އިންގްލެންޑް އަތުން ވޯލްޑް ކަޕްގެ ގަދަ 32ގެ މެޗުން ބަލިވުމަށް ފަހު، ޑީއާރް ކޮންގޯގެ ހެޑް ކޯޗު ސެބަސްޓިއަން ޑެސާބްރޭގެ ބައްޕަ ނިޔާވިކަން އިއުލާން ކުރުމާ ގުޅިގެން، ގައުމީ ޓީމަށް އޭނާ ބެހެއްޓި "ގަދަރާއި އިހުލާސްތެރިކަމަށް"ގިނަ ބަޔަކު އަންނަނީ ތައުރީފު ކުރަމުންނެވެ.
ބްރިއަން ސިޕެންގާ ކާމިޔާބުކޮށްދިން ލަނޑުން މެޗުގެ ކުރީކޮޅު 1-0އިން ލީޑު ހޯދައި، ޑެސާބްރޭގެ ޓީމުން ވަނީ މި މުބާރާތުގެ އެންމެ ބޮޑު ސިހުން ގެނެސްދިނުމާ ގާތަށް ގޮސްފައެވެ.
އިންގްލެންޑް ގަދަ 16އަށް ދަތުރުކުރީ މެޗުގެ ފަހުކޮޅު ހެރީ ކޭން ކާމިޔާބުކުރި ދެ ލަނޑުންނެވެ.
މެޗަށް ފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑެސާބްރޭ ވަނީ މި މެޗުގައްޔާއި މުޅި ވޯލްޑް ކަޕް ކެމްޕޭނުގައި އޭނާގެ ޓީމުން ކުރި މަސައްކަތަށް ތައުރީފުކޮށްފައެވެ.
ނޫސްވެރިންގެ ބައްދަލުވުން ނިމިގެންދިޔައީ ހީނުކުރާ ފަދަ ގޮތަކަށެވެ. ޑެސާބްރޭއާ ކުރާނެ އިތުރު ސުވާލެއް ނެތްކަން ކަށަވަރު ކުރުމަށް ފަހު، ކޮންގޯގެ ޕްރެސް އޮފިސަރު ވަނީ ކޯޗުގެ ބައްޕަ ނިޔާވި ހަބަރު ހާމަކޮށްފައެވެ.
"ޝުކުރިއްޔާ، އެކަމަކު އަޅުގަނޑުމެން މި އިއުލާން ކުރަނީ ކޯޗުގެ ބައްޕަ ނިޔާވި ހަބަރު"ފްރެންޗް ބަހުން ޕްރެސް އޮފިސަރު ބުންޏެވެ. "އެހެންކަމުން އިހުލާސްތެރި ތައުޒިޔާ ރައްދުކުރަން"
މީޑިއާގެ ކުރިމަތީގައި މި ހަބަރު އާންމުކޮށް އިއުލާން ކުރުމުން ޑެސާބްރޭއަށް ލިބުނީ ސިހުމެކެވެ. އޭނާ ހައިރާންކަމާ އެކު ޕްރެސް އޮފިސަރާ ދިމާލަށް ބަލަހައްޓައިގެން ހުއްޓެވެ.
ނޫސްވެރިންނަށް ޝުކުރު އަދާކުރުމަށް ފަހު ޑެސާބްރޭ ނޫސްވެރިންގެ ބައްދަލުވުން ނިންމާލިއެވެ. އަދި ތެދުވެގެން ދިއުމުގެ ކުރިން އަނެއްކާ ވެސް ޕްރެސް އޮފިސަރާ ދިމާލަށް ބަލައިލިއެވެ.
ކޮންގޯގެ ނޫސްވެރިއެއް ކަމަށްވާ ސްޓެނިސް ބުޖަކޭރާ ޝިއަމާލާ ރިޕޯޓްކޮށްފައިވާ ގޮތުގައި، މެޗު ފެށުމުގެ ކުރިން ޑެސާބްރޭއަށް އޭނާގެ "ވަރަށް ގާތް އާއިލީ މެންބަރަކު"ނިޔާވި ހަބަރު ލިބިފައިވެއެވެ.
ހަބަރުތައް ބުނާގޮތުގައި، ގަދަ 32ގެ މެޗުގައި ޓީމަށް އިރުޝާދުދޭން ފްރާންސްގެ ކޯޗު ހުރީ ވަރަށް ބޮޑަށް އަޒުމް ކަނޑައަޅައިގެންނެވެ. އެއާ އެކު "ކޮންގޯއަށް އޭނާ ބެހެއްޓި ވަފާތެރިކަމަށް"ގިނަ ބަޔަކު އަންނަނީ ތައުރީފު ކުރަމުންނެވެ.
ކޮންގޯގެ ކުޅިވަރާ ބެހޭ ވަޒީރު ޑިޑިއޭ ބުޑިމްބޫ ންޓުބުއަންގާ ވަނީ ސޯޝަލް މީޑިއާ މެދުވެރިކޮށް ޑެސާބްރޭއަށް ތައުޒިޔާ ފޮނުއްވައި، ވޯލްޑް ކަޕްގައި އޭނާ ދެއްކެވި ހިތްވަރަށް ތައުރީފު ކުރައްވާފައެވެ.
"އަޅުގަނޑުމެންގެ ކޯޗު ސެބަސްޓިއަން ޑެސާބްރޭއަށް ކުރިމަތިވި މި ހިތާމައިގައި އަޅުގަނޑު ފުންކޮށް ބައިވެރިވަން"އޭނާ ލިޔުއްވާފައިވެއެވެ.
"މިފަދަ ދަތި ދަނޑިވަޅެއްގައި ވެސް، މުޅި މުބާރާތުގައި އޭނާ ދެއްކެވި ކެތްތެރިކަމާއި ޕްރޮފެޝަނަލް އަހުލާގަކީ މުޅި ގައުމު ފަހުރުވެރިވާ ފަދަ ނަމޫނާއެއް"
ނޫސްވެރިންގެ ބައްދަލުވުމުގައި ޑެސާބްރޭ މައިގަނޑު ގޮތެއްގައި ވާހަކަދެއްކީ ޓީމުގެ ކުޅުމާ ބެހޭ ގޮތުންނެވެ. އަދި "ދުނިޔޭގެ އެންމެ މޮޅު އެއް ޓީމު"ގެ ގޮތުގައި އޭނާ ސިފަކުރި އިންގްލެންޑާ ދެކޮޅަށް އޭނާގެ ޓީމުން ދެއްކި ކުޅުމަށް ތައުރީފުކުރިއެވެ.
"މާޔޫސްވޭ، ސަބަބަކީ ކާމިޔާބު ކުރެވޭނެ ކަމުގެ އުންމީދު އޮތް"ޑެސާބްރޭ ބުންޏެވެ.
"ފަހަރުގައި މެޗުގެ ފަހުކޮޅު ތަޖުރިބާގެ މަދުކަން ދިމާވީ ކަމަށް ވެދާނެ، އެކަމަކު އެއީ ފުޓްބޯޅަ. ދަސްކުރާނަން، ކުރިއަށްދާނަން، އަދި ހަމަޖެހިގެން ސީދާ މިސްރާބުގައި ކުރިއަށްދާނަން"
"އަހަރެމެން ހަނގުރާމަކުރީ ކޮންގޯގެ ރައްޔިތުން ފަދައިން. ދުނިޔޭގެ އެންމެ މޮޅު އެއް ޓީމާ ދެކޮޅަށް މިއަދު އަހަރެމެން ރަނގަޅު ފުޓްބޯޅައެއް ކުޅުނިން. ހަނދާން ބަހައްޓާނީ އެކަން"
ކޮމެންޓުތައް (0)
އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.