ހިނގަމުންދާ ފީފާ ވޯލްޑް ކަޕްގެ ގްރޫޕް ޖޭގައި ރޭ އޮސްޓްރިއާ އަތުން އާޖެންޓީނާ މޮޅުވި މެޗުގައި އެޓީމުގެ ކެޕްޓަން ލިއޮނެލް މެސީ ދެއްކި މޮޅު ކުޅުމަށް ކޯޗު ލިއޮނެލް ސްކަލޯނީ ވަރަށް ބޮޑަށް ތައުރީފްކޮށްފިއެވެ.
މި މެޗުގައި އާޖެންޓީނާއިން ކާމިޔާބުކުރި ދެ ލަނޑުވެސް ޖަހައިދިނީ މެސީއެވެ. މި ދެ ލަނޑާ އެކު އޭނާ ވަނީ ވޯލްޑް ކަޕްގެ ތާރީޚުގައި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ ރެކޯޑް ވެސް ގާއިމްކޮށްފައެވެ.
މެޗަށްފަހު ވާހަކަދައްކަމުން ސްކަލޯނީ ބުނީ މެސީގެ ކުޅުމާ މެދު އޭނާ އިންތިހާއަށް އުފާކުރާ ކަމަށާއި، ހާއްސަކޮށް މެޗުގައި ބޯޅަ ނެތި ޓީމު ހާސްކަމެއްގެ ތެރޭގައި އޮތް ވަގުތުތަކުގައި މެސީ ދެއްކި ލީޑަޝިޕް ފާހަގަކުރާ ކަމަށެވެ. އަދި އޮސްޓްރިއާގެ ވަރުގަދަ ކުޅުންތެރިންނާ ދެކޮޅަށް މެސީ ދަނޑުމަތީގައި ބޯޅަ ހޯދުމަށް ގިނަ މަސައްކަތްތަކެއް ކުރި ކަމަށާއި، އާޖެންޓީނާއިން ޖެހި ލަނޑު ވެސް ކާމިޔާބުކުރީ މެސީ އަމިއްލައަށް މަސައްކަތްކޮށްގެން ހޯދި ބޯޅައަކުން ކަމަށް ސްކަލޯނީ ބުންޏެވެ.
މީގެ އިތުރުން ސްކަލޯނީ ވަނީ އޮސްޓްރިއާ މެޗަކީ އުނދަގޫ މެޗެއްކަން ފާހަގަކޮށް، އެޓީމުގެ އިސްކޮޅުން ދިގު އަދި ވަރުގަދަ ކުޅުންތެރިން އެއްވެސް ބޯޅައެއްގައި ދޫދޭން ބޭނުންނުވިކަން ހާމަކޮށްފައެވެ. އަދި ގްރޫޕްގެ ފަހު މެޗުގައި އުރުދުންއާ ދެކޮޅަށް ކުޅޭއިރު، މިހާތަނަށް މި މުބާރާތުގައި ކުޅުމުގެ ފުރުސަތު ނުލިބި ތިބި ގިނަ ކުޅުންތެރިންނަށް ފުރުސަތު ދިނުމުގެ ވިސްނުން އެބަހުރި ކަމަށްވެސް އޭނާ ބުންޏެވެ.
އޮސްޓްރިއާގެ ކޯޗު ރަލްފް ރަންގްނިކް ވެސް ވަނީ މެސީއަށް ބޮޑު ތައުރީފެއް ކޮށްފައެވެ. އޭނާ ބުނީ އުމުރުން 39 އަހަރުގެ ކުޅުންތެރިއަކު މިފަދަ މެޗެއްގައި ދެ ލަނޑު ޖަހައި، މުބާރާތުގެ މިހާ ކުރީކޮޅު ފަސް ލަނޑު ހަމަކުރުމުން އޭނާގެ ފެންވަރު ހާމަވެގެންދާ ކަމަށެވެ. މެސީއަކީ މުޅިން ތަފާތު ހަރުފަތެއްގެ ކުޅުންތެރިއެއްކަން ފާހަގަކުރަމުން ރަންގްނިކް ބުނީ، އޭނާއަކީ ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާކަން އަނެއްކާ ވެސް ސާބިތުކޮށްދީފި ކަމަށެވެ. ނަމަވެސް، އޮސްޓްރިއާ ކޮޅަށް ވަން ދެވަނަ ލަނޑުގައި އެޓީމުގެ ކުޅުންތެރިންނަށް ގޯސްތަކެއް ހެދުނު ކަމަށާއި، ފުރަތަމަ ލަނޑުގެ ކުރިން އޭނާގެ ކުޅުންތެރިއަކަށް ފައުލްކުރި ކަމަށް ރަންގްނިކް ފާހަގަކުރިއެވެ.
ކޮމެންޓުތައް (0)
އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.