ވޭތުވެދިޔަ 23އަހަރު ތެރޭގައި ކުރިމަތިވި ހަމަލާތަކަކީ އޭނާގެ ކާމިޔާބީގެ ފަހަތުގައިވާ ބާރެއް ކަމަށް ބުނެ، ރޮނާލްޑޯ ފާޑުކިޔުންތައް ބަލައިގެންފިއެވެ.
ޑެލަސްގައި ސްޕެއިނާ ދެކޮޅަށް ޕޯޗުގަލް ކުޅޭ ފީފާ ވޯލްޑް ކަޕްގެ ގަދަ 16ބުރުގެ ފޯރިގަދަ މެޗުގެ ކުރިން ވާހަކަ ދައްކަމުން، އުމުރުން 41އަހަރުގެ ކުޅުންތެރިޔާ ވަނީ އޭނާގެ މުސްތަގުބަލާއި، އޭނާއަށް ފާޑުކިޔާ މީހުންނާއި، އަދި އޭނާގެ ލެޖެންޑަރީ ކެރިއަރުގައި ކުރިމަތިލާން ޖެހުނު މެދުކެނޑުމެއްނެތް ފާޑުކިޔުންތަކަށް އަލިއަޅުވާލާފައެވެ. އޭނާ ބުނީ ކުރީގެ މޮޅު ކުޅުން މިހާރު ނުދެއްކުނު ނަމަވެސް، ޕޯޗުގަލް ގައުމީ ޓީމަށް އަދިވެސް ގިނަ ކަންތައްތަކެއް ކޮށްދެވޭނެ ކަމަށެވެ.
ޕޯޗުގަލްގެ ކެޕްޓަން ވަނީ އުމުރުގެ ސަބަބުން އޭނާއަށް ބަދަލުތަކެއް އައިސްފައިވާކަން ގަބޫލުކޮށްފައެވެ. ނަމަވެސް އޭނާ ގަބޫލުކުރާ ގޮތުގައި އަދިވެސް އޭނާ ކުޅެމުންދަނީ އެންމެ މަތީ ފެންވަރުގައެވެ.
"އަހަރެންނަކީ ކުރިން އުޅުނު ކުޅުންތެރިޔާއެއް ނޫން، އެކަމަކު އަހަރެންގެ ކުޅުން އެހާ ގޯހެއް ނޫން" ހިނިތުންވުމަކާއެކު އޭނާ ބުންޏެވެ.
2026ވަނަ އަހަރުގެ ވޯލްޑް ކަޕްގައި ރޮނާލްޑޯ ވަނީ މިހާތަނަށް ތިން ލަނޑު ޖަހާފައެވެ. އުޒްބެކިސްތާން އަތުން 5-0އިން ޕޯޗުގަލް މޮޅުވި މެޗުގައި ދެ ލަނޑު ޖެހިއިރު، ގަދަ 32ބުރުގައި ކްރޮއޭޝިއާ އަތުން 2-1އިން މޮޅުވި މެޗުގައި އޭނާ ވަނީ ޕެނަލްޓީއެއް ކާމިޔާބުކޮށްފައެވެ.
ފަސް ފަހަރު ބެލޮންޑޯ ކާމިޔާބުކޮށްފައިވާ ކުޅުންތެރިޔާ ވަނީ އޭނާގެ މުޅި ކެރިއަރުގައި ކުރިމަތިވި ފާޑުކިޔުންތަކަށް ވެސް އަލިއަޅުވާލާފައެވެ. އަދި މިފަދަ ސަމާލުކަމަށް އޭނާ މިހާރު އާދެވިފައިވާ ކަމަށް ހާމަކުރިއެވެ.
"ވޭތުވެދިޔަ 23އަހަރު ތެރޭގައި ތި އެންމެން ދިޔައީ އަހަރެންގެ ކެރިއަރު ނިންމާލަން މަސައްކަތް ކުރަމުން، އެކަމަކު އެއީ ބޭކާރު ކަމެއްކަން މިހާރު އެނގޭނެ. އެއީ ވަގުތު ބޭކާރު ކުރުމެއް، އެކަމަކުވެސް ތިޔަބައިމީހުން ތަކުރާރުކޮށް އެކަން ކުރަން މަސައްކަތް ކުރޭ"
އޭނާ ވަނީ ހިނިތުންވުމަކާ އެކު ހޯލުގައި ހުރި އެއް ނޫސްވެރިއަކަށް އިޝާރާތް ވެސް ކޮށްފައެވެ.
"އަހަރެންނަށް އެނގޭ އޭނާ އަހަރެން ދެކެ ލޯބިނުވާކަން. އަހަރެން މީހުންގެ މޫނުތައް ވަރަށް ރަނގަޅަށް ހަނދާން ހުރޭ"
މި މަޖާ ވާހަކަތަކަށް ފަހު ވެސް، ރޮނާލްޑޯ އެއްބަސްވި ގޮތުގައި ފާޑުކިޔުންތަކުގެ ސަބަބުން އޭނާގެ ކެރިއަރު ބައްޓަންކުރުމަށް ވަރަށް ބޮޑަށް އެހީތެރިވެދިނެވެ.
"އުމުރުން 40އަހަރު ފުރުނު ފަހުން ކުރިމަތިވި ހަމަލާތަކަށް ވެސް އަހަރެން ޝުކުރު އަދާކުރަން. ފާޑުކިޔުމަކީ ތިމާ ކުރިއަރާދާ ގޮތް، އެހެންވީމާ ތިޔަ ކުރާ ކަންތަކަށް ޝުކުރިއްޔާ"
މިއީ އޭނާ އެންމެ ގަޔާވި ވޯލްޑް ކަޕް ކަމަށް ބުނެ، ރޮނާލްޑޯ ވަނީ މުބާރާތުގެ ވަށައިގެންވާ އިހުސާސްތަކާއި މާހައުލަށް ތައުރީފުކޮށްފައެވެ.
ސްޕެއިން އަތުން ޕޯޗުގަލް މޮޅުވިޔަސް ނުވަތަ ނުވިޔަސް، ތަޖުރިބާކާރު ކުޅުންތެރިޔާ ގަބޫލުކުރާ ގޮތުގައި އޭނާ ސާބިތުކޮށްދޭންޖެހޭ އިތުރު އެއްވެސް ކަމެއް މިހާރަކު ނެތެވެ.
"މާދަމާ ކޮންމެ ގޮތެއް ވިޔަސް، ކްރިސްޓިއާނޯ ރޮނާލްޑޯ ދާނީ ހިތްހަމަޖެހުމާ އެކު. 100އިންސައްތައެއް ނޫން، 1000އިންސައްތަ ހިތްހަމަޖެހުމާ އެކު، ސަބަބަކީ ދިރިއުޅުމުގައްޔާއި ފުޓްބޯޅައިގައި އަހަރެން ހުރިހާ އެއްޗެއް ދީފިން"
ވޯލްޑް ކަޕްގެ ކުއާޓާ ފައިނަލުން ޖާގައެއް ހޯދުމަށް އާދީއްތަ ދުވަހު ޕޯޗުގަލް ނުކުންނާނީ އަވަށްޓެރި ސްޕެއިނާ ދެކޮޅަށެވެ. އަދި މިއީ ފުޓްބޯޅައިގެ އެންމެ ބޮޑު މުބާރާތުގައި ރޮނާލްޑޯ ފެންނާނެ ފަހު ފަހަރު ކަމަށް ބެލެވޭ އަޑުތައް ދަނީ ގަދަވަމުންނެވެ.
ކޮމެންޓުތައް (0)
އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.