ވޯލްޑް ކަޕްގައި މޮރޮކޯ އަތުން ހައިރާންކުރުވަނިވި ގޮތަކަށް ނެދަލެންޑްސް ބަލިވުމާ ގުޅިގެން، އެ ޓީމުގެ ހެޑް ކޯޗު ރޮނާލްޑް ކޫމަންއަށް ކުރީގެ މަޝްހޫރު ކުޅުންތެރިޔާ ޒްލަޓަން އިބްރަހިމޮވިޗްގެ ފާޑުކިޔުން އަމާޒުވެއްޖެ އެވެ.
މި ވޯލްޑްކަޕްގައި ފޮކްސް ޗެނަލްގައި މަސައްކަތްކުރަމުންދާ ޒްލަޓާން ބުނީ މި ބަލީގައި ނެދަލެންޑްސްގެ ކޯޗު ވަނީ އެ ޓީމުގެ އަމިއްލަ ސްޓައިލް ދޫކޮށް ޑިފެންސިވަށް އިސްކަން ދީފައި ކަމަށެވެ.
ތިން ފަހަރު ފައިނަލްގައި ކުޅެފައިވާ ނެދަލެންޑްސް މުބާރާތުން ކެޓީ ހޯމަ ދުވަހުގެ ރޭ މޮންޓެރޭގައި ކުޅުނު ގަދަ 32 ގެ ބުރުގެ ފޯރިގަދަ މެޗަށް ފަހު ޕެނަލްޓީ ޖަހައިގެންނެވެ.
ދެވަނަ ހާފުގައި ކޯޑީ ގަކްޕޯ ޖަހައިދިން ލަނޑުން ނެދަލެންޑްސް ކުރި ހޯދި ނަމަވެސް، މެޗުގެ ފަހުކޮޅު މޮރޮކ އިން ކުޅުން ވަރުގަދަކޮށް މެޗުގެ ތެރެއަށް އެނބުރި އައެވެ. އިއްސާ ޑިއޮޕް އިތުރު ވަގުތުގެ ތެރޭގައި ލަނޑެއް ޖަހައި ނަތީޖާ ހަމަހަމަކޮށްދިނުމުން މެޗު އިތުރު ވަގުތަށް ދިޔަ ނަމަވެސް، އިތުރު ކުރި 30 މިނެޓުގައި ވެސް އެއްވެސް ޓީމަކަށް މޮޅުވާނެ ލަނޑެއް ނުޖެހުނެވެ.
ޕެނަލްޓީ ޝޫޓްއައުޓްގައި ނެދަލެންޑްސްގެ ޖަސްޓިން ކްލައިވަޓް، ކުއިންޓަން ޓިމްބާ އަދި ކްރައިސެންސިއޯ ސަމަވިލް ޖެހި ޕެނަލްޓީތައް ނާކާމިޔާބުވުމުން އެ ޓީމް ނާކާމިޔާބީއަށް މިސްރާބު ޖެހިއެވެ. މޮރޮކޯގެ ނީލް އެލް އައިނާއުއީ ޖެހި ޕެނަލްޓީ ނާކާމިޔާބުވެ، އަޝްރަފް ހަކީމީ ޖެހި ޕެނަލްޓީ ދަނޑިއަށް އަމާޒުވި ނަމަވެސް، ނެދަލެންޑްސްއިން ހެދި ގޯސްތަކުގެ ފައިދާ ނަގައި މޮރޮކޯ ވަނީ ގަދަ 16އަށް ދަތުރުކޮށްފަ އެވެ. އެ ޓީމު މޮޅުކޮށްދިން ޕެނަލްޓީ ކާމިޔާބުކުރީ އިސްމާއިލް ސައިބާރީއެވެ.
ނެދަލެންޑްސް ވޯލްޑް ކަޕުން ކެޓުމާ ގުޅޭގޮތުން ވާހަކަދައްކަމުން ޒްލަޓާން އިބްރަހިމޮވިޗް ވަނީ އެ ޓީމުގެ ކުޅުމަށް ވަރަށް ބޮޑަށް ފާޑުކިޔާފައެވެ. އޭނާ ވަނީ ކޫމަން ގެންގުޅުނު ޑިފެންސިވް ޓެކްޓިކްސްއަށް އަމާޒުކޮށް، މުބާރާތުން އެ ޓީމު ކެޓުމުގެ މައިގަނޑު ސަބަބަކީ އެއީ ކަމަށް ބުނެފައެވެ.
"އަހަރެން ދެކޭގޮތުގައި މި ބަލީގެ ޒިންމާ ނަގަންޖެހޭނީ ކޫމަން. ސަބަބަކީ މިއީ ނެދަލެންޑްސްގެ ޓީމެއްކަން އަހަންނަށް ފާހަގައެއް ނުކުރެވުނު. އޭނާ ބަލިވީ ނެދަލެންޑްސްގެ އަސްލު ކުޅުމުގެ ވައްޓަފާޅި ނޫން އެހެން ގޮތަކަށް ކުޅެގެން. އެކަމާ އަހަރެން ވަރަށް ރުޅިއާދޭ. ބަލިވާންވާނީ ތިމާގެ އަމިއްލަ އައިޑެންޓިޓީއާ އެކު. އެއީ ތިމާގެ އަސްލަކީ."
މުޅި މެޗުގައި ނެދަލެންޑްސް އަށް ބޯޅަ ހިފެހެއްޓުނީ 30 އިންސައްތައަށް ވުރެ މަދުންނެވެ. އަދި 120 މިނެޓުގެ ތެރޭގައި އެ ޓީމަށް ފޮނުވާލެވުނީ ގޯލާ އަމާޒުވި އެންމެ ދެ ހަމަލާއެވެ. މި މުބާރާތަށް ފަހު ކޮންޓްރެކްޓް ހަމަވާ ކޫމަން ވަނީ އޭނާގެ ޓެކްޓިކްސް ދިފާއުކޮށް، އެއީ މެޗުގެ ހާލަތަށް ބަލާއިރު ކުރަންޖެހުނު ކަމެއް ކަމަށް ބުނެފަ އެވެ.
ބާސެލޯނާގެ ކުރީގެ މެނޭޖަރު ބުނީ ޓީމު ކެޓުމުގެ މައިގަނޑު ސަބަބަކީ ޕެނަލްޓީ ޝޫޓްއައުޓްގައި ދިމާވި ބަދުނަސީބު ކަމަށެވެ.
"ލޮކަރ ރޫމްގެ މާހައުލު އޮތީ ވަރަށް ހިތްދަތިކޮށް. (ބާޓް) ވާބްރޫގެންގެ އަތްދަށުން (ސުފިއާން ރަހީމީ) ޖެހި ޕެނަލްޓީ ދިޔަ ގޮތް ފެނުމުން އެނގެނީ މިއީ އަހަރެމެންގެ ނަސީބުގައި އޮތް މެޗެއް ނޫންކަން."މެޗަށް ފަހު ވާހަކަދައްކަމުން އޭނާ ބުންޏެވެ:
"އަހަރެން މިގޮތަށް ކުޅެން ނިންމީ ގްރޫޕް ސްޓޭޖުގައި އަހަރެމެންނަށް މާ ގިނަ ޖާގަ ދެވުމުން. އަހަރެމެން ޖެހުނީ މާކިން ރަނގަޅުކުރަން. މޮރޮކޯ އަކީ މޮޅު ކުޅުންތެރިން ތިބި މޮޅު ޓީމެއް. އެހެންވެ، ޓީމާ އެކު ބޭއްވި ބައްދަލުވުމަކަށް ފަހު އަހަރެން މިގޮތަށް ނިންމީ. އެކަމާ އަހަރެން ކުޑަކޮށް ވެސް ދެރައެއް ނުވޭ. އަހަރެން މަސައްކަތް ކުރީ ޕެނަލްޓީ ޖަހާނެ ކުޅުންތެރިންނަށް ވިސްނައިގެން ޓީމަށް ބަދަލުތަކެއް ގެންނަން. އަހަންނަށް (ފްރެންކީ) ޑި ޔޮންގް ގެއްލުނު، ގަކްޕޯ ގެއްލުނު. އެހެންވެ އަހަރެން މަސައްކަތް ކުރީ އެކަމަށް ގާބިލު ކުޅުންތެރިން ކުޅެން އަރުވަން. އެކަން ކާމިޔާބެއް ނުވި، ދެން ކުރާނީ ކީއް؟"
މިއީ ނެދަލެންޑްސްގެ ވޯލްޑް ކަޕް ތާރީޚުގައި، މުބާރާތަށް ކޮލިފައިވުމަށް ފަހު ގަދަ 16ގެ ބުރަށް ނުގޮސް ކެޓި ފުރަތަމަ ފަހަރެވެ. މީގެ ކުރިން ކުޅުނު 11 މުބާރާތުގައި ވެސް އެ ޓީމު ވަނީ ދަށްވެގެން ގަދަ 16އާ ހަމައަށް ދަތުރުކޮށްފަ އެވެ. މިއީ އެ ޓީމުގެ ވަރުގަދަ ރެކޯޑެކެވެ.
މީގެ އިތުރުން، މޮރޮކޯ އަތުން ބަލިވުމަކީ 2006 ވަނަ އަހަރުގެ ފަހުން ވޯލްޑް ކަޕެއްގެ ނޮކްއައުޓް ފުރަތަމަ މެޗުން ނެދަލެންޑްސް ބަލިވި ފުރަތަމަ ފަހަރެވެ.
ކޮމެންޓުތައް (0)
އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.