ވާދަވެރި ކުޅުމަކަށް ފަހު 0-0 އިން އެއްވަރުވުމުން، ޕެނަލްޓީ ޝޫޓްއައުޓްގައި ހިތްވަރުގަދަކޮށް ސުވިޒަލޭންޑުން ކޮލަމްބިއާ ބަލިކޮށް ކުއާޓާއަށް ދަތުރުކޮށްފިއެވެ.
ގަދަ 16 ގެ ފަހު މެޗުގައި ދެ ޓީމުގެ ފަރާތުން ވެސް ފެނުނީ ހަމަހަމަ ކުޅުމެކެވެ. ވެންކޫވާގައި ކުޅުނު މި މެޗަކީ 2026ވަނަ އަހަރުގެ މުބާރާތުގައި ޔުނައިޓެޑް ސްޓޭޓްސްއިން ބޭރުގައި ކުޅުނު ފަހު މެޗު ވެސް މެއެވެ.
ހާސްކަން ބޮޑުވި ޕެނަލްޓީ ޝޫޓްއައުޓްގައި ކޮލަމްބިއާގެ ޑެވިންސަން ސަންޗޭޒް ފޮނުވާލި ޕެނަލްޓީ ގޯލުގެ ދަނޑިއަށް އަމާޒުވި ނަމަވެސް، ސުވިޒަލޭންޑްގެ ޑިފެންޑަރު މެނުއަލް އަކަންޖީ ފޮނުވާލި ޕެނަލްޓީ ދިޔައީ ހުރަސް ދަނޑި މަތިން ބޭރަށެވެ. އެއާއެކު އަނެއްކާ ވެސް ނަތީޖާ ހަމަހަމަވިއެވެ.
އޭގެ ފަހުން ސުވިޒަލޭންޑްގެ ގޯލްކީޕަރު ގްރެގޯ ކޮބެލް ވަނީ ކޫޗޯ ހެނާންޑޭޒް ފޮނުވާލި ޕެނަލްޓީ މޮޅު ހުޝިޔާރުކަމާއެކު ދިފާއުކޮށް، އޭނާގެ ޓީމަށް ކުރިހޯދައިދީފައެވެ.
އިތުރު ދެ ޕެނަލްޓީ ކާމިޔާބުކުރުމަށް ފަހު، ނަތީޖާ ކަނޑައަޅަން ރޫބެން ވަރްގާސް ފޮނުވާލި ޕެނަލްޓީ އޭނާ ވަނީ އެއްވެސް ގޯހެއް ހެދުމެއް ނެތި ކާމިޔާބުކޮށްފައެވެ.
މިއީ 1954ވަނަ އަހަރު ސުވިޒަލޭންޑްގައި ބޭއްވި ވޯލްޑް ކަޕަށްފަހު، އެ ގައުމުން ވޯލްޑް ކަޕްގެ ކުއާޓާ ފައިނަލަށް ދަތުރުކުރި ފުރަތަމަ ފަހަރެވެ.
މެޗުން މޮޅުވި ޓީމުގެ ކެޕްޓަން ގްރޭނިޓް ޝާކާ ބުނީ މިހާރުގެ ކުޅުންތެރިންގެ ޖީލަކީ "ޚާއްސަ" ޖީލެއް ކަމަށެވެ.
"ތަޖުރިބާކާރު ކުޅުންތެރިންގެ ގޮތުގައި ތިބި އަހަރެމެންނަށް ޒުވާން ކުޅުންތެރިންގެ ފަރާތުން ބާރު ލިބޭ. އަދި ހަމައެއާ އެކު ކޮންމެ ދުވަހަކު އަދި ކޮންމެ މެޗެއްގައި ވެސް އަހަރެމެން ޖެހެނީ ނަމޫނާ ދައްކަން،" ސުވިޒަލޭންޑްގެ ބްރޯޑްކާސްޓަރު އެސްއާރްއެފްއަށް ޝާކާ ބުންޏެވެ.
"ޔަގީނުން ވެސް އަހަރެމެންގެ ތަޖުރިބާ ހިއްސާކުރަން މަސައްކަތް ކުރަން. އެކަމަކު އެންމެ މުހިންމީ ކިތަންމެ ކުޑަ ގައުމަކަށް ވިޔަސް، މި ފެންވަރުގެ މަތީ ފުޓްބޯޅައިގައި ކޮންމެ ފަދަ ކަމެއްވެސް ހާސިލުކުރެވިދާނެ ކަމުގެ ވިސްނުން ގެންގުޅުން.
"ކޯޗިން ސްޓާފުން ފެށިގެން އެންމެ ފަހު ކުޅުންތެރިޔާއާ ހަމައަށް، އަހަރެމެން ހާސިލުކުރި ކާމިޔާބީއަށް ޓަކައި އެންމެން ވެސް ފަޚުރުވެރިވެވޭނެ،"
މެޗުގެ ފުރަތަމަ ނުރައްކާތެރި ހަމަލާ ފެނުނީ 21 ވަނަ މިނެޓުގައެވެ. އެގޮތުން އޭރިއާ ބޭރުން ގުސްތާވޯ ޕުއެރްތާ ފޮނުވާލި ބާރު ހަމަލާ، ކޮބެލް ވަނީ ހުޝިޔާރުކަމާއެކު މަތަކޮށްފައެވެ.
މުރާތު ޔަކިންގެ އިރުޝާދުގެ ދަށުން ކުޅޭ ސުވިޒަލޭންޑުން ފުރަތަމަ ހައިޑްރޭޝަން ބްރޭކަށް ފަހު ކުޅުން ވަރުގަދަކުރިއެވެ. އެގޮތުން ފަބިއަން ރީޑާ ފޮނުވާލި ހަމަލާ ކަމީލޯ ވަރްގާސް ދިފާއުކުރިއިރު، އޭގެ ފަހުން ޑެން އެންޑޯއީ ފޮނުވާލި ހަމަލާވެސް އޭނާ ވަނީ ހުއްޓުވާފައެވެ.
ނަމަވެސް، ދެ ޓީމުގެ ފަރާތުން ވެސް ހަމަހަމަ ކުޅުމެއް ފެނިގެންދިޔަ މި މެޗުގެ ފުރަތަމަ ހާފު ނިމުނީ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހިއެވެ.
ދެވަނަ ހާފު ސުވިޒަލޭންޑުން ވަރުގަދަކޮށް ފެށި ނަމަވެސް، ކޮލަމްބިއާއަށް ވެސް ފުރުސަތުތަކެއް ލިބުނެވެ. އެގޮތުން ލުއިސް ސުއަރޭޒް ފޮނުވާލި ހަމަލާ ދިޔައީ ގޯލާ އަމާޒުނުވެ ބޭރަށެވެ.
ދެވަނަ ހާފުގައި ދެ ޓީމުގެ ކޯޗުން ވެސް ގިނަ ބަދަލުތަކެއް ގެނައި ނަމަވެސް، ނުރައްކާތެރި ފުރުސަތުތަކެއް އުފެއްދުމުގައި ދެ ޓީމު ވެސް ނުކުޅެދުނެވެ. އަދި ކޮލަމްބިއާގެ ތަރި ލުއިސް ޑިއާޒް މުޅި މެޗުގައި ވެސް ފެނުނީ ވަރަށް ބަލިކޮށެވެ.
އިތުރު ވަގުތުގެ ތެރޭގައި އެންޑޯއީ ފޮނުވާލި ހަމަލާއެއް ގޯލު ކުރިމަތިން ހުރަސްވެގެން ދިޔައިރު، އެ ބޯޅަ ގޯލަށް ވައްދާލާނެ ކުޅުންތެރިއަކު ނުވިއެވެ. އެއާ އެކު މެޗުގެ ފުރިހަމަ ވަގުތު ހަމަވީ 0-0 އިން އެއްވަރުވެގެންނެވެ.
މެޗުގެ ފޯރި ގަދަވެގެންދިޔައީ އިތުރު ވަގުތުގެ ފުރަތަމަ ހާފުގައެވެ.
ކޮލަމްބިއާގެ ޑިފެންޑަރު ޖޯން ލުކޫމީ ކޯނަރަކުން ބޮލުން ފޮނުވާލި ހަމަލާ ގޯލުގެ ހުރަސް ދަނޑިއަށް އަމާޒުވިއިރު، ޖަމިންޓަން ކަމްޕާޒް ފޮނުވާލި ބާރު ހަމަލާ ކޮބެލް ވަނީ ހުއްޓުވާފައެވެ.
އަނެއްކޮޅުން، ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ޒެކީ އަމްދޫނީ ފޮނުވާލި ހަމަލާ، ވަރްގާސް ވަނީ ވައަތް ފަރާތަށް ވެއްޓިގަނެ ދިފާއުކޮށްފައެވެ.
މެޗު ނިމެން ފަސް މިނެޓަށް ވެފައިވަނިކޮށް، މެޗުން މޮޅުވާން ކަމްޕާޒަށް ރަނުގެ ފުރުސަތެއް ލިބި ބޭކާރުވިއެވެ.
ދެ ޓީމު އެއްވަރުވެގެން ނަތީޖާ ނެރުމަށް ޕެނަލްޓީއަށް ދިޔައިރު، ޔޫރަޕްގެ ސުވިޒަލޭންޑުން ވަނީ ހިތްވަރުގަދަކޮށް މެޗު ކާމިޔާބުކޮށްފައެވެ.
"އަހަރެން ގަބޫލުކުރަނީ މި ގައުމީ ޓީމަށް މިއަށް ވުރެ ރަނގަޅު ކާމިޔާބީއެއް ހައްގު ކަމަށް،" ކޮލަމްބިއާގެ ފޯވާޑް ސުއަރޭޒް ޑީސްޕޯޓްސްއަށް ބުންޏެވެ.
"އުއްމީދަކީ މިއީ ބޮޑު ބަދަލެއްގެ ފެށުން ކަމަށް ވުން. ސަބަބަކީ މި ވޯލްޑް ކަޕްގައި މި ޓީމުން ދެއްކި ކުޅުމަކީ ވަރަށް އުއްމީދީ ކުޅުމެއް،" އޭނާ އިތުރަށް ބުންޏެވެ.
ހޮނިހިރު ދުވަހު ކެންސަސް ސިޓީގައި ސުވިޒަލޭންޑް ނުކުންނާނީ އާޖެންޓީނާއާ ދެކޮޅަށެވެ. ލިއޮނަލް މެސީގެ އާޖެންޓީނާ ކުއާޓާއަށް ދަތުރުކުރީ އެޓްލާންޓާގައި ކުޅުނު ފޯރިގަދަ މެޗެއްގައި 3-2އިން މިސްރު ބަލިކޮށްގެންނެވެ.
ކޮމެންޓުތައް (0)
އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.