ހޯދާ
ހޮނިހިރު • 17 އޮކްޓޯބަރު 2026
🔖

މިޞްރުން ހޯދި ފުރަތަމަ މޮޅަކީ ތާރީޚީ ބޮޑު ކާމިޔާބީއެއް: ސަލާހް

ޝެއާ ކުރޭ Facebook Telegram Viber X

ފީފާ ވޯލްޑް ކަޕްގެ ގްރޫޕް ޖީ ގައި ނިއުޒީލަންޑާ ބައްދަލުކުރި މެޗުން ފަހަތުން އަރައި 3-1ގެ ނަތީޖާއަކުން މިޞްރު މޮޅުވިއިރު، މިއީ އެ މުބާރާތުގައި އެ ގައުމުން ހޯދި ފުރަތަމަ މޮޅެވެ.

މިއީ މިޞްރަށް ލިބިގެންދިޔަ ވަރަށް ބޮޑު ކާމިޔާބީއެއް ކަމަށް އެ ޓީމުގެ ކެޕްޓަން މުހައްމަދު ސަލާހް ވަނީ ފާހަގަކޮށްފައެވެ.

މެޗަށް ފަހު ނޫސްވެރިންނާ ވާހަކަދައްކަމުން ސަލާހް ބުނީ، މި މޮޅާ އެކު ހުރިހާ ކުޅުންތެރިންނަށް ވެސް ކުރެވުނީ އާދަޔާ ހިލާފު އިހްސާސްތަކެއް ކަމަށެވެ. އަދި އެ ޓީމުގެ އަބަދުވެސް އަމާޒަކީ ކޮންމެ މެޗެއްގައި ވެސް މޮޅު ކުޅުމެއް ދައްކައިގެން ރަނގަޅު ނަތީޖާއެއް ހޯދައި، މިޞްރުގެ ރައްޔިތުންނަށް އުފާވެރިކަން ގެނެސްދިނުން ކަމަށް އޭނާ ބުންޏެވެ. މީގެ އިތުރުން، ނިއުޒީލަންޑް އަތުން މޮޅުވީ ނަސީބު ވެސް ރަނގަޅުވުމުން ކަމަށާއި، ނަމަވެސް މިޞްރުން މެޗުގައި މޮޅު ކުޅުމެއް ދެއްކި ކަމަށް ސަލާހް ފާހަގަކުރިއެވެ.

ގައުމީ ޓީމަށް ކުޅޭތާ 14އަހަރު ވެފައިވާ ސަލާހް ހާމަކުރި ގޮތުގައި، މި މެޗަށް ނިކުތުމުގެ ކުރިން ވެސް، މޮޅުވެގެން ތާރީހުގެ ތެރެއަށް ވަނުމުގެ ފުރުސަތު އޮތް ކަމުގެ ވާހަކަ ކުޅުންތެރިންގެ މެދުގައި ދެކެވުނެވެ. އަދި ކުރިއަށް އޮތް ދެ މެޗު ވެސް ކާމިޔާބުކޮށް، ގްރޫޕްގެ އެއްވަނަ ޓީމުގެ ގޮތުގައި ދެވަނަ ބުރަށް ދެވިއްޖެ ނަމަ، އެކަން ކުރިއަށް އޮތް ގިނަ އަހަރުތަކެއްގައި މިޞްރުގައި ފާހަގަކުރެވޭނެ ކަމަށް އޭނާ ބުންޏެވެ. މި ވަގުތު ގްރޫޕްގެ އެއްވަނައިގައި އޮތް ނަމަވެސް، މާދަމާ އަވަހަށް ދެން އޮތް މެޗަށް ތައްޔާރުވާން ޖެހޭނެ ކަމަށް ވެސް އޭނާ ބުންޏެވެ.

ނިއުޒީލަންޑްގެ ކޯޗު ޑެރެން ބެޒެލީ ބުނީ، ފުރަތަމަ ހާފުގައި އެޓީމުން ވަރަށް ރަނގަޅަށް ކުޅެފައި ވަނިކޮށް މެޗުން ބަލިވުމުން ހިތްހަމަނުޖެހޭ ކަމަށެވެ. ފުރަތަމަ ހާފުގައި ގިނަ ހަމަލާތަކެއް އުފައްދައި ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކުރި ނަމަވެސް، ދެވަނަ ހާފުގައި އެ ކުޅުން އެއްވެސް ވަރަކަށް ނުދެއްކުނު ކަމަށް ބެޒެލީ ފާހަގަކުރިއެވެ.

ކަމުދިޔަތަ؟

ކޮމެންޓުތައް (0)

އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.

ކޮމެންޓު