ހޯދާ
ހޮނިހިރު • 17 އޮކްޓޯބަރު 2026
🔖

ސާޖަރީއަށް ފަހު ކޯނޭ ސަޕޯޓަރުންނާއި ޓީމަށް ޝުކުރު އަދާކޮށްފި

ޝެއާ ކުރޭ Facebook Telegram Viber X

ގަތަރާ ދެކޮޅަށް ކުޅުނު މެޗުގައި ލިބުނު ނުރައްކާތެރި އަނިޔާއަކާ ގުޅިގެން ކުރި ސާޖަރީއަށް ފަހު، ކެނެޑާގެ މިޑްފީލްޑަރު އިސްމާއިލް ކޯނޭ އޭނާގެ ޓީމުގެ ކުޅުންތެރިންނާއި ސަޕޯޓަރުން ދިން އެއްބާރުލުމަށް ހިތުގެ އަޑިން ޝުކުރު އަދާކޮށްފިއެވެ.

އުމުރުން 24އަހަރުގެ ކޯނޭގެ ފައި ބިނދިފައި ވަނީ ބުރާސްފަތި ދުވަހު ކުޅުނު މެޗެއްގައެވެ.

ކެނެޑާއިން ގަތަރު އަތުން 6-0ގެ ތަފާތު ބޮޑު ނަތީޖާއަކުން މޮޅުވި މި މެޗުގައި ކޯނޭއަށް މި އަނިޔާ ކުރިމަތިވީ ބޯޅަ ހޯދަން އުޅުމުގެ ތެރޭގައެވެ. ގަތަރުގެ އާސިމް މަދީބޯ ކުރި ނުރައްކާތެރި ފައުލަކާ ގުޅިގެން ކޯނޭއަށް ދަނޑުމަތީގައި ގިނައިރުތަކެއް ވަންދެން ފަރުވާ ދޭން ޖެހުނުއިރު، ދެ ޓީމުގެ ކުޅުންތެރިންގެ ފަރާތުން ވެސް ބޮޑު ކަންބޮޑުވުމެއް ފެނިގެންދިޔައެވެ. ކުރިން ވޮޓްފޯޑަށް ކުޅުނު އަދި މިހާރު އިޓަލީގެ ސަސުއޯލޯއަށް ކުޅެމުންދާ މިޑްފީލްޑަރު ދަނޑުން ބޭލީ ސްޓްރެޗަރުގައެވެ.

އަނިޔާގެ ސަބަބުން ކޯނޭއަށް މި މުބާރާތުގައި ދެން ނުކުޅެވޭނެކަން ކެނެޑާގެ ފުޓްބޯޅަ އެސޯސިއޭޝަނުން މިހާރު ވަނީ ކަށަވަރުކޮށްދީފައެވެ. މެޗުގެ ތެރެއިން ކޯނޭ ސްޓްރެޗަރުގައި ބާލަމުން ދިޔައިރު އޭނާ ވަނީ ސަޕޯޓަރުންނަށް އަތުން އިޝާރާތްކޮށް ހިތްވަރު ދައްކާފައެވެ. އަދި މި މެޗުގައި ކެނެޑާގެ ނެތަން-ޑައިލަން ސަލީބާ ލަނޑު ޖެހުމަށްފަ ހު ވަނީ ކޯނޭގެ ޖާޒީ ދައްކާލައި އޭނާއަށް ހިތްވަރު ދީފައެވެ.

ކާމިޔާބު ސާޖަރީއަކަށް ފަހު ކޯނޭ އޭނާގެ އިންސްޓަގްރާމް މެދުވެރިކޮށް ބުނީ އެންމެންގެ ފަރާތުން ލިބުނު ލޯތްބާއި އެހީތެރިކަން ވަރަށް ބޮޑަށް އިހުސާސް ކުރެވުނު ކަމަށެވެ. އޭނާ ބުނެފައިވެއެވެ.

"ތިޔަ އެންމެންގެ ލޯތްބާއި އެހީތެރިކަން ވަރަށް ބޮޑަށް އިހުސާސް ކުރެވުނު، އިޚުލާސްތެރިކަމާ އެކު ޝުކުރު އަދާކުރަން. ހާލު ބަލައި، ހެޔޮ ދުއާކޮށްދިން އެންމެހައި ފަރާތްތަކަށް ޝުކުރުވެރިވާވަރު ބަޔާންކޮށްދޭން ވެސް ނޭނގޭ. ތިޔަ ދެއްކެވި ސަޕޯޓަކީ އަބަދުވެސް ހަނދާނުގައި ހުންނާނެ ކަމެއް. ވަރަށް އަވަހަށް އެނބުރި އަންނާނަން"

މި މުބާރާތުގެ ގްރޫޕް ބީގައި ކެނެޑާ ކުޅޭ ފަހު މެޗުގައި މި މަހުގެ 24ވަނަ ދުވަހު ނުކުންނާނީ ސްވިޒަލެންޑާ ދެކޮޅަށެވެ.

ކަމުދިޔަތަ؟

ކޮމެންޓުތައް (0)

އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.

ކޮމެންޓު