ސްވިޑަންގެ ކުރީގެ ފޯވާޑް ޒްލަޓާން އިބްރަހިމޮވިޗް ،އުޒްބެކިސްތާނާ ދެކޮޅަށް ޕޯޗުގަލް ކުޅުނު މެޗަށް ފަހު ރޮނާލްޑޯއަށް ފާޑުކިޔައިފިއެވެ.
ވޯލްޑް ކަޕްގެ ގްރޫޕް ކޭ ގައި އުޒްބެކިސްތާން އަތުން 5-0އިން ޕޯޗުގަލް މޮޅުވި މެޗުގައި ދެ ލަނޑު ޖެހުމަށް ފަހު، ކްރިސްޓިއާނޯ ރޮނާލްޑޯ ދޭން ބޭނުންވި މެސެޖު އެންމެންނަށް ސާފުކޮށް އިވޭނެހެން ވަނީ ބުނެދީފައެވެ.
މުބާރާތުގެ ފުރަތަމަ މެޗުގައި ޑީއާރު ކޮންގޯއާ ވާދަކޮށް 1-1އިން ޕޯޗުގަލް އެއްވަރުވި މެޗުގައި ލަނޑެއް ނުޖެހި ދިއުމަށް ފަހު، އުމުރުން 41 އަހަރުގެ ކުޅުންތެރިޔާ ވަނީ ވަރުގަދަ ރައްދެއް ދީފައެވެ. ހިއުސްޓަންގައި ކުޅުނު މެޗުން އޭނާގެ ޓީމު މޮޅުކޮށްދިނުމަށް ފަހު، ކެމެރާއަށް ބަލަހައްޓައި އޭނާ ހަޅޭއްލަވައިގަތީ "އަހަރެން އެނބުރި މިއައީ" ބުނެއެވެ.
ނަމަވެސް، ޒްލަޓާން އިބްރަހިމޮވިޗަށް މި އުފާފާޅުކުރުން ކަމުދާގޮތެއް ނުވިއެވެ.
ފޮކްސް ސްޕޯޓްސް ސްޓޫޑިއޯގައި އެނަލިސްޓެއްގެ ގޮތުގައި ވާހަކަދައްކަމުން، އޭސީ މިލާން އަދި ބާސެލޯނާގެ ކުރީގެ ފޯވާޑް ވަނީ މަލާމާތުގެ ރާގަކަށް ރައްދުދީފައެވެ. އޭނާ ބުންޏެވެ: "އެއީ ލަނޑު ޖަހަންވީ މެޗެއް. އެއީ ޕޯޗުގަލްއަށް ގިނަ ލަނޑުތަކެއް ޖެހޭނެ މެޗެއް. އަދި އޭނާގެ މެސެޖާ ބެހޭގޮތުން ބުނާ ނަމަ، އަހަރެން ހީކުރީ އޭނާ ދުވަހަކު ވެސް ނުދާކަމަށް. --- އެހެންވީމާ "އަހަރެން އެނބުރި މިއައީއޭ' އޭ ބުނަންވީ ސަބަބެއް އަހަންނަކަށް ނޭނގެ."
މިއީ އިބްރަހިމޮވިޗާއި ރޮނާލްޑޯއާ ދެމެދު މިފަދަ ހިޔާލުތަފާތުވުމެއް އުފެދުނު ފުރަތަމަ ފަހަރެއް ނޫނެވެ.
ސްވިޑަންގެ ކުރީގެ ފޯވާޑަކީ ފުޓްބޯޅައިގައި އަބަދުވެސް ފާޅުގައި ވާހަކަދައްކާ އެއް ކުޅުންތެރިއެކެވެ. އަދި ފުޓްބޯޅައިގެ އެންމެ ބޮޑު ބަހުސްގައި އޭނާ އަބަދުވެސް ތާއީދުކުރަނީ ލިއޮނަލް މެސީ އަށެވެ.
އިބްރަހިމޮވިޗް ގިނަ ފަހަރަށް ރޮނާލްޑޯގެ ކާމިޔާބީތަކަށާއި އޭނާގެ ބުރަ މަސައްކަތަށް ތައުރީފު ކުރި ނަމަވެސް، މެސީގެ ގުދުރަތީ ހުނަރާ އަޅާކިޔޭނެ އެހެން ކުޅުންތެރިއަކު ނެތް ކަމަށް އޭނާ ތަކުރާރުކޮށް ބުނެއެވެ. އެހެންކަމުން، ޕޯޗުގަލްގެ ސުޕަސްޓާގެ އުފާފާޅުކުރުމަށާއި ވާހަކަތަކަށް އޭނާ ކުރި މި ފާޑުކިޔުމަކީ، ފުޓްބޯޅައިގެ އެންމެ ނުފޫޒުގަދަ ދެ ޝަހުސިއްޔަތުގެ ދެމެދުގައި އޮތް ހިޔާލީ ވާދަވެރިކަމުގެ އާ ބާބެކެވެ.
ކޮމެންޓުތައް (0)
އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.