ހޯދާ
ހޮނިހިރު • 17 އޮކްޓޯބަރު 2026
🔖

ލަނޑު ޖެހުމަށް ފަހު ރޮވުނީ ފުޓްބޯޅައާ ގުޅުން ހުރި ކަމެއްގައެއް ނޫން: މެސީ

ޝެއާ ކުރޭ Facebook Telegram Viber X

ވޯލްޑް ކަޕްގެ ގްރޫޕް ޖޭގައި އަލްޖީރިއާ އަތުން އާޖެންޓީނާ މޮޅުވި މެޗުގައި، އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީ ކާމިޔާބުކުރި ފުރަތަމަ ލަނޑަށް ފަހު އޭނާއަށް ރޮވުނީ ފުޓްބޯޅައާ ގުޅުންހުރި ކަމެއްގައި ނޫން ކަމަށް ބުނެފިއެވެ.

ރޭ ކުޅުނު މި މެޗުގައި އާޖެންޓީނާ މޮޅުވި ތިން ލަނޑު ވެސް ކާމިޔާބުކޮށްދިނީ މެސީއެވެ. މިއީ އޭނާ ޤައުމީ ޓީމަށް ކުޅެދިން 200ވަނަ މެޗެވެ.

މެޗުގެ 18ވަނަ މިނެޓުގައި މެސީ ކާމިޔާބުކުރި ހިތްގައިމު ލަނޑަށް ފަހު، ޓީމުގެ ކުޅުންތެރިންނާއެކު އުފާފާޅުކުރަމުން ދިޔަ ވަގުތު އޭނާގެ ލޮލުން އައި ކަރުނަތައް ޖާޒީން ފޮހެލަނިކޮށް ކެމެރާތަކަށް ވަނީ އަރާފައެވެ. އެކަމާ ގުޅޭގޮތުން ވާހަކަދައްކަމުން ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު 8ފަހަރު ހޯދާފައިވާ މެސީ ބުނީ، އޭނާއަށް ރޮވުނީ ފުޓްބޯޅައާ މުޅިން ނުގުޅޭ ކަމެއްގައި ކަމަށެވެ.

"އަހަރެން ވަރަށް އުނދަގޫ ދުވަސްތަކެއް ތަހައްމަލު ކުރިން. ނަމަވެސް މުޅި ޓީމުގެ އެންމެހާ އެކުވެރިންނަށް އަހަރެން ޝުކުރުވެރިވަން. އެއީ އެ މީހުން އަބަދުވެސް އަހަރެންގެ ގާތުގައި ތިބެ، އެކަންކަމުން އަރައިގަތުމަށް ބޭނުންވާ ހިތްވަރު ދިނީތީ" މެސީ ބުންޏެވެ.

މިއީ ވޯލްޑް ކަޕް މުބާރާތެއްގައި މެސީ ހެދި ފުރަތަމަ ހެޓްރިކެވެ. މި ލަނޑުތަކާ އެކު ވޯލްޑް ކަޕްގައި އޭނާ ޖެހި ޖުމްލަ ލަނޑުގެ އަދަދު 16އަށް އަރައި، ޖަރުމަނުގެ މިރޮސްލާވް ކްލޯސާގެ ރިކޯޑާ ވަނީ ހަމަހަމަކޮށްފައެވެ. މީގެ އިތުރުން މެސީއަކީ ތާރީޚުގައި ހަ ވޯލްޑް ކަޕެއްގައި ކުޅުނު ފުރަތަމަ ކުޅުންތެރިޔާއެވެ. މީގެ 20އަހަރު ކުރިން ސާބިއާ އެންޑް މޮންޓެނީގްރޯއާ ދެކޮޅަށް ކުޅެ 6-0އިން މޮޅުވި މެޗަކީ އޭނާ ވޯލްޑް ކަޕުގައި ކުޅުނު ފުރަތަމަ މެޗެވެ.

މުބާރާތުގެ ކުރިން އިންޓަރ މަޔާމީއަށް ކުޅުނު ފަހު މެޗުގައި މަސްގަނޑަށް ދިމާވި އަނިޔާއެއްގެ ސަބަބުން މެސީގެ ފިޓްނަސްއާ މެދު ސުވާލު އުފެދިފައި އޮތް ނަމަވެސް، ރޭގެ މެޗުގައި އޭނާ ވަނީ ތަފާތު މޮޅު ކުޅުމެއް ދައްކާފައެވެ. މެޗުގެ 80ވަނަ މިނެޓުގައި މެސީ ބޭލި ވަގުތު، ކެންސަސް ސިޓީ ސްޓޭޑިއަމްގައި ތިބި ހުރިހާ ސަޕޯޓަރުން ވަނީ ކޮޅަށް ތެދުވެ އޭނާއަށް އިހުތިރާމް އަދާކޮށްފައެވެ.

މި މޮޅާއެކު އާޖެންޓީނާއަށް ވަނީ ޗެމްޕިއަނުންގެ ގޮތުގައި ނުކުމެ ފުރަތަމަ މެޗުން މޮޅުވުމުގެ ޝަރަފު ލިބިފައެވެ. މީގެ ކުރިން 1982އަދި 1990ވަނަ އަހަރު ޗެމްޕިއަނުންގެ ގޮތުގައި ނުކުމެ އެ ގައުމު ވަނީ ފުރަތަމަ މެޗުން ބަލިވެފައެވެ. އާޖެންޓީނާގެ މިޑްފީލްޑަރު އެލެކްސިސް މެކް އެލިސްޓަރ ބުނި ގޮތުގައި، މެސީގެ މޮޅުކަން ސިފަކޮށްދޭނެ ބަހެއް ނެތް ކަމަށާއި، މެސީ ނެތި ޓީމު މާ މޮޅުވާނެ ކަމަށް ހީކުރި މީހުންނަށް މިއަދު އެއީ ކުށްހީއެއްކަން ސާބިތުވެއްޖެ ކަމަށެވެ. ގްރޫޕް ޖޭގައި އާޖެންޓީނާ ކުޅޭ ދެވަނަ މެޗުގައި އަންނަ ހޯމަ ދުވަހު ނުކުންނާނީ އޮސްޓްރިއާއާ ދެކޮޅަށެވެ.

ކަމުދިޔަތަ؟

ކޮމެންޓުތައް (0)

އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.

ކޮމެންޓު