ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތަށް ފަހު، ޖަރުމަނުގެ ގައުމީ ޓީމަށް ކުޅުން އަނެއްކާ ވެސް ހުއްޓާލަން ނިންމާފައިވާ ކަމަށް އެ ގައުމުގެ ތަޖުރިބާކާރު ކީޕަރު މެނުއަލް ނޯޔާ ބުނެފިއެވެ.
އުމުރުން 40އަހަރުގެ ނޯޔާ މިކަން ހާމަކުރީ، ކުއްލި ގޮތަކަށް ގައުމީ ޓީމުގެ ގޯލު ބަލަހައްޓަން އޭނާއަށް ޖެހުމުން އޭނާގެ ކުރިމަގާ މެދު އުފެދިފައިވާ ސުވާލުތަކަށް ޖަވާބު ދެމުންނެވެ.
ޖަރުމަނުގެ އެންމެ ކާމިޔާބު ކްލަބް ކަމަށްވާ ބަޔާން މިއުނިކްގެ ކެޕްޓަންކަން ވެސް ކުރަމުން އަންނަ ނޯޔާ ވަނީ 2024ވަނަ އަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތަށް ފަހު ގައުމީ ޓީމަށް ކުޅުން ހުއްޓާލާފައެވެ. ނަމަވެސް، ގައުމީ ޓީމަށް ދިމާވި ކުއްލި ހާލަތަކާ ގުޅިގެން އޭނާ އަލުން ޓީމާ ގުޅުނީ "ރެސްކިއު އޮޕަރޭޝަނެއްގެ"ގޮތުގައި އެހީތެރިވުމަށެވެ. ނޯޔާ ބުނީ ގައުމީ ޓީމުގައި އިތުރު ދެ އަހަރު މަޑުކުރުމުގެ އެއްވެސް ވިސްނުމެއް އޭނާގެ ނެތް ކަމަށެވެ.
މިހާރުގެ އުމުރަށް ބަލާއިރު، ކްލަބް ލެވެލްގައްޔާއި ގައުމީ ޓީމުގައި އެއްފަހަރާ ކުޅުމަކީ އަމިއްލަ ނަފްސަށް ދެވޭ އަނިޔާއެއްގެ ގޮތުގައި ނޯޔާ ސިފަކުރިއެވެ. އޭނާ ބުނި ގޮތުގައި އެފަދަ ބޮޑު ބުރައެއް ދިގު މުއްދަތަކަށް އުފުލުމަކީ މިހާރު ކުރެވޭނެ ކަމެއް ނޫނެވެ. އެހެންކަމުން، 2024ގައި ގައުމީ ޓީމުން ރިޓަޔާ ކުރަން ނިންމި ނިންމުމަކީ އަދިވެސް އެންމެ ރަނގަޅު ނިންމުން ކަމަށް އޭނާ ދެކެއެވެ. ނަމަވެސް މިފަހަރު ގައުމީ ޓީމާ ގުޅުނީ ކޯޗާއި މެނޭޖްމަންޓާ އެކު ކުރެވުނު މަޝްވަރާތަކަށް ފަހު، ޓީމަށް އޭނާގެ ބޭނުން ޖެހުމުންނެވެ.
"އަހަރުމެންގެ އަމާޒަކީ މިފަހަރުގެ މުބާރާތް ކާމިޔާބު ކުރުން. މި އުމުރުގައި ގޮސް އަހަރެންނަށް ދެ ވަނަ ވޯލްޑް ކަޕެއް ކާމިޔާބު ކުރެވިއްޖެނަމަ އެކަންވާނީ ވަރަށް ބޮޑު އުފަލަކަށް" ނޯޔާ ބުންޏެވެ.
ނޯޔާއަކީ 2014ވަނަ އަހަރު ވޯލްޑް ކަޕް ކާމިޔާބުކުރި ޖަރުމަނު ޓީމުގެ މުހިންމު ކީޕަރެވެ. އެ މުބާރާތުގެ އެންމެ މޮޅު ކީޕަރުގެ މަގާމު ވެސް ހޯދި ނޯޔާގެ އަމާޒަކީ މިފަހަރުވެސް ތަށި ހޯދުމެވެ. ޖަރުމަނަކީ މިހާތަނަށް ހަތަރު ފަހަރު ވޯލްޑް ކަޕް ކާމިޔާބުކޮށް، މި މުބާރާތުގެ ތާރީޚުގައި ދެވަނައަށް އެންމެ ކާމިޔާބު ގައުމެވެ.
ކޮމެންޓުތައް (0)
އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.