ހޯދާ
ހޮނިހިރު • 17 އޮކްޓޯބަރު 2026
🔖

ކެނެޑާ ބަލިކޮށް އެއްވަނަ ޓީމުގެ ގޮތުގައި ސްވިޒަލޭންޑް ދެވަނަ ބުރަށް ދަތުރުކޮށްފި

ޝެއާ ކުރޭ Facebook Telegram Viber X

ކޯ-ހޯސްޓް ކެނެޑާ ބަލިކޮށް، ގްރޫޕް ބީގެ އެއްވަނަ ހޯދައިގެން ސްވިޒަލޭންޑުން ވޯލްޑް ކަޕްގެ ފުރަތަމަ ނޮކައުޓް ބުރުން ޖާގަ ކަށަވަރުކޮށްފިއެވެ.

ވެންކޫވަރުގައި ކުޅުނު މި މެޗުގެ ދެވަނަ ހާފުގެ ފުރަތަމަ 12 މިނެޓުގެ ތެރޭގައި ރޫބެން ވަރްގާސްއާއި ޔޯހާން މަންޒަމްބީ ކާމިޔާބުކުރި ލަނޑުތަކާ އެކު ގްރޫޕްގެ އެއްވަނަ ކަށަވަރުވިއިރު، މިއީ ވޭތުވެދިޔަ ހަތަރު ވޯލްޑްކަޕްގެ ވެސް ނޮކައުޓް ބުރަށް ދަތުރުކުރި ތިންވަނަ ގައުމަށް ސްވިޒަލޭންޑް ވެގެންދިޔަ މެޗެވެ. މި ޝަރަފް ދެން ލިބިފައި ވަނީ އާޖެންޓީނާއާއި ފްރާންސަށެވެ.

މީގެ ނަތީޖާއެއްގެ ގޮތުން، ޖުލައި 3ވަނަ ދުވަހު ހަމަ މި ދަނޑުގައި ސްވިޒަލޭންޑް (ނާޓީ) ބައްދަލުކުރާނީ ގްރޫޕް އީ، އެފް، ޖީ، އެޗް، އައި ނުވަތަ ޖޭ ގެ ތިންވަނަ ހޯދާ ޓީމުތަކުގެ ތެރެއިން ޓީމަކާއެވެ.

އަނެއްކޮޅުން، މި ބައްޔާއެކު ވެސް ކެނެޑާއަށް ވަނީ ގްރޫޕްގެ ދެވަނަ ޓީމުގެ ގޮތުގައި އެ ގައުމުގެ ތާރީޚުގައި ފުރަތަމަ ފަހަރަށް ނޮކައުޓް ބުރުން ޖާގައެއް ލިބިފައެވެ.

ނަމަވެސް ގްރޫޕް ބީގެ އެއްވަނަ ނުލިބުމުގެ ސަބަބުން، ޖެސީ މާޝްގެ އިރުޝާދުގެ ދަށުން ކުޅޭ ޓީމަށް އަމިއްލަ ގައުމުގެ އެޑްވާންޓޭޖް ގެއްލި، ދެން އެ ގައުމުގެ އެއްވެސް މެޗެއް ކެނެޑާގައި ނުކުޅެވޭނެއެވެ.

އެމީހުންގެ ދެން އޮތް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ ޖޫން 28ވަނަ ދުވަހު ކެލިފޯނިއާގެ ލޮސް އެންޖެލިސް ސްޓޭޑިއަމްގައެވެ. އެ މެޗުގައި އެމީހުން ބައްދަލުކުރާނީ ގްރޫޕް އޭގެ ދެވަނަ ހޯދާ ޓީމާއެވެ.

މަދު ފުރުސަތުތަކެއް ފެނިގެންދިޔަ ފުރަތަމަ ހާފުގައި، ލަނޑެއް ޖެހުމާ އެންމެ ގާތަށް ދިޔައީ ގްރަނިޓް ޝާކާ އޭނާގެ 149 ވަނަ ބައިނަލްއަގުވާމީ މެޗުގައި ކެޕްޓަންކަން ކުރި ސްވިޒަލޭންޑެވެ. އެގޮތުން ބްރީލް އެމްބޯލޯ އޭރިއާ ތެރެއިން ފޮނުވާލި ހަމަލާ ކެނެޑާގެ ކީޕަރު މެކްސިމް ކްރެޕޯ ވަނީ ހުޝިޔާރުކަމާއެކު ދިފާއުކޮށްފައެވެ.

ކެނެޑާއަށް ސްވިޒަލޭންޑްގެ ގޯލަށް ނުރައްކާ ކުރަން އުނދަގޫވިިއިރު، ނިމިދިޔަ ހަފުތާގައި ގަތަރު ކޮޅަށް ހަ ލަނޑު ޖެހި ނަމަވެސް، ފުރަތަމަ ހާފު ނިމުމުގެ ކުރިން އެމީހުންނަށް ފޮނުވާލެވުނީ ގޯލާ އަމާޒުވި އެންމެ ތިން ހަމަލާއެވެ.

ދެވަނަ ހާފު ފެށިގެން ފުރަތަމަ މިނެޓުގެ ތެރޭގައި މެޗުގެ ފޯރި ގަދަވެގެންދިޔައީ، މަންޒަމްބީ ނަގައިދިން ހުރަހަކުން ވަރްގާސް ހަމަޖެހިލައިގެން ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައި، މި މުބާރާތުގައި އޭނާގެ ދެވަނަ ލަނޑު ކާމިޔާބުކުރުމުންނެވެ.

އޭގެ 11 މިނެޓު ފަހުން، އެމްބޯލޯ ތަނަވަސްކޮށްދިން ފުރުސަތެއްގައި މަންޒަމްބީ އޭރިއާ ތެރެއިން ފޮނުވާލި ހަމަލާއަކުން ސްވިޒަލޭންޑުން މެޗުގެ މޮޅުވި ލަނޑު ކާމިޔާބުކުރިއެވެ.

މެޗު ނިމެން 14 މިނެޓަށް ވެފައިވަނިކޮށް، ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރިތާ 76 ސިކުންތު ތެރޭގައި ޕްރޮމިސް ޑޭވިޑް ކާމިޔާބުކުރި ރީތި ލަނޑުން ކެނެޑާއިން ފަރަގު ކުޑަކުރި ނަމަވެސް، މެޗުގެ ނަތީޖާ އަނބުރާލެވޭ ގޮތެއް ނުވިއެވެ.

ކަމުދިޔަތަ؟

ކޮމެންޓުތައް (0)

އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.

ކޮމެންޓު