ފީފާ ވޯލްޑް ކަޕްގެ ތަށި ހޯދުމުގެ ގާބިލުކަން ހުރިކަން ސާބިތުކޮށްދެމުން، ނެދަލެންޑްސް އިން ވަރުގަދަ ސްވިޑެންގެ މައްޗަށް 5-1 ގެ ބޮޑު މޮޅެއް ހޯދައިފިއެވެ.
ގްރޫޕް އެފްގައި ކުޅުނު މި މެޗުން ހޯދި ތިން ޕޮއިންޓާ އެކު، ކުޅުނު ދެ މެޗުން ލިބުނު ހަތަރު ޕޮއިންޓާއެކު ނެދަލެންޑްސް މިހާރު އޮތީ ގްރޫޕްގެ އެއްވަނައިގައެވެ. ފުރަތަމަ މެޗުގައި ޖަޕާނާ ވާދަކޮށް 2-2 އިން އެއްވަރުވި ނެދަލެންޑްސްއިން މި މެޗުގައި ވަނީ ތަފާތު މޮޅު ކުޅުމެއް ދައްކާފައެވެ.
މި މެޗުގައި ނެދަލެންޑްސް އިން ލީޑު ނެގީ މެޗުގެ ފަސްވަނަ މިނިޓްގައެވެ. ކޯޑީ ގަކްޕޯ ތަނަވަސްކޮށްދިން ފުރުސަތަކުން މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ބްރަޔަން ބްރޮބޭއެވެ. އޭގެ 11 މިނިޓް ފަހުން، ރެއާލް މެޑްރިޑަށް ބަދަލުވާނެ ކަމަށް ބެލެވޭ ޑެންޒެލް ޑަމްފްރީސް ތަނަވަސްކޮށްދިން ފުރުސަތަކުން ބްރޮބޭ ވަނީ އޭނާގެ ދެވަނަ ލަނޑު ޖަހައި ނެދަލެންޑްސްގެ ލީޑު ފުޅާކޮށްދީފައެވެ.
ދެވަނަ ހާފު ފެށިގެން ދެވަނަ މިނިޓްގައި ނެދަލެންޑްސްގެ ތިންވަނަ ލަނޑު ޖެހީ ގަކްޕޯ އެވެ. މިއީ ވެސް ޑަމްފްރީސް ތަނަވަސްކޮށްދިން ފުރުސަތަކުން އޭނާ ކާމިޔާބުކުރި ލަނޑެކެވެ. އެއަށް ފަހު، ދެވަނަ ހާފުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުތް ސަމާވިލް ތަނަވަސްކޮށްދިން ފުރުސަތަކުން ގަކްޕޯ ވަނީ އެޓީމުގެ ހަތަރުވަނަ ލަނޑު ޖަހައިދީފައެވެ. ނެދަލެންޑްސްގެ ފަސްވަނަ ލަނޑު މެޗުގެ ފަހު މިނިޓްގައި ކާމިޔާބުކުރީ ސަމާވިލްއެވެ. މިއީ މެޗުގެ 72 ވަނަ މިނިޓްގައި ބްރޮބޭގެ ބަދަލުގައި ކުޅެން ނިކުތް ޑިޕާއީ ތަނަވަސްކޮށްދިން ފުރުސަތަކުން އޭނާ ޖެހި ލަނޑެކެވެ.
ނެދަލެންޑްސްއިން ހަތަރު ލަނޑު ޖަހާފައިވަނިކޮށް، ސްވިޑެންގެ ހަމައެކަނި ލަނޑު ކާމިޔާބުކޮށްދިނީ އެލަންގާއެވެ. މެޗުގެ 55 ވަނަ މިނިޓްގައި ކުޅެން ނިކުމެ، އޭނާ މި ލަނޑު ޖެހީ 59 ވަނަ މިނިޓްގައި އިސާކް ތަނަވަސްކޮށްދިން ފުރުސަތަކުންނެވެ. މި ބައްޔާއެކު ސްވިޑެން މިހާރު އޮތީ ދެ މެޗުން ލިބުނު ތިން ޕޮއިންޓާއެކު ގްރޫޕްގެ ދެވަނައިގައެވެ. ސްވިޑެންއިން ވަނީ އެޓީމުގެ ފުރަތަމަ މެޗުގައި 5-1 އިން ޓިއުނީޝިޔާ ބަލިކޮށްފައެވެ.
ކޮމެންޓުތައް (0)
އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.