ފީފާ ވޯލްޑް ކަޕްގައި އަލަށް ވާދަކުރާ ކުރަސާއޯއިން ގްރޫޕް އީގެ ފަހު މެޗުގައި އައިވަރީ ކޯސްޓާ ދެކޮޅަށް ނުކުންނާނީ މޮޅުވުމުގެ ބޮޑު އިތުބާރަކާއެކު ކަމަށް އެ ޓީމުގެ ތަޖުރިބާކާރު ކޯޗު ޑިކް އެޑްވޮކާޓް ބުނެފިއެވެ.
އެންމެ ފަހުން އެކުއަޑޯއާ ދެކޮޅަށް ކުޅުނު މެޗު ލަނޑެއް ނުޖެހި އެއްވަރުވުމުން، މުބާރާތުގެ ދެވަނަ ބުރަށް ދިއުމުގެ ފުރުސަތު ކުރަސާއޯއަށް އަދިވެސް އެބައޮތެވެ. ނަމަވެސް އެކަން ކާމިޔާބު ކުރަން މިރޭގެ މެޗުން ހައިރާންކުރުވަނިވި މޮޅެއް ހޯދުން އެ ޓީމަށް މަޖުބޫރެވެ.
އެކުއަޑޯއާ ދެކޮޅަށް ކުޅުނު މެޗުގައި އެކުއަޑޯއިން ގިނަ ފުރުސަތުތަކެއް ތަނަވަސްކުރި ނަމަވެސް، މެޗު އެއްވަރުވުމަކީ އެންމެ އިންސާފުވެރި ނަތީޖާ ކަމަށް އުމުރުން 78އަހަރުގެ އެޑްވޮކާޓް ގަބޫލުކުރެއެވެ. އެ މެޗުގައި ކުރަސާއޯގެ ގޯލްކީޕަރު އެލޯއީ ރޫމް ވަނީ ހައިރާންކުރަނިވި 15ސޭވް ކޮށްފައެވެ. މިއީ އިތުރު ވަގުތު ކުޅެފައިނުވާ ވޯލްޑް ކަޕް މެޗެއްގައި ކީޕަރަކު މިހާތަނަށް އެންމެ ގިނަ ސޭވްކުރި ރެކޯޑެވެ. މީގެ އިތުރުން، އެ މެޗުގައި ކުރަސާއޯއިން އުފެއްދި ކައުންޓަރ އެޓޭކުތަކުން އިދިކޮޅު ޓީމަށް ބޮޑެތި ނުރައްކާތަކެއް ކުރިމަތިކުރިއެވެ.
ކުރިއަށް އޮތް މެޗާ ބެހޭގޮތުން ވާހަކަދައްކަމުން އެޑްވޮކާޓް ބުނީ، މިއީ ވަރުގަދަ ތިން ޓީމަކާ ދެކޮޅަށް ކުޅޭ މުބާރާތެއް ނަމަވެސް، މިފަދަ ބޮޑެތި ގައުމުތަކާ ވާދަކުރުމަކީ ކުރަސާއޯއަށް ލިބޭ ބޮޑު ޝަރަފެއް ކަމަށެވެ. އަދި އެކުއަޑޯ މެޗުގައި އެ ޓީމަށް ކުރެވޭނެ ކަންތައްތައް ދައްކާލެވިފައިވާ ކަމަށް އޭނާ ފާހަގަކުރިއެވެ.
"އަހަރެމެން ހަމައެކަނި ދިފާއުކުރަނީކީ ނޫން، ހަމަލާދޭންވީ ރަނގަޅު ވަގުތުތައް ވެސް އަހަރެމެންނަށް އެނގޭ. މާދަމާ ވެސް ފެންނާނީ އެ މަންޒަރު" އެޑްވޮކާޓް ބުންޏެވެ.
މިދިޔަ ހޮނިހިރު ދުވަހު ކުރި ބުރަ މަސައްކަތަށް ފަހު ވެސް، ކުރަސާއޯގެ ކުޅުންތެރިންގެ ކިބައިގައި ވަރުބަލިކަމެއް ނެތް ކަމަށާއި، ޓްރެއިނިންތަކުން ފެންނަނީ ވަރަށް ފޯރިއާއެކު ތިބި މަންޒަރު ކަމަށް ކޯޗު ބުންޏެވެ. ކުރަސާއޯ މުބާރާތަށް ކޮލިފައިކޮށްދިނުމަށްފަހު، ބަލިވެ އުޅޭ ދަރިފުޅަށް ވަގުތު ދިނުމަށް މަގާމުން ވަކިވެ، އަލުން މެއި މަހު ޓީމާ ހަވާލުވި އެޑްވޮކާޓް ވަނީ، މި މުބާރާތަށްފަހު މަގާމުގައި ދެމިހުންނާނެތޯ ކުރި ސުވާލަށް ޖަވާބުދޭން އިންކާރުކޮށްފައެވެ.
ކޮމެންޓުތައް (0)
އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.