ސްކޫލް ދަރިވަރުންނަށް އަމާޒުކޮށްގެން ކުރިއަށްގެންދާ ރާއްޖެ ޖޫނިއަރ ވޮލީބޯލް ޗެންޕިއަންޝިޕް ގައި ބައިވެރިވުމުގެ ފުރުސަތު ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް)އިން ހުޅުވާލައިފިއެވެ.
ތިން އުމުރުފުރާއަކަށް ބަހާލައިގެން ބާއްވާ މި މުބާރާތުގައި ހިމެނެނީ 14އަހަރުން ދަށް، 16އަހަރުން ދަށް އަދި 19އަހަރުން ދަށުގެ އުމުރުފުރާތަކެވެ. މި ތިން އުމުރުފުރާގައި ވެސް އަންހެން އަދި ފިރިހެން ޑިވިޝަންގެ މެޗުތައް ކުރިއަށްދާނެއެވެ.
ވީއޭއެމްއިން ސަރުކާރުގެ ގެޒެޓުގައި ކޮށްފައިވާ އިއުލާނުގައިވާ ގޮތުން، މި މުބާރާތުގައި ބައިވެރިވުމުގެ އެންމެ ފަހު ސުންގަޑިއަކީ އަންނަ މަހުގެ 1ވަނަ ދުވަހުގެ ރޭގަނޑު 11:00އެވެ. އަދި މުބާރާތުގައި ވާދަކުރާ ޓީމުތަކުގެ ލިސްޓު ހުށަހެޅުމަށް ޖުލައި މަހުގެ 16ވަނަ ދުވަހުގެ ރޭގަނޑު 11:00އާ ހަމައަށް ފުރުސަތު އޮންނާނެއެވެ. މި މުބާރާތް ކުރިއަށްދާނީ ބައިނަލްއަޤުވާމީ ވޮލީބޯޅަ ފެޑެރޭޝަން (އެފްއައިވީބީ)ގެ އެންމެ ފަހުގެ ގަވާއިދުތަކާ އެއްގޮތަށެވެ.
މުބާރާތުގައި ވާދަކުރާ އުމުރުފުރާތަކުގެ ތަފްސީލަށް ބަލާއިރު، 14އަހަރުން ދަށުގެ އުމުރުފުރާގައި ކުޅެވޭނީ މިއަހަރުގެ ޑިސެމްބަރު 31ގެ ނިޔަލަށް 15އަހަރު ނުފުރޭ ދަރިވަރުންނަށެވެ. އަދި 16އަހަރުން ދަށުގެ ބައިގައި މިއަހަރުގެ ޑިސެމްބަރު 31އަށް 17އަހަރު ނުފުރޭ ކުދިންނަށް ވާދަކުރެވޭއިރު، 19އަހަރުން ދަށުގެ ބައިގައި ބައިވެރިވެވޭނީ މިއަހަރުގެ ޑިސެމްބަރު 31އާ ހަމައަށް 20އަހަރު ނުފުރޭ ދަރިވަރުންނަށެވެ.
މި މުބާރާތުގައި ވާދަކުރާ ކޮންމެ ޓީމެއްގައި މަދުވެގެން 8ކުޅުންތެރިން ހިމަނަންޖެހޭއިރު، އެންމެ ގިނަވެގެން ހިމެނޭނީ 14ކުޅުންތެރިންނާއި 5އޮފިޝަލުންނެވެ. ޓީމެއްގައި 12ކުޅުންތެރިންނަށްވުރެ ގިނައިން ހިމަނާނަމަ، އޭގެ ތެރެއިން 2ކުޅުންތެރިންނަކީ ލިބަރޯއިންނަށް ވާންޖެހެއެވެ. މީގެ އިތުރުން، އަންހެން ޑިވިޝަނުގެ ޓީމުތަކުގެ އޮފިޝަލުންގެ ތެރޭގައި މަދުވެގެން އެއް އަންހެން އޮފިޝަލަކު ހިމެނުން ގަވާއިދުން ވަނީ މަޖުބޫރުކޮށްފައެވެ.
މުޅި ރާއްޖެ އަށް ޒޯނަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެ ޒޯން 1ގައި ހިމެނެނީ ހއ، ހދ އަދި ށ އަތޮޅުގެ ސްކޫލްތަކެވެ. ޒޯން 2ގައި ނ، ރ، ބ އަދި ޅ އަތޮޅު ހިމެނޭއިރު، ޒޯން 3ގައި ހިމެނެނީ ކ، އއ، އދ އަދި ވ އަތޮޅެވެ. މ، ފ އަދި ދ އަތޮޅުގެ ސްކޫލްތައް ޒޯން 4ގައި ހިމެނޭއިރު، ޒޯން 5ގައި ހިމެނެނީ ތ އަދި ލ އަތޮޅެވެ. މީގެ އިތުރުން ގްރޭޓާ މާލޭ އޭރިއާގެ ސްކޫލްތައް ޒޯން 6ގައި، ގއ އަދި ގދ އަތޮޅު ޒޯން 7ގައި، އަދި ޏ އަދި ސ އަތޮޅުގެ ސްކޫލްތައް ވާދަކުރާނީ ޒޯން 8ގައެވެ.
ކޮމެންޓުތައް (0)
އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.