2023 ވަނަ އަހަރު އަންހެނަކު ރޭޕްކުރި ކަމަށް ކުރެވޭ ތުހުމަތުގައި މޮރޮކޯގެ ތަރި އަޝްރަފް ހަކީމީގެ މައްޗަށް ޝަރީއަތް ކުރާނެކަން ފްރާންސްގެ ކޯޓަކުން ކަށަވަރުކޮށްދީފިއެވެ.
ހަކީމީ ވަނީ ޖިނާއީ ކޯޓަށް ހުށަހެޅިފައިވާ އެ ތުހުމަތުތަކަށް އިންކާރުކޮށްފައެވެ.
ފެބްރުއަރީ 2023 ގައި، އޭރު އުމުރުން 24 އަހަރުގެ އަންހެނަކު ޕެރިހުގެ އިރުދެކުނުން އޮންނަ ވަލް-ޑި-މާން ސަރަހައްދުގެ ފުލުހުންނަށް މައުލޫމާތު ދެމުން ބުނެފައިވަނީ ހަކީމީ އޭނާ ރޭޕްކުރި ކަމަށެވެ.
ޕީއެސްޖީގެ ރައިޓް-ބެކް އަދި މޮރޮކޯ ގައުމީ ޓީމުގެ ކެޕްޓަން، 2026 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި މިރޭ ސްކޮޓްލޭންޑާ ދެކޮޅަށް ކުޅޭ ދެވަނަ މެޗަށް ތައްޔާރުވަމުންދާއިރު، އޭނާގެ މައްޗަށް ކުރެވޭ ތުހުމަތުތަކަށް މެދުނުކެނޑި އިންކާރު ކުރަމުންދެއެވެ.
ވާސައިލްސް ކޯޓް އޮފް އެޕީލް އިން މި ނިންމުން ނިންމިތާ މާގިނަ އިރުތަކެއް ނުވެ، ހަކީމީ އެކްސް ގައި ލިޔެފައި ވަނީ އޭނާ "ފުރަތަމަ ދުވަހުން ފެށިގެން ވެސް މި ޝަރީއަތަށް އިންތިޒާރު ކުރަމުންދާ" ކަމަށެވެ.
"އެންމެ ފަހުން، އަހަންނަށް ވާހަކަ ދެއްކޭނެ،" އޭނާ ބުންޏެވެ.
އޯ-ޑި-ސީން ޑިޕާޓްމަންޓުގެ ޖިނާއީ ކޯޓުގައި މި ޝަރީއަތް ފަށާނެ ތާރީޚެއް އަދި އިއުލާންކޮށްފައެއް ނުވެއެވެ.
"މި ކަށަވަރުވުމަކީ ކުރިންވެސް އުންމީދު ކުރެވުނު ކަމެއް. މީގެން އެއްވެސް އެއްޗަކުން އޭނާ ކުށްވެރިވާ ކަމަކަށް ނުދައްކާ، އޭނާގެ ދިފާއުގައި އޭނާ ސާބިތުވެ ހުންނާނެ،" ހަކީމީގެ ވަކީލު ފެނީ ކޮލިން ބުންޏެވެ.
މައްސަލަ ހުށަހެޅި ފަރާތުގެ ވަކީލު ރޭޗަލް-ފްލޯ ޕާޑޯ ބުނީ މި ނިންމުމުގެ ސަބަބުން އޭނާގެ މުވައްކިލަށް "ހިތްހަމަޖެހުމާއި އުންމީދު" ލިބިގެންދިޔަ ކަމަށެވެ.
މައްސަލަ ހުށަހެޅި ފަރާތުން ބުނި ގޮތުގައި އޭނާ ހަކީމީއާ ބައްދަލުވީ ޖެނުއަރީ 2023 ގައި އިންސްޓަގްރާމް އިންނެވެ. އަދި އޭނާ ހަކީމީގެ ގެއަށް ދިޔައީ ހަކީމީ އޯޑަރުކުރި ޓެކްސީއެއްގައެވެ.
އޭނާ ތުހުމަތުކުރާ ގޮތުގައި ހަކީމީ އޭނާގެ ގަޔަށް ބޮސްދީ، އޭނާގެ ނުރުހުމުގައި އަތްލައި، އަދި އޭގެ ފަހުން ރޭޕްކުރިއެވެ.
އޭނާ ބުނީ ހަކީމީ ދުރަށް ކޮއްޕާލުމަށް ފަހު ރައްޓެއްސަކަށް މެސެޖުކޮށް، އެ ރައްޓެހިމީހާ އައިސް އޭނާ ބަލާ ދިޔަ ކަމަށެވެ.
ބުރާސްފަތި ދުވަހު ޝާއިއުކުރި މީޑިއާޕާޓްގެ އާޓިކަލެއްގައިވާ ގޮތުގައި "ޖީން" ގެ ނަމުން ނަން ބަދަލުކޮށްފައިވާ އެ އަންހެން މީހާ ބުނީ އޭނާ ޝަރީއަތެއް ބޭނުން ވަނީ "އަމިއްލަ ނަފްސު ދިފާއުކުރުމަށާއި، އަޑު އިއްވުމަށް ޓަކައި" ކަމަށެވެ.
"އަހަރެން ބޭނުންވަނީ އަހަރެންގެ ވާހަކަ ކިޔައިދޭން. އަހަރެން ބޭނުން ވަނީ މީހުން އަހަރެންގެ ވާހަކަ ގަބޫލުކުރަން،" އޭނާ އިތުރަށް ބުންޏެވެ.
ކޮމެންޓުތައް (0)
އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.