކީ ބުންޏެވެ.

1880އާއި 1890 ގެ އަހަރުތަކުގައި މުއްސަނދި ޔުނިވަރސިޓީ ދަރިވަރުންގެ މެދުގައި، ބަސްތައް ކުރުކޮށްލުމަށް ފަހު ފަހަތަށް "-er" އިތުރުކުރުމުގެ އާދައެއް އޮތެވެ. މިއީ އެމީހުން ބޭނުންކުރި ހާއްސަ ބަހުރުވައެކެވެ.

"އެހެންކަމުން 'ބްރެކްފާސްޓް' ކިޔުމުގެ ބަދަލުގައި އެމީހުން ކިޔާނީ 'ބްރެކާ' އެވެ."

ރަގްބީއަށް ނިސްބަތްކޮށް އެމީހުން ކިޔާނީ "ރަގާ" އެވެ.

ވުމާއެކު، "ސޮކާ"މި ބަސް އުފެދުނީ ކިހިނެއް ހެއްޔެވެ؟

މިކަމުގައި ތިއަރީއެއް އެބައޮތް ކަމަށް ސިމާންސްކީ ބުންޏެވެ. ނަމަވެސް އޭނާ ބުނީ "އެއްވެސް މީހަކަށް މިއީ މުޅިން ޔަގީން ކަމެއް ނޫން" ކަމަށެވެ.

ބެލެވޭ ގޮތުގައި މި އާ ހިޔާލުތައް ނެރުނު ދަރިވަރުން "އެސޯސިއޭޝަން" މި ބަހުގެ މެދުން "soc" ނެގުމަށް ފަހު ފަހަތަށް "-er" އިތުރުކޮށް، "ސޮކާ" އުފެއްދީއެވެ.

"ޔަގީނުންވެސް އެއްވެސް މީހަކަށް ސީދާ އެނގެނީއެއް ނޫން، ނަމަވެސް މީހުންނަށް ޔަގީންވާ ކަމަކީ މިއީ އޮކްސްފޯޑުން އައި ބަހެއްކަން. އެތަނުގެ ދަރިވަރުން އުފެއްދި ބަހެއްކަން ސާބިތުކޮށްދޭ ގިނަ ލިޔެކިޔުންތަކެއް އެބަހުރި."

ކުޅިވަރުގެ ތާރީޚު ދިރާސާކުރާ އެންޑީ މިޗެލް ވަނީ 1885ވަނަ އަހަރުގެ ފަހުކޮޅު އިންގްލެންޑްގެ އެކި ހިސާބުތަކުގެ ސްކޫލް މަޖައްލާތަކުގައި "ސޮކާ" ނުވަތަ "ސޮކާރ" ބޭނުންކޮށްފައިވާ "މަދުވެގެން" ތިން މިސާލެއް ދައްކަވާފައެވެ.

"އަހަރެންގެ ލަފައަކީ 'ސޮކާ' އަދި 'ރަގާ' މި ބަސްތައް އޭރު ވެސް އަނގަބަހުން ބޭނުންކުރަމުންދިޔަ ކަމަށް. އަދި އެ އަހަރު (1885)ގެ ކުރީކޮޅު، އަދި މިހާތަނަށް ދެނެގަނެވިފައިނުވާ އެހެން ލިޔުމެއްގައި ޗާޕުކޮށްގެން މި ބަސްތައް ބޭނުންކޮށްފައިވާނެ ކަމަށް،" މިޗެލް އޭނާގެ ބްލޮގް 'ސްކޮޓިޝް ސްޕޯޓް ހިސްޓްރީ' ގައި ލިޔެފައި ވެއެވެ.

ދުވަސްތަކެއް ފަހުން "socker" ގެ ބަދަލުގައި ބޭނުންކުރި ގޮތްތައް އުވިގެންދިޔައިރު، "soccer" (ސޮކާ) މި ބަސް ދެމިއޮތެވެ.

މި ކުޅިވަރު ފެތުރެމުންދިޔަ ދުވަސްވަރު މި ބަސްވެސް އެހެން ބައްރުތަކަށް ދަތުރުކުރަން ފެށިއެވެ. އަދި މިހާރު އޮސްޓްރޭލިއާ، ނިއުޒީލެންޑް، ސައުތު އެފްރިކާ އަދި ކެނެޑާގައި "ސޮކާ" މި ބަސް އާންމުކޮށް ބޭނުންކުރެއެވެ.

އެމެރިކާގައި "ފުޓްބޯލް" އޭ ބުނުމުން ނިސްބަތްކުރަނީ އެމެރިކަން ފުޓްބޯޅައަށެވެ.

"މިއީ ހުރިހާ އެއްޗެއް ގުޅިފައިވާ ކަމެއް،" ސިމާންސްކީ ބުންޏެވެ. "އެމެރިކާގެ ފުޓްބޯޅަ އުފެދިގެން އައީ ރަގްބީއިން، ނަމަވެސް އޭގެ ތެރޭގައި ސޮކާގެ ބައިތައް ވެސް ހިމެނޭ."

"އެއީ ދެބެންގެ ދެދަރި ކުޅިވަރުތަކެއް ފަދަ އެއްޗެއް - އަދި އެމެރިކަން ފުޓްބޯޅަ މަގުބޫލުވެގެން ދިޔައީވެސް 'ސޮކާ' މި ބަސް އުފެދުނު ދުވަސްވަރު، އެއީ 1880އާއި 1890ގެ އަހަރުތަކުގައި."

ބްރިޓިޝް ނޫސްތަކުން "ފުޓްބޯލް" ބޭނުންކުރަން އިސްކަންދިން ނަމަވެސް، 1980ގެ އަހަރުތަކާ ހަމައަށް ވެސް އެމީހުން "ސޮކާ" ބޭނުންކުރަމުންދިޔަ ކަމަށް ސިމާންސްކީއާއި އޭނާގެ އެކުވެރި ސިލްކޭ-މާރިއާ ވައިނެކްގެ ދިރާސާއިން ދައްކައެވެ.

ނަމަވެސް، ދުވަސްތަކެއް ފަހުން "ފުޓްބޯލް" މި ބަސް މުޅިން އާންމުވެގެންދިޔައެވެ.

ކަމުދިޔަތަ؟

ކޮމެންޓުތައް (0)

އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.

ކޮމެންޓު