އާޖެންޓީނާގެ 26 ކުޅުންތެރިންގެ ވޯލްޑް ކަޕް ސްކޮޑުގައި، ގަތަރުގައި ތަށި ހޯދި ޓީމުގެ 17 ކުޅުންތެރިންނާ އެކު މެސީ ހިމަނައިފިއެވެ.
އާޖެންޓީނާގެ އެފްއޭއިން ހާމަކޮށްފައިވާ ގޮތުގައި އަނިޔާގެ ގިނަ މައްސަލަތަކެއް ކުރިމަތިވެފައިވާ މި ދަނޑިވަޅުގައި، އާޖެންޓީނާގެ ކޯޗު ލިއޮނަލް ސްކަލޯނީ ވަނީ މިހާރުގެ ދުނިޔޭގެ ޗެމްޕިއަން ޓީމުގެ ގިނަ ކުޅުންތެރިންނާއި، ކެޕްޓަން ލިއޮނަލް މެސީ ހިމެނޭހެން، 2026ގެ ވޯލްޑް ކަޕްގައި ޖެހިޖެހިގެން ދެވަނަ ފަހަރަށް ތަށި ހޯދުމަށް ނުކުންނަ ސްކޮޑުގައި ހިމެނޭނެކަން ކަށަވަރުކޮށްދީ، ޝައްކުތައް ފިލުވައިދީފައެވެ.
އުމުރުން 39 އަހަރު ފުރެން ކައިރިވެފައިވާ މެސީ ހިމެނެނީ ބުރާސްފަތި ދުވަހު އާޖެންޓީނާގެ ފުޓްބޯޅަ އެސޯސިއޭޝަނުން އިއުލާންކުރި 26 ކުޅުންތެރިންގެ ވޯލްޑް ކަޕް ސްކޮޑުގެ އެންމެ ކުރީގައެވެ.
ސްކޮޑަށް ނެގި ކުޅުންތެރިންގެ ތެރެއިން 17 ކުޅުންތެރިންނަކީ މީގެ ހަތަރު އަހަރު ކުރިން ގަތަރުގައި ފްރާންސްއާ ދެކޮޅަށް ކުޅުނު ފައިނަލް މެޗު ކާމިޔާބުކުރި ޓީމުގައި ހިމެނުނު ކުޅުންތެރިންނެވެ.
ވޯލްޑް ކަޕް ސްކޮޑުތައް ފައިނަލް ކުރުމަށް ފީފާއިން ކަނޑައަޅާފައިވާ ޖޫން 1ގެ ސުންގަޑި ކައިރިވެފައިވާއިރު، އެކި މިންވަރުގެ އަނިޔާތަކުގެ ސަބަބުން މީގެ ތެރެއިން ބައެއް ކުޅުންތެރިންނާ މެދު ސުވާލު އުފެދިފައިވެއެވެ. އޭގެ ތެރޭގައި ވާތު ހަމްސްޓްރިންގަށް ލިބުނު އަނިޔާތަކުގެ ސަބަބުން މިދިޔަ އާދީއްތަ ދުވަހު އިންޓަ މިއާމީއާ އެކު ކުޅުނު މެޗު ފުރިހަމަނުކުރެވުނު މެސީ ވެސް ހިމެނެއެވެ.
ކްލަބުން ރަސްމީކޮށް ހާމަކޮށްފައިވާ ގޮތުގައި އޭނާ ރަނގަޅުވާނެ މުއްދަތެއް އެނގޭނީ "އޭނާގެ ކްލިނިކަލް އަދި ފަންކްޝަނަލް ކުރިއެރުމަށް" ބެލުމަށް ފަހުއެވެ. މިއީ މެސީ ކުޅޭނެ ހަވަނަ ވޯލްޑް ކަޕެވެ. މީގެ ކުރިން އޭނާ ވަނީ ޖަރުމަނު 2006، ދެކުނު އެފްރިކާ 2010، ބްރެޒިލް 2015، ރަޝިޔާ 2018 އަދި ގަތަރު 2022 ގައި ވާދަކޮށްފައެވެ.
މިދިޔަ ހަފުތާގެ ޔޫރޮޕާ ލީގު ފައިނަލްގައި އެސްޓަން ވިލާއިން ފްރައިބާގް ބަލިކުރި މެޗުގައި ކަނާތުގެ ކަނދުރާ އިނގިލި ބިންދައިގެން ދިޔަ ގޯލްކީޕަރު އެމިލިއާނޯ މާޓިނޭޒް ވެސް ވަނީ ސްކޮޑުގައި ހިމަނައިފައެވެ.
ސްކަލޯނީ ވަނީ ޓޮޓެންހަމްއަށް ކުޅެނިކޮށް އޭޕްރީލް މަހުގެ މެދުތެރޭގައި ކަނާތު ކަކުލަށް ލިބުނު އަނިޔާއަކުން ރަނގަޅުވަމުން އަންނަ ޑިފެންޑަރު ކްރިސްޓިއަން ރޮމޭރޯގެ އިތުރުން، 2002 ގެ ވޯލްޑް ކަޕްގައި ފްރާންސްއާ ދެކޮޅަށް ޕެނަލްޓީ ޝޫޓްއައުޓްގައި ނިންމާލި ޕެނަލްޓީތައް ކާމިޔާބުކުރި އަދި މިހާރު މަސްތަކުގެ އަނިޔާއިން ރަނގަޅުވަމުން އަންނަ ދެ ފުލްބެކުން ކަމަށްވާ ނަހުއެލް މޮލީނާއާއި ގޮންޒާލޯ މޮންޓިއެލް ވެސް ހިމަނައިފައެވެ.
1978 އަދި 1986ގައި ވެސް ދުނިޔޭގެ ޗެމްޕިއަންކަން ހޯދި އާޖެންޓީނާގެ ފުރަތަމަ މެޗު އޮންނާނީ ޖޫން 16ގައި ގްރޫޕް ޖޭ ގައި އަލްޖީރިއާއާ ދެކޮޅަށެވެ. މި ގްރޫޕްގައި އޮސްޓްރިއާ އަދި އުރުދުން ވެސް ހިމެނެއެވެ.
މި ޓީމު ހޮނިހިރު ދުވަހު ވޯލްޑް ކަޕް ބޭސް ކަމަށްވާ ކެންސަސް ސިޓީއަށް ދަތުރުކުރާނެއެވެ. އަދި މުބާރާތް ފެށުމުގެ ކުރިން ހޮންޑިއުރަސް އަދި އައިސްލޭންޑާ ދެކޮޅަށް އެކުވެރިކަމުގެ މެޗުތަކެއް ކުޅޭނެއެވެ.
އާޖެންޓީނާގެ ސްކޮޑް
ގޯލްކީޕަރުން: އެމިލިއާނޯ މާޓިނޭޒް (އެސްޓަން ވިލާ)، ހެރޮނިމޯ ރޫލީ (އޮލިމްޕިކް ޑި މާސޭ)، ހުއާން މުސޯ (އެތުލެޓިކޯ މެޑްރިޑް).
ޑިފެންޑަރުން: ގޮންޒާލޯ މޮންޓިއެލް (ރިވަރ ޕްލޭޓް)، ނަހުއެލް މޮލީނާ (އެތުލެޓިކޯ މެޑްރިޑް)، ލިސަންދްރޯ މާޓިނޭޒް (މެންޗެސްޓަރ ޔުނައިޓެޑް)، ނިކޮލަސް އޮޓަމެންޑީ (ބެންފީކާ)، ލިއޮނާޑޯ ބަލެރްޑީ (އޮލިމްޕިކް ޑި މާސޭ)، ކްރިސްޓިއަން ރޮމޭރޯ (ޓޮޓެންހަމް)، ނިކޮލަސް ޓަގްލިއަފީކޯ (އޮލިމްޕިކް ޑި ލިޔޯން)، ފަކުންޑޯ މެދީނާ (އޮލިމްޕިކް ޑި މާސޭ).
މިޑްފީލްޑަރުން: ޖިއޮވާނީ ލޮ ސެލްސޯ (ބެޓިސް)، ލެއަންދްރޯ ރެޑޭސް (ބޮކާ ޖޫނިއާސް)، ރޮޑްރީގޯ ޑި ޕޯލް (އިންޓަ މިއާމީ)، އެކްސެކިއެލް ޕަލާސިއޯސް (ބަޔާ ލެވަކޫސަން)، އެންޒޯ ފެނާންޑޭޒް (ޗެލްސީ)، އެލެކްސިސް މެކް އެލިސްޓާ (ލިވަޕޫލް)، ވަލެންޓީން ބާކޯ (އާރްސީ ސްޓްރާސްބާގް އަލްސާސް).
ފޯވާޑުން: ލިއޮނަލް މެސީ (އިންޓަ މިއާމީ)، ނިކޮލަސް ގޮންޒާލޭޒް (އެތުލެޓިކޯ މެޑްރިޑް)، ޖިއުލިއާނޯ ސިމިއޯނީ (އެތުލެޓިކޯ މެޑްރިޑް)، ލައުޓާރޯ މާޓިނޭޒް (އިންޓަ މިލާން)، ހޯސޭ މެނުއަލް ލޮޕޭޒް (ޕަލްމެއިރަސް)، ހޫލިއަން އަލްވަރޭޒް (އެތުލެޓިކޯ މެޑްރިޑް)، ތިއާގޯ އަލްމާޑާ (ލިޔޯން)، ނިކޯ ޕާޒް (ކޯމޯ).
ކޮމެންޓުތައް (0)
އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.