ހޯދާ
ހޮނިހިރު • 17 އޮކްޓޯބަރު 2026
🔖

ހާލަންޑަށް ރަންބޫޓް ހޯދައިދޭން ނޯވޭގެ މުޅި ޓީމު އެހީވާނެ: ކޯޗު

ޝެއާ ކުރޭ Facebook Telegram Viber X

ފީފާ ވޯލްޑް ކަޕްގެ ރަން ބޫޓު ހޯދުމަށް އާލިންގ ހާލަންޑް ކުރާ މަސައްކަތުގައި ނޯވޭގެ މުޅި ޓީމުން އެހީތެރިވާނެ ކަމަށް އެ ގައުމުގެ ކޯޗު ސްޓާލް ސޮލްބަކެން ބުނެފިއެވެ.

ރޭ ސެނެގާލްގެ މައްޗަށް ހޯދި މޮޅުގައި  ހާލަންޑް ވަނީ ދެ ލަނޑު ޖަހައި، މިފަހަރުގެ މުބާރާތުގައި އޭނާ ކާމިޔާބުކުރި ލަނޑުގެ އަދަދު ހަތަރަކަށް އިތުރުކޮށްފައެވެ.

ކޯޗު ސޮލްބަކެން ފާހަގަކުރި ގޮތުގައި ފަރަންސޭސިވިލާތް ނުވަތަ އާޖެންޓީނާ ފަދަ ޓީމުތަކަށް ކުޅޭއިރު ރަން ބޫޓު ހޯދަން ފަސޭހަވާނެއެވެ. ނަމަވެސް، ހާލަންޑަށް އެ ޝަރަފު ހޯދައިދިނުމަށް ޓަކައި ކޮންމެ މެޗެއްގައި އޭނާ ކުޅުވުމުގެ އިތުރުން، ޓީމުގެ ހުރިހާ ކުޅުންތެރިން ވެސް އޭނާއަށް އެހީތެރިވާނެ ކަމަށް ކޯޗު ބުންޏެވެ. އަދި ހާލަންޑް މިވަގުތު ދައްކަމުންދާ މޮޅު ކުޅުމަށް ތައުރީފުކޮށް، ދުނިޔޭގެ އެންމެ ބޮޑު މުބާރާތުގައި އޭނާ ލަނޑު ޖަހާތީ އުފާކުރާ ކަމަށްވެސް ސޮލްބަކެން ބުންޏެވެ.

މެޗަށް ފަހު ވާހަކަދައްކަމުން ހާލަންޑް ބުނީ އޭނާއަށް މިހާ ގިނަ ލަނޑު ޖެހޭ ސަބަބެއް ބުނެދޭން ނޭނގޭ ކަމަށާއި، އޭނާގެ ނަސީބު ރަނގަޅުވެފައި ގޯލާ ރައްޓެހީ ކަމަށެވެ. ސެނެގާލަކީ ވަރުގަދަ ޓީމެއްކަން ފާހަގަކޮށް ހާލަންޑް ބުނީ، ޖެހިޖެހިގެން މިހާރު 12ވަރަކަށް މެޗުން މޮޅުވެވިފައިވާ ކަމަށާއި، މިވަގުތު އޮތް ނޯވޭގެ ހާއްސަ ޓީމުގައި އޭނާ ހިމެނޭތީ އުފާކުރާ ކަމަށެވެ.

އަނެއްކޮޅުން ސެނެގާލްގެ ކޯޗު ޕެޕޭ ތިއާއު ބުނީ، މިއީ މުބާރާތެއް ކަމުން ދެން އޮތް ބުރަށް ދިއުމަށް އެންމެ ފަހު މެޗާ ހަމައަށް ވެސް މަސައްކަތް ކުރާނެ ކަމަށެވެ. މިއީ ވޯލްޑް ކަޕްގެ ގްރޫޕް މަރުހަލާގެ ފުރަތަމަ ދެ މެޗުން ސެނެގާލް ބަލިވި ފުރަތަމަ ފަހަރު ކަމަށް ގަބޫލުކުރި ނަމަވެސް، މުބާރާތުން ކުރިއަށް ދިއުމުގެ ފުރުސަތު އެއްކޮށް ނުގެއްލޭ ކަމަށް އޭނާ ބުންޏެވެ.

ތިއާއު އިތުރަށް ބުނީ، މުބާރާތަށް އައިއިރު ސެނެގާލަކީ ބައިކޮޅަށް މަދުން ލަނޑު ވަންނަ، ޑިފެންސް ވަރުގަދަ ޓީމެއްގެ ގޮތުގައި ފާހަގަކުރެވުނު ނަމަވެސް، މިފަހަރުގެ ފުރަތަމަ ދެ މެޗުގައި ބައިކޮޅަށް ހަ ލަނޑު ވަދެފައިވާތީ އެކަން ރަނގަޅު ކުރަންޖެހޭ ކަމަށެވެ. އަދި މިފަދަ ބޮޑެތި މުބާރާތްތަކުގައި ކުރިއަށް ދެވޭނީ ބައިކޮޅަށް ވަންނަ ލަނޑު މަދުކޮށްގެން ކަމަށް ވެސް އޭނާ ފާހަގަކުރިއެވެ.

ކަމުދިޔަތަ؟

ކޮމެންޓުތައް (0)

އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.

ކޮމެންޓު