ފީފާ ވޯލްޑް ކަޕް 2026 ގެ ނޮކްއައުޓް ބުރުގެ ކުރެހުން މިހާރު ދަނީ ބައްޓަންވަމުންނެވެ.
މި ބުރު ފެށޭނީ ޖޫން 28 އިން ޖުލައި 3އަށް ކުރިއަށްދާ 32 ޓީމުގެ ބުރާ އެކުގައެވެ.
ކޮލިފައިވުމުގެ ފޯމެޓާއި މިންގަނޑުތަކަކީ ކޮބައި ހެއްޔެވެ؟ އަދި ކުރިއަށް ދިޔައީ ނުވަތަ މުބާރާތުން ކެޓީ ކޮން ޓީމުތަކެއް ހެއްޔެވެ؟
12 ގްރޫޕުގެ ތެރެއިން ކޮންމެ ގްރޫޕެއްގެ އެއްވަނަ އަދި ދެވަނަ ޓީމުގެ އިތުރުން، ތިންވަނައަށްދާ އެންމެ މޮޅު އަށް ޓީމު ނޮކްއައުޓް ބުރަށް ހޮވޭނެއެވެ.
ނޮކްއައުޓް ބުރު ފެށޭނީ 32 ޓީމުގެ ބުރާ އެކުގައެވެ. މިއީ މުބާރާތް 32 ޓީމުން 48 ޓީމަށް ބޮޑުކުރުމާ ގުޅިގެން ވޯލްޑް ކަޕެއްގައި އަލަށް ތައާރަފްކުރި ބުރެކެވެ.
އޭގެ ފަހުން 16 ޓީމުގެ ބުރާއި، ކުއާޓާ ފައިނަލާއި، ސެމީ ފައިނަލް އަދި ތިންވަނަ ހޮވާ މެޗު ކުޅެވޭނެއެވެ. ފައިނަލް މެޗު އޮންނާނީ ޖުލައި 19 ގައެވެ.
މުބާރާތުގެ ތާވަލު ބުރުތަކަށް ބަހާލެވިފައިވާ ގޮތަކީ:
ޕޮއިންޓް އެއްވަރުވާ ޓީމުތަކުގެ މެދުގައި ވަނަ ކަނޑައެޅުމަށް، ލަނޑުގެ ތަފާތުގެ ބަދަލުގައި ހެޑް-ޓު-ހެޑް ރެކޯޑަށް ފީފާއިން އިސްކަންދޭ ފުރަތަމަ ވޯލްޑް ކަޕަކީ މިއެވެ.
ހެއިޓީ، ތުރުކީ، ޓިއުނީޝިއާ، އުރުދުން އަދި ޕެނަމާ ވަނީ މުބާރާތުން ކަޓާފައެވެ. އެއީ އެ ޓީމުތައް ހިމެނޭ ގްރޫޕްތަކުގެ ތިންވަނަ ޓީމުތަކާ ދެކޮޅަށް ކުޅުނު މެޗުތަކުން ބަލިވެފައިވުމުން، އެ ޓީމުތަކާ އަރާ ހަމަނުކުރެވޭނެތީއެވެ.
މުބާރާތް ބާއްވާ އެއް ގައުމު ކަމަށްވާ މެކްސިކޯ އަކީ ނޮކްއައުޓް ބުރަށް ހޮވުނު ފުރަތަމަ ޓީމެވެ. އެއީ ޖޫން 18 ވާ ބުރާސްފަތި ދުވަހު ދެކުނު ކޮރެއާ އަތުން 1-0 އިން މޮޅުވެ، ގްރޫޕް އޭ ގެ އެއްވަނަ ހޯދައިގެންނެވެ. މެކްސިކޯއިން މުބާރާތް ފެށީ ހަލަބޮލި ފުރަތަމަ މެޗުގައި ސައުތު އެފްރިކާ އަތުން 2-0 އިން މޮޅުވެގެންނެވެ.
ނޮކްއައުޓް ބުރުގެ ޖާގައެއް ކަށަވަރުކުރި ދެވަނަ ޓީމަކީ އެމެރިކާއެވެ. އެއީ ޖޫން 19ވާ ހުކުރު ދުވަހު އޮސްޓްރޭލިއާ އަތުން 2-0އިން މޮޅުވެ، ގްރޫޕް ޑީގެ އެއްވަނަ ހޯދައިގެންނެވެ. އެމެރިކާއިން މުބާރާތް ފެށީ ޕެރަގުއޭ އަތުން 4-1އިން މޮޅުވެގެންނެވެ.
ޖޫން 20 ވާ ހޮނިހިރު ދުވަހު އައިވަރީ ކޯސްޓް އަތުން 2-1އިން މޮޅުވެ، ޖަރުމަނު ވެގެންދިޔައީ 32 ޓީމުގެ ބުރަށް ދަތުރުކުރި ތިންވަނަ ޓީމަށެވެ. 2018ގެ ރަޝިއާ ވޯލްޑް ކަޕާއި މީގެ ހަތަރު އަހަރު ކުރިން ގަތަރުގައި އޮތް ވޯލްޑް ކަޕްގެ ގްރޫޕް ބުރުން ކެޓި ޖަރުމަނުން މިފަހަރުގެ މުބާރާތް ފެށީ ކުރަސާއޯ އަތުން 7-1ގެ ބޮޑު މޮޅަކުންނެވެ.
ޖޫން 22 ވާ ހޯމަ ދުވަހު އޮސްޓްރިއާ އަތުން 2-0 އިން މޮޅުވެ، އާޖެންޓީނާއިން ވަނީ ނޮކްއައުޓް ބުރުގެ ޖާގައެއް ކަށަވަރުކޮށްފައެވެ. މި މެޗުގައި ލިއޮނަލް މެސީ ދެ ލަނޑު ޖެހިއިރު، އޭނާ ވަނީ ވޯލްޑް ކަޕްގެ ތާރީޚުގައި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ ޝަރަފު 18 ލަނޑާއެކު ހޯދާފައެވެ. އާޖެންޓީނާގެ ކެޕްޓަން ވަނީ އަލްޖީރިއާ އަތުން 3-0 އިން މޮޅުވި ފުރަތަމަ މެޗުގައި އޭނާގެ ފުރަތަމަ ވޯލްޑް ކަޕް ހެޓްރިކް ހަދާފައެވެ. އެންމެ ފަހުގެ ޗެމްޕިއަން އާޖެންޓީނާއަށް ގްރޫޕް ޖޭ ގެ އެއްވަނަ މިހާރު ވަނީ ކަށަވަރުވެފައެވެ.
މުބާރާތުގެ ކުރިން އެންމެ ފޭވަރިޓުންގެ ގޮތުގައި ބެލެވުނު ފްރާންސުން ވަނީ ހޯމަ ދުވަހުގެ ރޭ އިރާގު އަތުން 3-0 އިން މޮޅުވެ، 32 ޓީމުގެ ބުރުން ޖާގައެއް ހޯދާފައެވެ. މި މެޗުގައި ކީލިއަން އެމްބާޕޭ ދެ ލަނޑު ޖެހިއެވެ. 2018 ގެ ދުނިޔޭގެ ޗެމްޕިއަނުން މުބާރާތް ފެށީ ސެނެގާލް އަތުން 3-1 އިން މޮޅުވެގެންނެވެ. އެ މެޗުގައިވެސް އެމްބާޕޭ ދެ ލަނޑު ޖެހިއެވެ.
މުބާރާތުގެ ދެވަނަ މެޗުގައި ސެނެގާލް އަތުން 3-2 އިން މޮޅުވެ، ނޯވޭއިން ވަނީ ނޮކްއައުޓް ބުރުގެ ޖާގައެއް ކަށަވަރުކޮށްފައެވެ. 28 އަހަރަށް ފަހު ވޯލްޑް ކަޕަށް އެނބުރި އައި ނޯވޭއިން މުބާރާތް ފެށީ އިރާގު އަތުން 4-1 އިން މޮޅުވެގެންނެވެ.
ޑީއާރު ކޮންގޯ އަތުން 1-0 އިން މޮޅުވެ، ކޮލަމްބިއާ ވެސް ވަނީ މި ބުރަށް ހޮވިފައެވެ. ދެކުނު އެމެރިކާގެ މި ޓީމުން ވަނީ ފުރަތަމަ މެޗުގައި އުޒްބެކިސްތާން އަތުން 3-1 އިން މޮޅުވެފައެވެ.
ޖޫން 19 ވާ ހުކުރު ދުވަހު ބްރެޒިލް އަތުން 3-0 އިން ބަލިވެ، މުބާރާތުން ކެޓި ފުރަތަމަ ޓީމަކަށް ހެއިޓީ ވެގެންދިޔައެވެ. 1974ގެ ފަހުން ފުރަތަމަ ފަހަރަށް ވޯލްޑް ކަޕެއްގައި ކުޅުނު ހެއިޓީ ވަނީ ފުރަތަމަ މެޗުގައި ސްކޮޓްލޭންޑް އަތުން 1-0 އިން ބަލިވެފައެވެ.
ހުކުރު ދުވަހުގެ ރޭ 10 ކުޅުންތެރިންނާ އެކު ކުޅުނު ޕެރަގުއޭ އަތުން 1-0އިން ބަލިވެ، ތުރުކީ ވެސް ވަނީ މުބާރާތުން ކަޓާފައެވެ. 24 އަހަރަށް ފަހު މުބާރާތުގައި ފުރަތަމަ ފަހަރަށް ވާދަކުރި ތުރުކީ ވަނީ ފުރަތަމަ މެޗުގައި އޮސްޓްރޭލިއާ އަތުން 2-0 އިން ހައިރާންކުރުވަނިވި ގޮތަކަށް ބަލިވެފައެވެ.
ޖޫން 20 ވާ ހޮނިހިރު ދުވަހު ޖަޕާން އަތުން 4-0 އިން ބަލިވެ، މުބާރާތުން ކެޓި ތިންވަނަ ޓީމަކަށް ޓިއުނީޝިއާ ވެގެންދިޔައެވެ. މިއީ ފުރަތަމަ މެޗުގައި ސްވިޑަން އަތުން 5-1 ގެ ބޮޑު ބައްޔަކުން ބަލިވިތާ މާގިނަ ދުވަސްތަކެއް ނުވަނީސް ލިބުނު ބައްޔެކެވެ. ޓިއުނީޝިއާއަކީ 1978ގައި މެކްސިކޯ ބަލިކޮށް، ވޯލްޑް ކަޕް މެޗަކުން މޮޅުވި އެފްރިކާގެ ފުރަތަމަ ގައުމެވެ. ނަމަވެސް އެ ގައުމަށް ދުވަހަކު ވެސް ގްރޫޕް ބުރު ފަހަނައަޅައި ދެވިފައެއް ނުވެއެވެ.
މި މުބާރާތުގައި އަލަށް ވާދަކުރާ ހަތަރު ގައުމުގެ ތެރެއިން އެއް ގައުމު ކަމަށްވާ އުރުދުން މުބާރާތުން ކެޓީ ޖޫން 22 ވާ ހޯމަ ދުވަހު އަލްޖީރިއާ އަތުން 2-1އިން ބަލިވެގެންނެވެ. އޭޝިއާގެ މި ޓީމު ވަނީ ފުރަތަމަ މެޗުގައި އޮސްޓްރިއާ އަތުން 3-1 އިން ބަލިވެފައެވެ.
ޖޫން 23 ވާ އަންގާރަ ދުވަހު ކްރޮއޭޝިއާ އަތުން 1-0 އިން ބަލިވެ، ގްރޫޕް ބުރުގެ ދެވަނަ ބައްޔާ އެކު ޕެނަމާ ވަނީ ވޯލްޑް ކަޕުން ކަޓާފައެވެ. އެ ޓީމު ވަނީ ފުރަތަމަ މެޗުގައި ގާނާ އަތުން ވެސް 1-0 އިން ބަލިވެފައެވެ.
ކޮމެންޓުތައް (0)
އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.