ހޯދާ
ހޮނިހިރު • 17 އޮކްޓޯބަރު 2026
🔖

ޑެނިއަލް މުނޯޒްގެ ލަނޑުން ކޮލަމްބިއާ ނޮކްއައުޓް ބުރަށް

ޝެއާ ކުރޭ Facebook Telegram Viber X

ޑެނިއަލް މުނޯޒް ފޮނުވާލި ބޯޅަ ކުޅުންތެރިއެއްގެ ގައިގައި ޖެހިފައި ވަން ލަނޑުން، ޑީއާރު ކޮންގޯ ބަލިކޮށް ކޮލަމްބިއާއިން ވޯލްޑް ކަޕްގެ ނޮކްއައުޓް ބުރުން ޖާގަ ހޯދައިފިއެވެ.

ގުއަޑަލަހާރާގައި ކުޅުނު މި މެޗުގައި ސަޕޯޓަރުންގެ ބޮޑު ތަރުހީބަކާ އެކު ކުޅުނު ކޮލަމްބިއާއިން ގިނަ ފުރުސަތުތަކެއް ބޭކާރުކޮށްލާފައި ވަނިކޮށް، ކްރިސްޓަލް ޕެލަސްގެ ވިންގް-ބެކް މުނޯޒް މެޗުގެ ޑެޑްލޮކް ފޫއަޅުވާލީ 76 ވަނަ މިނެޓުގައެވެ.

ހުއާން ފެނާންޑޯ ކިންޓޭރޯ ތަނަވަސްކޮށްދިން މޮޅު ފުރުސަތަކުން މުނޯޒްއަށް ލިބުނު ބޯޅަ، އޭނާގެ ވައަތުން ފޮނުވާލުމުން ޑިފެންޑަރެއްގެ ގައިގައި ޖެހި، ޑީއާރު ކޮންގޯގެ ގޯލްކީޕަރު ލިއޮނަލް އެމްޕާސީއަށް އޮޅުވާލުމަށްފަހު ގޯލުގެ ކައިރި ކަނަށް ވަނީ ވަދެފައެވެ.

ޖެހިޖެހިގެން ހޯދި ދެވަނަ މޮޅާއެކު ކޮލަމްބިއާ އޮތީ ގްރޫޕް ކޭގެ އެއްވަނައިގައި ކަމަށްވާއިރު، އެޓީމަށް ވަނީ ގަދަ 32 ގެ ޖާގައެއް ކަށަވަރުވެފައެވެ. އަދި ޑީއާރު ކޮންގޯ ތިންވަނައިގައި އޮތްއިރު، މުބާރާތުގެ ކުރިއަށް ދިއުމުގެ ފުރުސަތެއް ހޯދުމަށް ފަހު މެޗުގައި އުޒްބެކިސްތާން ބަލިކުރަން އެޓީމަށް މަޖުބޫރެވެ.

މެޗުން މޮޅުކޮށްދިން ލަނޑު ޖެހި މުނޯޒް މުޅި މެޗުގައިވެސް ނުރައްކާ ކުރިއިރު، މެޗުގެ ހަތަރުވަނަ މިނެޓުގައި އޭނާއަށް ކޮލަމްބިއާއަށް ކުރިހޯދައިދެވެން އޮތެވެ. ނަމަވެސް ޖޯން އަރިއަސް ފޮނުވާލި ހަމަލާ ކީޕަރު ދިފާއުކުރުމުން ލިބުނު ބޯޅަ، މުނޯޒް ގާތުން ފޮނުވާލުމުން ދިޔައީ ގޯލުގެ އަރިމަތީ ދާގަނޑަށެވެ.

އޭގެ ދެ މިނެޓު ފަހުން، މުނޯޒް ބޮލުން ފޮނުވާލި ހަމަލާއެއް ކީޕަރު ދިފާއުކުރުމުން ދެވަނަ ފަހަރަށް އޭނާ ބޯޅަ ގޯލަށް ވައްދާލި ނަމަވެސް، ވަރަށް ހަނި ފަރަގަކުން އޭނާ ހުރީ އޮފްސައިޑްގައެވެ.

މެޗުގެ ފުރަތަމަ 20 މިނެޓުގައި ކޮލަމްބިއާއިން މެޗު ކޮންޓްރޯލްކޮށްގެން މޮޅަށް ކުޅުނު ނަމަވެސް، ކީޕަރު އެމްޕާސީ ފޫއަޅުވާލެވޭ ގޮތެއް ނުވިއެވެ.

ދެވަނަ ހާފުގައިވެސް އެޓީމުން ކުޅުން ރަނގަޅުކުރިއިރު، 50 ވަނަ މިނެޓުގައި ލުއިސް ޑިއާޒްއަށް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތެއް ލިބުނެވެ. ނަމަވެސް ކީޕަރު އެމްޕާސީ އެކަނި ހުއްޓާ އޭނާ ފޮނުވާލި ބޯޅަ ގޯލަށް ވައްދާނުލެވުނުއިރު، ރީބައުންސް ބޯޅަ އަރިއަސް ފޮނުވާލުމުން ދިޔައީ ބޭރަށެވެ.

ނަމަވެސް ކޮލަމްބިއާއަށް މާޔޫސްކަމާ ކުރިމަތިލާން ޖެހިދާނެހެން ހީވި ވަގުތު، ކިންޓޭރޯ ތަނަވަސްކޮށްދިން ފުރުސަތެއްގައި މުނޯޒް ވަނީ ބޯޅަ ގޯލަށް ވައްދާލައި އެމްޕާސީ ބަލިކޮށްފައެވެ.

މެޗުގެ ފަހުކޮޅު ނަތީޖާ ހަމަހަމަކުރުމަށް ޑީއާރު ކޮންގޯ އިން މަސައްކަތް ކުރި ނަމަވެސް، ކޮލަމްބިއާ އިން ވަނީ ހިފަހައްޓައި، ހައްގު މޮޅެއް ހޯދާފައެވެ.

އެނަލިސިސް: މެދުނުކެނޑި ނުރައްކާ ކުރި މުނޯޒް ތަފާތު ދައްކައިފި

ޑިއާޒް އަދި ހާމޭސް ރޮޑްރިގޭޒް ފަދަ ކުޅުންތެރިން ހިމެނޭ ޓީމެއްގައި، މި ވޯލްޑް ކަޕްގައި ކޮލަމްބިއާގެ އެންމެ ނުރައްކާތެރި ކުޅުންތެރިއަކަށް ވިންގް-ބެކެއް ވުމަކީ ހައިރާންވާންޖެހޭ ކަމެކެވެ.

މިއީ މި މުބާރާތުގައި މުނޯޒް ކުޅުނު ދެ މެޗުން ޖެހި ދެވަނަ ލަނޑެވެ. އަދި މިއަށް ވުރެ ގިނަ ލަނޑު ޖެހުމުގެ ފުރުސަތު އޭނާއަށް ލިބުނުކަން ގަބޫލުކުރަންޖެހެއެވެ.

ޑީއާރު ކޮންގޯއާ ދެކޮޅަށް ކުޅުނު މެޗުގައި އޭނާއަށް ހެޓްރިކެއް ހެދުމުގެ ފުރުސަތު އޮތް ކަމަށް ބުނުމަކީ ދޮގަކަށް ނުވާނެއެވެ.

އޭނާ ޖެހި ހަމައެކަނި ލަނޑަކީ ކުޅުންތެރިއެއްގެ ގައިގައި ޖެހިފައި ވަން ލަނޑެއް ނަމަވެސް، މި ލަނޑާއެކު ގްރޫޕް ބުރުން ކޮލަމްބިއާ ސަލާމަތްވުމުން، އޭނާވެސް އަދި ޓީމުން ވެސް އެކަމާ މެދު ޝަކުވާއެއް ނުކުރާނެއެވެ.

މުނޯޒްގެ ފަރާތުން ފެންނަ ހަމަލާތަކަކީ ހައިރާންވާންޖެހޭ ކަމެއް ނޫނެވެ. ކްރިސްޓަލް ޕެލަސްގައި އޭނާ ހޭދަކުރި ދުވަސްތަކުގައިވެސް މިކަން ވަނީ ސާބިތުވެފައެވެ.

ނަމަވެސް މި ވޯލްޑް ކަޕްގައި މި ކަނާތްފާތު ވިންގް-ބެކްގެ ނުރައްކަލާ މެދު އެހެން ޓީމުތަކުން ސަމާލުކަން ނުދީ ތިބި ނަމަ، މިހާރު އެކަން ބަދަލުވާނެކަން ޔަގީނެވެ.

އުމުރުން 30 އަހަރުގެ މި ކުޅުންތެރިޔާ ޑިފެންޑަރުންގެ ފަހަތުން ދަނޑަށް ވަދެ، ރަނގަޅު ވަގުތުގައި ދުވުންތައް ބައްޓަންކުރާ ގޮތުން އޭނާގެ ތަޖުރިބާ ހާމަވެއެވެ.

މިއީ އޭނާ އެތައް އަހަރެއް ވަންދެން ކުރަމުން އަންނަ ކަމެކެވެ. މިއީ އޭނާގެ އާދައަކަށް ވެފައިވާއިރު، ބޭރުން އެތެރެއަށް އޭނާ ކުރާ ދުވުންތައް ހުއްޓުވުމަކީ ބުނާހާ ފަސޭހަ ކަމެއް ނޫނެވެ. ހާއްސަކޮށް ޑިއާޒް ފަދަ ކުޅުންތެރިންނާ މެދު ކަންބޮޑުވާންޖެހިފައިވާ ޑިފެންސްތަކަށެވެ.

މުނޯޒް މިހާރު ހުރީ އޭނާގެ ކެރިއަރުގެ އެންމެ ރަނގަޅު ފޯމުގައެވެ. އަދި އޭނާ ކުޅޭ މަގާމުގައި ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިންގެ ތެރޭގައި ހިމެނޭއިރު، ކުރިއަށް އޮތް ތަނުގައި އިދިކޮޅު ޓީމުތަކުގެ ހާއްސަ ސަމާލުކަމެއް އޭނާއަށް ލިބޭނެއެވެ.

ނަމަވެސް އޭނާ ހުއްޓުވުމަކީ މުޅިން ތަފާތު ކަމެކެވެ.

ކަމުދިޔަތަ؟

ކޮމެންޓުތައް (0)

އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.

ކޮމެންޓު