ރާއްޖޭގެ އެންމެ ފޯރިގަދަ އަދި ޝަރަފުވެރި ފުޓްސަލް މުބާރާތް ކަމަށްވާ "ކްލަބް މޯލްޑިވްސް ކަޕް 2026"ގެ ކުޅުން ރޭ ހުޅުމާލޭ ރެހެންދި ފުޓްސަލް ދަނޑުގައި ފަށާފައިވާއިރު، އެމްއޭސީއެލް، ޔުނައިޓެޑް ބީއެމްއެލް އަދި ކުލަބު ޓީޓީއެސް އިން ވަނީ މޮޅަކާއެކު މުބާރާތް ފަށައިފައެވެ.
މި މުބާރާތް ހުޅުވުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ކުޅިވަރާ ބެހޭ ވަޒީރު ޢަބްދުالله ރާފިޢު އެވެ. މި ރަސްމިއްޔާތުގައި އެފްއޭއެމްގެ ރައީސް އަޙްމަދު އަޙްމަދު ޠާރިޤު ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
މިއީ 2006ވަނަ އަހަރުން ފެށިގެން ބާއްވަމުން އަންނަ މި މުބާރާތުގެ 20ވަނަ އަހަރެވެ. މިއަހަރުގެ މުބާރާތް ކުރިއަށްދަނީ އެފްއޭއެމް އާއި ކްލަބް މޯލްޑިވްސްއާ ދެމެދު ވެވުނު އެއްބަސްވުމެއްގެ ދަށުން އެފްއޭއެމް އިން އެންޑޯސްކޮށްގެންނެވެ. މި އެއްބަސްވުމުގެ ދަށުން "ކްލަބް މޯލްޑިވްސް ކަޕް"ގެ އިތުރުން "އެއިޓީން ތާޓީ"ފުޓްސަލް މުބާރާތް ވެސް ވަނީ އެންޑޯސްކޮށްފައެވެ. މިއަހަރުގެ މުބާރާތުގައި 17ޓީމެއް ވާދަކުރާއިރު، ޓީމުތައް ވަނީ ހަތަރު ގްރޫޕަކަށް ބަހާލައިފައެވެ. އެގޮތުން ގްރޫޕް އޭ، ބީ އަދި ސީގައި ހަތަރު ޓީމު ހިމެނޭއިރު، ގްރޫޕް ޑީގައި ހިމެނެނީ ފަސް ޓީމެވެ.
މުބާރާތުގެ ގްރޫޕް އޭގެ ފުރަތަމަ މެޗުގައި، ތިން ފަހަރު މުބާރާތް ކާމިޔާބުކޮށްފައިވާ އެމްޕީއެލް އާއި ކިންގްސް ކަޕުގެ ޗެމްޕިއަން ސްޓެލްކޯ ރެކްރިއޭޝަން ކުލަބު ބައްދަލުކުރި މެޗު ނިމުނީ 5-5އިން އެއްވަރުވެގެންނެވެ. މި މެޗުގައި ސްޓެލްކޯގެ ލަނޑުތައް ޖެހީ މުޙައްމަދު ވިލްފް، އިބްރާހީމް ރިމާހު، މުޙައްމަދު ނަޒާމް، މުޙައްމަދު ސިރުޚާން އަދި ޝުއައިދު سައީދެވެ. އެމްޕީއެލް އަށް ލަނޑުތައް ޖަހައިދިނީ ދެ ލަނޑު ޖެހި އިބްރާހީމް ވަހީދު ހަސަންގެ އިތުރުން އިބްރާހީމް އަތީގު ހަސަން، ނަޝާހު އަޙްމަދު އަދި އިބްރާހީމް ސަނޫނެވެ. މި ގްރޫޕުގެ އަނެއް މެޗުގައި ޓީޓީއެސް އިން ވަނީ ޕޮލިސް ކުލަބު 4-2އިން ބަލިކޮށްފައެވެ. ޓީޓީއެސް އަށް ލަނޑުތައް ޖަހައިދިނީ ދެ ލަނޑު ޖެހި އަޙްމަދު މާއިން މުޙައްމަދާއި، ހުސައިން އަފްސަލް އަދި ސައްޖާދެވެ. ޕޮލިސް ކުލަބުގެ ދެ ލަނޑު ވެސް ލިބުނު ދުރު ޕެނަލްޓީތަކުން ކާމިޔާބުކުރީ އަޙްމަދު ލޫތެވެ.
ގްރޫޕް ބީގައި ހިމެނޭ، ތިން ފަހަރުގެ ޗެމްޕިއަން އެމްއޭސީއެލް އިން ވަނީ ވާދަވެރި ކުޅުމަކަށްފަހު 4-3އިން ޓީމު ފެނަކަ ބަލިކޮށްފައެވެ. މި މެޗުގައި އެމްއޭސީއެލްގެ އަޙްމަދު ހުސާމް ހެޓްރިކެއް ހެދިއިރު، އަނެއް ލަނޑު ޖެހީ މުޙައްމަދު ޖިނާހެވެ. 2022ވަނަ އަހަރުގެ ޗެމްޕިއަން ފެނަކައިގެ ލަނޑުތައް ޖެހީ މުޙައްމަދު ނަޝީދު، މުޙައްމަދު ހުޝާމް އަދި މުޙައްމަދު ވަހީދެވެ. މި ގްރޫޕުގެ ދެވަނަ މެޗުގައި، ކުރިން ދެ ފަހަރު މުބާރާތް ކާމިޔާބުކޮށްފައިވާ ބީއެމްއެލް އިން ވަނީ ކަސްޓަމްސް ރެކްރިއޭޝަން ކުލަބު އަތުން 8-0ގެ ތަފާތު ބޮޑު މޮޅެއް ހޯދާފައެވެ. ބީއެމްއެލްގެ އިޝާން އިބްރާހީމް ހަތަރު ލަނޑު ޖެހިއިރު، އިބްރާހީމް ހަމްދާން ދެ ލަނޑު ޖެހިއެވެ. ބާކީ ދެ ލަނޑު ޖެހީ އަލީ އުޒައިރު މުޙައްމަދު އަދި އަރީން އަބްދުالله އިބްރާހީމެވެ.
ކްލަބް މޯލްޑިވްސް ކަޕުގެ ފޯރިގަދަ ކުޅުން ކުރިއަށްދާއިރު، މި މުބާރާތުގައި މިރޭވެސް ފޯރިގަދަ ހަތަރު މެޗެއް ކުޅުމަށް ވަނީ ތާވަލުކުރެވިފައެވެ.
ކޮމެންޓުތައް (0)
އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.