ލިއޮނަލް މެސީ ޖަހައިދިން ދެ ލަނޑުން ވޯލްޑްކަޕްގައި އެންމެ ގިނަ ގޯލް ޖެހުމުގެ ރެކޯޑް މުގުރާލައި މެސީ އާޖެންޓީނާއަށް މުހިންމު މޮޅެއް ހޯދައިދީފިއެވެ.
ޑެލަސްގައި އޮސްޓްރިއާއާ ދެކޮޅަށް އާޖެންޓީނާ ކުޅުނު ގްރޫޕް ޖޭގެ މެޗުގައި މެސީ ޖެހި ދެ ގޯލުން އޭނާ ވަނީ ޖަރުމަނުގެ ކްލޯސާ އަތުގައި އޮތް ރެކޯޑް މުގުރާލައިފައެވެ. ކްލޯސާ ވަނީ ވޯލްޑްކަޕްގައި 16 ގޯލް ޖަހައިފައެވެ. މެސީގެ އަދަދު މިހާރު 18އަށް އެރީއެވެ.
ވޯލްޑްކަޕްގެ އެންމެ ފަހުގެ ޗެމްޕިއަނުން މިރޭ ހޯދި މޮޅާ އެކު އެ ޓީމު ވަނީ ނޮކްއައުޓް ބުރަށް ދަތުރުކޮށްފައެވެ.
ކެންސަސް ސިޓީގައި ކުޅުނު ފުރަތަމަ މެޗުގައި އަލްޖީރިއާ އަތުން 3-0އިން އާޖެންޓީނާ މޮޅުވި މެޗުގައި މެސީ ހެދި ހެޓްރިކަށް ފަހު، މި ހޯދި ކާމިޔާބީއަކީ އޭނާގެ ފާހަގަކޮށްލެވޭ މުބާރާތުގެ ދަތުރަށް އިތުރުވި ފުރިހަމަކަމެކެވެ.
މިރޭގެ މެޗްގައި ފުރަތަމަ ހާފު ނިމުމުގެ ކުރިން ލީޑު ނެގީ މެސީ ފެށި ރީތި ހަމަލާއަކަށް ފަހު، ފަކުންޑޯ މެދީނާ ތިރިތިރިން ހުރަސްކޮށްލި ބޯޅަ، ރަނގަޅު ވަގުތުގައި ދުވެފައި ގޮސް އެއްފަހަރުން ގޯލުގެ ތިރީ ކަނަށް ފޮނުވާލައިގެންނެވެ.
މެޗުގެ ފުރަތަމަ 10 މިނެޓުގެ ތެރޭގައި ލައުޓާރޯ މާޓިނޭޒް ހޯދައިދިން ޕެނަލްޓީއަކުން، ތާރީޚުގެ ތެރެއަށް ވަނުމަށް މެސީއަށް ރަން ފުރުސަތެއް ލިބުނު ނަމަވެސް، އޭނާ ފޮނުވާލި ބޯޅަ ދިޔައީ ގޯލުގެ ބޭރަށެވެ. އަދި ޑޭވިޑް އަލާބާ އިސްވެ ބެލެހެއްޓި އޮސްޓްރިއާގެ ދިފާއީލައިނުން އަށް ފަހަރު ބެލޮންޑިއޯ ހޯދާފައިވާ މެސީ ހުއްޓުވިއިރު، އިތުރު ދެ ފުރުސަތެއްގައި ވެސް އޭނާއަށް ވަނީ ހުރަސް އަޅާފައެވެ.
މެޗުގެ އިތުރު ވަގުތުގައި، އޭރިއާ ތެރޭގައި އުފެދުނު ހަލަބޮލިކަމެއްގެ ތެރެއިން އެންމެ އަވަހަށް ބޯޅައަށް ހަރަކާތްތެރިވެ، ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައިގެން މެސީ ވަނީ އާޖެންޓީނާއަށް މޮޅު ކަށަވަރުކޮށްދީފައެވެ.
މެސީ ވަނީ ވޯލްޑް ކަޕް ތާރީޚުގައި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ ރެކޯޑް ހޯދައި، ޖެހިޖެހިގެން ހަ ވޯލްޑް ކަޕް މެޗުގައި ލަނޑު ޖެހުމުގެ ރެކޯޑް ދަމަހައްޓައިފައެވެ.
ކޮމެންޓުތައް (0)
އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.