ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި މިރޭ ޕެނަމާއާ ދެކޮޅަށް ކްރޮއޭޝިޔާ ނުކުންނައިރު، މެޗުގެ ފެވަރިޓުންނަކީ ކްރޮއޭޝިއާ ކަމަށް ކޯޗު ލަޓްކޯ ޑަލިކް ބުނެފިއެވެ.
ނަމަވެސް، މި މެޗުން މޮޅުވެގެން ދެވަނަ ބުރުގެ އުންމީދު ދަމަހައްޓަން ބޭނުން ނަމަ، ޓީމުގެ ޑިފެންސް ލައިން މިހާރަށް ވުރެ ބޮޑަށް ވަރުގަދަކުރަން ޖެހޭނެ ކަމަށް އޭނާ ފާހަގަކުރިއެވެ.
އިނގިރޭސިން އަތުން 4-2ގެ ނަތީޖާއަކުން ބަލިވި މެޗަށް އިޝާރާތްކޮށް، 2017ވަނަ އަހަރުން ފެށިގެން ކްރޮއޭޝިޔާގެ ގައުމީ ޓީމަށް އިރުޝާދުދެމުން އަންނަ ޑަލިކް ބުނީ، ކުރީ މެޗަށް ވުރެ މިރޭގެ މެޗުގައި ހުރިހާ ގޮތަކުން ވެސް ޓީމުގެ ކުޅުން ރަނގަޅު ކުރަން ޖެހޭ ކަމަށެވެ. މިރޭގެ މެޗުން މޮޅުނުވެވިއްޖެ ނަމަ، މުބާރާތުގެ ދެވަނަ ބުރަށް ނުގޮސް ކްރޮއޭޝިޔާ ކެޓުމުގެ ބިރު އެބައޮތެވެ. އެހެންކަމުން ޕެނަމާގެ އެޓޭކްތަކަށް ވަރަށް ބޮޑަށް ސަމާލުވާން ޖެހޭނެ ކަމަށް އޭނާ ބުންޏެވެ.
"މި މެޗުގެ ފޭވަރިޓުންނަކީ އަހަރުމެން. އަހަރުމެން އެބަޖެހޭ އެކަން ދައްކަން. އަހަރުމެން ޖެހޭ އެވަރުގެ ހަރުދަނާ ކަމެއް ދައްކަން. ކުރީ މެޗުގައި ހެދުނު ގޯސްތައް ރަނގަޅު ކުރަން. ހާއްސަކޮށް ޑިފެންސް ލައިނުން ހެދި ގޯސްތައް" 2018ގެ ވޯލްޑް ކަޕްގެ ރަނަރަޕް އަދި 2022ގެ ތިންވަނަ ޓީމުގެ ކޯޗު ބުންޏެވެ.
މިރޭގެ މެޗުގައި ވެސް ކްރޮއޭޝިޔާގެ މެދުތެރެއިން ފެންނާނީ އުމުރުން 40އަހަރުގެ ތަޖުރިބާކާރު މިޑްފީލްޑަރު ލޫކާ މޮޑްރިޗާއި ކޮވަސިޗްއެވެ. އިނގިރޭސި މެޗުގައި އެދެވޭ ކުޅުމެއް ނުދެއްކިގެން ބަދަލުކުރި ކެޕްޓަން މޮޑްރިޗާ ބެހޭގޮތުން ޑަލިކް ބުނީ، އޭނާއަކީ ދަނޑުމަތީގައި ކޯޗުގެ ކަނާތް ފަދަ މުހިންމު ކުޅުންތެރިއެއް ކަމަށާއި، އޭނާގެ ލީޑަޝިޕަކީ އަބަދުވެސް ޓީމަށް ބޭނުންތެރި އެއްޗެއް ކަމަށެވެ.
މުހިންމު މެޗުގެ ކުރިން ކްރޮއޭޝިޔާގެ ބޮޑުވަޒީރު ޕްލެންކޮވިޗް ވަނީ ގައުމީ ޓީމާ ބައްދަލުކުރައްވައި ހިތްވަރު ދެއްވާފައެވެ. ބޮޑުވަޒީރު މިވަގުތު ހުންނެވީ ކެނެޑާއަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައެވެ.
ކޮމެންޓުތައް (0)
އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.