ހޯދާ
ހޮނިހިރު • 17 އޮކްޓޯބަރު 2026
🔖

ގަތަރު ބަލިކޮށް ނޮކްއައުޓް ބުރަށް ދިއުމުގެ އުންމީދު ބޮސްނިއާއިން އާކޮށްފި

ޝެއާ ކުރޭ Facebook Telegram Viber X

ވޯލްޑް ކަޕްގެ ގްރޫޕް ބީގެ ފަހު މެޗުގައި ގަތަރު ބަލިކޮށް، ތާރީޚުގައި ފުރަތަމަ ފަހަރަށް މުބާރާތުގެ ނޮކްއައުޓް ބުރަށް ދިއުމުގެ އުންމީދު ބޮސްނިއާ-ހެޒެގޮވީނާއިން އާކޮށްފިއެވެ.

އެޓީމުން ގްރޫޕްގެ ކުޅުން ނިންމާލީ ކެނެޑާއާ އެއްވަރަށް ހަތަރު ޕޮއިންޓް ހޯދައިގެންނެވެ. ނަމަވެސް، ކޯ-ހޯސްޓް ކެނެޑާއާ ދެކޮޅަށް ކުޅުނު ހެޑް-ޓު-ހެޑް ރެކޯޑަށް ބަލައި ބޮސްނިއާއަށް ލިބުނީ ގްރޫޕްގެ ތިންވަނައެވެ.

މިއާއެކު ގަދަ 32 ގެ ބުރަށް ސީދާ ކޮލިފައިވުމުގެ ފުރުސަތު އެޓީމަށް ގެއްލުނު ނަމަވެސް، މުބާރާތުގެ ތިންވަނަ ހޯދާ އެންމެ މޮޅު އަށް ޓީމުގެ ތެރޭގައި ހިމެނިގެން ދެވަނަ ބުރަށް ދިއުމުގެ ފުރުސަތު އަދިވެސް އެބައޮތެވެ.

ސިއެޓްލްގައި ބުދަ ދުވަހު ހޫނުމިން 29 ޑިގްރީ ސެލްސިއަސް އަށް އަރާފައި ހުރި ނަމަވެސް، ބޮސްނިއާއިން މެޗު ފެށީ ވަރުގަދަ އަޒުމަކާއެކުގައެވެ. މެޗުގެ ފުރަތަމަ ތިން މިނެޓުގެ ތެރޭގައި އާމެދިން ޑެމީރޮވިޗް އަދި އިވާން ސުންޖިޗް ދުރުން ފޮނުވާލި ހަމަލާތައް ދިފާއުކުރަން ގަތަރުގެ ގޯލްކީޕަރު މަހްމޫދު އަބޫނަދާއަށް ވަނީ ވަރަށް ބޮޑަށް މަސައްކަތް ކުރަންޖެހިފައެވެ.

ސާޖެއި ބާބަރޭޒްގެ އިރުޝާދުގެ ދަށުން ކުޅޭ ބޮސްނިއާއިން މެޗުގެ ލީޑު ނެގީ 29 ވަނަ މިނެޓުގައި ދުރުން ފޮނުވާލި ހަމަލާއަކުންނެވެ. އުމުރުން 18 އަހަރުގެ ކެރިމް އަލައިބެގޮވިޗް ގަތަރުގެ ދެ ކުޅުންތެރިން ކައިރިން ނައްޓާލުމަށް ފަހު ފޮނުވާލި ބާރު ހަމަލާ ގޯލްގެ ތެރެއަށް ވަނީ ކީޕަރު އަބޫނަދާއަށް އެއްވެސް ފުރުސަތެއް ނުދީއެވެ.

ދަނޑަށް ވަދެ ތިބި ބޮސްނިއާގެ ގިނަ އަދަދެއްގެ ސަޕޯޓަރުންނަށް އިތުރު އުފާވެރިކަމެއް ލިބުނީ، އޭގެ ހަ މިނެޓު ފަހުން އެޓީމުގެ ދެވަނަ ލަނޑު ޖެހުމުގައި، ގައުމީ ޓީމަށް 150 ވަނަ މެޗު ކުޅެދިން އުމުރުން 40 އަހަރުގެ ކެޕްޓަން އެޑިން ޖެކޯ މުހިންމު ދައުރެއް އަދާކުރުމުންނެވެ.

ޖެކޯ ފޮނުވާލި ވޮލީ ހަމަލާ ގަތަރުގެ ޑިފެންޑަރު ސުލްތާން އަލް ބްރޭކްގެ ގައިގައި ޖެހިފައި ގޯލަށް ވަނީ ކީޕަރު އަބޫނަދާ އަތުން ބައިކޮޅަށް ވަން ލަނޑެއްގެ ގޮތުގައެވެ.

ބޮސްނިއާ އަށް އެންމެ ގިނަ މެޗު ކުޅެދީ އެންމެ ގިނަ ލަނޑު ޖަހައިދިނުމުގެ ރެކޯޑް އޮންނަ ޖެކޯ އަށް އޭގެ ހަތަރު މިނެޓު ފަހުން ތިންވަނަ ލަނޑެއް ޖަހަން ރަނގަޅު ފުރުސަތެއް ލިބުނެވެ. ނަމަވެސް ހުސްކޮށް އަރައި އޭނާ ފޮނުވާލި ބޯޅަ އަމާޒުވީ ގޯލްގެ ދަނޑިއަށެވެ.

އެހެން ނަމަވެސް ގަތަރަށް ވެސް ފުރުސަތުތަކެއް ލިބުނެވެ. ފުރަތަމަ ހާފު ނިމެން ތިން މިނެޓަށް ވެފައި ވަނިކޮށް، އެޑްމިލްސަން ޖޫނިއާ ނަގައިދިން ހުރަހަކުން ކެޕްޓަން ހަސަން އަލް-ހައިދޮސް ލަނޑެއް ޖަހައި ފަރަގު ކުޑަކޮށްދިނެވެ.

އޭޝިއާގެ ޗެމްޕިއަނުން ފުރަތަމަ ހާފު ނިންމާލީ ވަރުގަދަކޮށެވެ. އަކްރަމް އަފީފް ތަނަވަސްކޮށްދިން ފުރުސަތަކުން ޕެޑްރޯ މިގޭލް ފޮނުވާލި ހަމަލާ ވެސް ވަނީ ގޯލްގެ ދަނޑިއަށް އަމާޒުވެފައެވެ.

ދެވަނަ ހާފުގެ ކުރީކޮޅު އަފީފް ފޮނުވާލި ހަމަލާއެއް ގޯލްގެ ބޭރު ދާގަނޑަށް އަމާޒުވިއިރު، ގަތަރުން ކައުންޓާ އެޓޭކްތަކުގައި ނުރައްކާ ކުރިއެވެ. ނަމަވެސް މެޗުގެ ފަހު 20 މިނެޓަށް މޮޅު ފޯވާޑް އަލްމުއިއްޒު އަލީ ކުޅެން އެރުވި ނަމަވެސް، ގަތަރަށް ނަތީޖާ ބަދަލުކޮށްލެވޭ ގޮތެއް ނުވިއެވެ.

ބޮސްނިއާއިން ވަނީ ވަރުގަދައަށް ދިފާއުކޮށް، މެޗުގެ 80 ވަނަ މިނެޓުގައި ތިންވަނަ ލަނޑު ޖަހައި މޮޅުވުން ކަށަވަރުކޮށްފައެވެ. ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި އާމިން މަހްމިޗް ޖެހިޖެހިގެން ދެވަނަ މެޗުގައި މި ލަނޑު ޖެހީ، ގަތަރުގެ އޭރިއާ ތެރޭގައި އުފެދުނު ހަލަބޮލިކަމެއްގެ ތެރެއިން ލިބުނު ބޯޅަ ކީޕަރު އަބޫނަދާ ފަހަތަށް ފޮނުވާލައިގެންނެވެ.

މިއީ 2014 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި އަލަށް ވާދަކޮށް އީރާން އަތުން 3-1 އިން މޮޅުވި މެޗަށް ފަހު، ވޯލްޑް ކަޕް ތާރީޚުގައި ބޮސްނިއާ ހޯދި ދެވަނަ މޮޅެވެ.

ބޮސްނިއާ އަށް ލިބުނު ހަތަރު ޕޮއިންޓާއެކު ދެވަނަ ބުރުގެ ޖާގައެއް ލިބުމުގެ ފުރުސަތު ބޮޑު ނަމަވެސް، އެކަން ކަށަވަރުވާނީ އެހެން ގްރޫޕްތަކުގެ މެޗުތައް ނިމުމުންނެވެ. ގަތަރު ގްރޫޕް ނިންމާލީ އެއް ޕޮއިންޓާއެކު ތާވަލުގެ ފުލުގައެވެ.

ދެވަނަ ފަހަރަށް ވޯލްޑް ކަޕްގައި ވާދަކޮށް ގްރޫޕްގެ ފުލަށް ގޮސްގެން ގަތަރު މުބާރާތުން ކަޓާފައިވާއިރު، ބޮސްނިއާ-ހެރްޒެގޮވީނާ އަށް 12 ގްރޫޕްގެ ތެރެއިން އެންމެ މޮޅު އަށް ،ތިންވަނަ ޓީމުގެ ތެރޭގައި ހިމެނިއްޖެ ނަމަ، ނޮކްއައުޓް ބުރުގައި ބައްދަލުކުރަން ޖެހޭނީ ޖަރުމަނާއެވެ.

ކަމުދިޔަތަ؟

ކޮމެންޓުތައް (0)

އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.

ކޮމެންޓު