ހޯދާ
ހޮނިހިރު • 17 އޮކްޓޯބަރު 2026
🔖

ރޮނާލްޑޯ މިހާރު ކުރިއާ އެއްގޮތެއް ނޫން:ކޮންގޯގެ މިޑްފީލްޑަރ

ޝެއާ ކުރޭ Facebook Telegram Viber X

ޕޯޗްގަލްގެ ކްރިސްޓިއާނޯ ރޮނާލްޑޯ މިހާރު ކުރިއާ އެއްގޮތް ނޫން ކަމަށް ކޮންގޯގެ މިޑްފީލްޑަރު އަޔެލް މުކާއު ބުނެފިއެވެ.

 ޕޯޗުގަލްއާ ދެކޮޅަށް ކުޅެ 1-1 އިން ތާރީޚީ އެއްވަރުވުމެއް ހޯދުމަށް އެހީތެރިވެދިން މިޑްފީލްޑަރު މެޗަށް ފަހު ވާހަކަ ދައްކަމުން ބުނީ ރޮނާލްޑޯ ހުއްޓުވުމަށް ކޮންގޯއިން އެހާ ބޮޑު ރޭވުމެއް ނުގެންގުޅޭ ކަމަށާއި އޭނާ މިހާރު ކުރިއާ ތަފާތު ކަމަށެވެ.

"އަހަރެމެންނަށް އެނގޭ ރޮނާލްޑޯ މިހާރު ކުރިއެކޭ އެއްގޮތެއް ނޫންކަން. އޭނާ މިހާރު ކޮންމެ ވެސް ވަރަކަށް އުމުރުން ދުވަސްވެއްޖެ. އެހެން ނަމަވެސް، އޭނާއަކީ އެންމެ މޮޅު ކުޅުންތެރިންގެ ތެރެއިން އެކަކު، އޭނާއަށް ވަރަށް އިހުތިރާމް ކުރަން. އެކަމަކު އޭނާ މިހާރު އުމުރުން ދުވަސްވެއްޖެ." އޭނާ ބުންޏެވެ.

ރޮނާލްޑޯއަކީ ކުރީގެ އެންމެ މޮޅު ކުޅުންތެރިޔާ ނޫންތޯ ތަކުރާރުކޮށް ސުވާލުކުރުމުން ވެސް، ޕޯޗުގަލްގެ ކެޕްޓަނަށް ތައުރީފުކުރަމުން މިޑްފީލްޑަރު އޭނާގެ ޚިޔާލުގައި ސާބިތުވެ ހުއްޓެވެ.

"ޔަގީނުން ވެސް، އުމުރުން ދުވަސްވުމުން ކުރިއެކޭ އެއްގޮތެއް ނުވާނެ. ކުރިން ކުރި ފަދަ މަސައްކަތްތަކެއް ނުކުރެވޭނެ. އެކަމަކު އަދިވެސް އޭނާއަށް ވަރަށް ބޮޑަށް އިހުތިރާމް ކުރަން. މިއީ މި ކުޅިވަރުގައި ފެނުނު އެންމެ މޮޅު އެއް ކުޅުންތެރިޔާ." އޭނާ ބުންޏެވެ.

މި ވާހަކަތައް އައިސްފައި ވަނީ ރޮނާލްޑޯއަށް އުނދަގޫ ދަނޑިވަޅެއްގައެވެ. އޮޕްޓާގެ ތަފާސްހިސާބުތަކަށް ބަލާއިރު، އުމުރުން 41 އަހަރުގެ ރޮނާލްޑޯ ވަނީ ބޮޑެތި ބައިނަލްއަގުވާމީ މުބާރާތްތަކުގައި (ވޯލްޑް ކަޕް އަދި ޔޫރޯ) ޖެހިޖެހިގެން 10 މެޗު ލަނޑެއް ނުޖެހި ނިންމާލާފައެވެ.

ޑީއާރް ކޮންގޯއިން ވަނީ އެ ގައުމުގެ ތާރީޚުގައި ފުރަތަމަ ފަހަރަށް ވޯލްޑް ކަޕް ޕޮއިންޓެއް ހޯދައިފައެވެ. މިއީ 1974 ވަނަ އަހަރު ޒަޔަރްގެ ނަމުގައި އެ ގައުމުން ވޯލްޑް ކަޕްގައި ވާދަކުރި ފަހުން ވޭތުވެދިޔަ 50 އަށް ވުރެ ގިނަ އަހަރުގެ ތެރޭގައި ހޯދި ފުރަތަމަ ޕޮއިންޓެވެ.

ކަމުދިޔަތަ؟

ކޮމެންޓުތައް (0)

އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.

ކޮމެންޓު