ޖަރުމަނުގެ ގައުމީ ޓީމުގެ އިތުބާރު ޑިފެންޑަރު ނިކޯ ޝްލޮޓަބެކުގެ ވާތު ފައިގެ ކުޑަހުޅަށް ލިބުނު ބޮޑު އަނިޔާއަކާ ގުޅިގެން، މިހާރު ކުރިއަށްދާ ފީފާ ވޯލްޑް ކަޕް 2026ގައި އޭނާއަށް ދެން ނުކުޅެވޭނެކަން ކަށަވަރުވެއްޖެއެވެ.
އުމުރުން 26އަހަރުގެ މި ކުޅުންތެރިޔާއަށް މި އަނިޔާ ކުރިމަތިވީ ހޮނިހިރު ދުވަހު އައިވަރީ ކޯސްޓާ ދެކޮޅަށް ކުޅެ 2-1އިން ޖަރުމަނު މޮޅުވި މެޗުގައެވެ. އެ މެޗުގެ ފުރަތަމަ ހާފަށް ފަހު ޝްލޮޓަބެކްގެ ބަދަލުގައި ކުޅެން އެރީ އެންޓޯނިއޯ ރުޑިގާއެވެ.
ޖަރުމަނުގެ ފުޓްބޯޅަ އެސޯސިއޭޝަނުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ޝްލޮޓަބެކްގެ ކުޑަހުޅަށް ލިބުނު އަނިޔާގެ ސަބަބުން އޭނާ މަދުވެގެން މަސްތަކެއް ވަންދެން ކުޅުމާ ދުރުގައި ހުންނަން ޖެހޭނެ ކަމަށެވެ. ނަމަވެސް ބޮރޫޝިއާ ޑޯޓްމުންޑަށް ކުޅޭ މި ޑިފެންޑަރު މިވަގުތު އެމެރިކާގައި ޓީމާއެކު މަޑުކުރާނެއެވެ. މުބާރާތް ފެށިފައިވާތީ، އޭނާގެ ބަދަލުގައި އައު ކުޅުންތެރިއަކު ސްކޮޑަށް އިތުރުކުރުމުގެ ފުރުސަތެއް ޖަރުމަނަކަށް ނެތެވެ.
ޖަރުމަނުގެ ކޯޗު ހޫލިއަން ނާގަލްސްމަން ބުނި ގޮތުގައި ޝްލޮޓަބެކް ފަދަ މުހިންމު ކުޅުންތެރިއަކު ނެތުމަކީ ޓީމަށް ލިބޭނެ ބޮޑު އުނިކަމެކެވެ. ނަމަވެސް އޭނާ ޓީމާއެކު ބެންޗުގައި ހުރުމަކީ ކުޅުންތެރިންގެ ރޫހު ވަރުގަދަ ކުރުމަށް ލިބޭނެ ހިތްވަރެކެވެ.
"މިއީ އޭނާގެ ވޯލްޑް ކަޕަށްވުމުގެ ފުރުސަތު އޮތް މުބާރާތެއް. އިއްޔެ އަހަރެމެން އެންމެން މަސައްކަތް ކުރީ އޭނާއަށް ހިތްވަރު ދޭން. އޭނާއަކީ އަބަދުވެސް އުންމީދާއެކު ކުރިއަށް ބަލާ ކުޅުންތެރިއެއް" ނާގަލްސްމަން ބުންޏެވެ.
ގްރޫޕް އީގެ އެއްވަނަ ޓީމުގެ ގޮތުގައި ޖަރުމަނު މިހާރު ވެސް ވަނީ ދެވަނަ ބުރުގެ ޖާގައެއް ކަށަވަރުކޮށްފައެވެ. އެ ޓީމު ދެން ނުކުންނާނީ އަންނަ ބުރާސްފަތި ދުވަހު އެކުއަޑޯއާ ދެކޮޅަށެވެ. މުބާރާތުގެ ފުރަތަމަ މެޗުގައި ކުރަސާއޯ އަތުން 7-1އިން ޖަރުމަނު މޮޅުވި މެޗުގައި ޝްލޮޓަބެކް ވަނީ މުޅި މެޗު ކުޅެ ލަނޑެއްވެސް ޖަހާފައެވެ. އޭނާ ނެތްތަން ފޫބެއްދުމަށް ޖަރުމަނު ޓީމުގައި ދެން ތިބި ޑިފެންޑަރުންނަކީ ޖޮނަތަން ޓާ، ރުޑިގާ، ވަލްޑެމާ އެންޓަން އަދި ނިއުކާސަލްގެ މަލިކް ތިއޯއެވެ.
މީގެ ކުރިން އެހެން ކުލަބަކަށް ބަދަލުވެދާނެ ކަމަށް އަޑުފެތުރުނު ނަމަވެސް، ޝްލޮޓަބެކް ވަނީ މިއަހަރުގެ އޭޕްރީލް މަހު ޑޯޓްމުންޑާއެކު ހަދާފައިވާ އެއްބަސްވުން 2031ވަނަ އަހަރުގެ ނިޔަލަށް އައުކޮށްފައެވެ.
ކޮމެންޓުތައް (0)
އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.