ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި މިރޭ އާޖެންޓީނާއާ ދެކޮޅަށް ކުޅޭ މެޗުގައި، އެ ގައުމުގެ ކެޕްޓަން ލަޔޮނަލް މެސީއަށް ހެޓްރިކެއް ހެދިޔަނުދީ ހިފެހެއްޓުމަކީ އޮސްޓްރިއާގެ އެންމެ ބޮޑު އަމާޒު ކަމަށް އެ ގައުމުގެ ކެޕްޓަން ޑޭވިޑް އަލަބާ ބުނެފިއެވެ.
މުބާރާތުގެ ފުރަތަމަ މެޗުގައި އަލްޖީރިއާ ކޮޅަށް މެސީ ވަނީ ހެޓްރިކެއް ހަދައި، ވޯލްޑް ކަޕްގެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ ރެކޯޑާ އަރާ ހަމަކޮށްފައެވެ.
މިރޭގެ މެޗުގެ ކުރިން ވާހަކަދައްކަމުން އޮސްޓްރިއާގެ ކެޕްޓަން އަލަބާ ބުނީ، ފުރަތަމަ މެޗުގައި މެސީ ދެއްކި ކުޅުން އެމީހުން ބެލި ކަމަށާއި، މިފަދަ ބޮޑު މުބާރާތެއް ހެޓްރިކަކުން ފެށުމަކީ އާދައިގެ ކަމެއް ނޫން ކަމަށެވެ. ނަމަވެސް މިރޭގެ މެޗުގައި މެސީއަށް އެ ފުރުސަތު ނުދޭން މަސައްކަތް ކުރާނެ ކަމަށް އޭނާ ބުންޏެވެ.
"އަހަރުމެންނަށް އެނގޭ އެ މީހުންގެ ކޮލިޓީސް ތަކަކީ ކޮބާކަން. އެ މީހުންނަކީ ކޮން ފެންވަރެއްގެ ޓީމެއްކަން. ހާއްސަކޮށް މެސީއާއެކު އެ މީހުންނަކީ ތަފާތު ޓީމެއްކަން. ކޮންމެ ފަދަ ނަތީޖާއެއް ވެސް ނެރެފާނެކަން" އަލަބާ ބުންޏެވެ.
މިރޭގެ މެޗަށް ދެ ޓީމު ނުކުންނައިރު، މުބާރާތުގެ ފުރަތަމަ މެޗުން ދެ ގައުމުވެސް ވަނީ މޮޅުވެފައެވެ. އެގޮތުން އާޖެންޓީނާއިން އަލްޖީރިއާ ބަލިކުރިއިރު، އޮސްޓްރިއާ ވަނީ ފުރަތަމަ މެޗުގައި ޖޯޑަންގެ މައްޗަށް ކުރިހޯދާފައެވެ.
މި މެޗުގެ ކުރިން ވާހަކަދެއްކި އާޖެންޓީނާގެ އެސިސްޓެންޓް ކޯޗު ޕަބްލޯ އައިމާ ބުނީ، ފުރަތަމަ މެޗުގައި ބައްދަލުކުރި އަލްޖީރިއާއަށްވުރެ އޮސްޓްރިއާ ހުރިހާ ގޮތަކުންވެސް ވަރުގަދަވާނެ ކަމަށެވެ. އޮސްޓްރިއާ ޓީމުގައި ވޯލްޑް ކަޕްގެ ތަޖުރިބާ ހުރި ގިނަ ކުޅުންތެރިންތަކެއް ތިބުމަކީ އެމީހުން ތަފާތުވާނެ ސަބަބެއް ކަމަށް އައިމާ ފާހަގަކުރިއެވެ.
އައިމާ އިތުރަށް ބުނީ، މި މެޗުން މޮޅުވެގެން މުބާރާތުގެ ދެވަނަ ބުރުގެ ޖާގައެއް ކަށަވަރު ކުރެވެން އޮތުމުން، އެންމެ ފަހުގެ ޗެމްޕިއަން އާޖެންޓީނާގެ މައިގަނޑު އަމާޒަކީ އެއީ ކަމަށެވެ.
ކޮމެންޓުތައް (0)
އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.