ގުއަޑަލަހާރާގައި ސައުތު ކޮރެއާ އަތުން ހަނި ތަފާތަކުން މޮޅުވެ، މުބާރާތް ބާއްވާ އެއް ގައުމު ކަމަށްވާ މެކްސިކޯއިން މި އަހަރުގެ ވޯލްޑް ކަޕްގެ ނޮކްއައުޓް ބުރަށް ކޮލިފައިވި ފުރަތަމަ ގައުމުގެ ޝަރަފް ހޯދައިފިއެވެ.
މެޗުގެ 50ވަނަ މިނެޓުގައި ސައުތު ކޮރެއާގެ ގޯލްކީޕަރު ކިމް ސިއުންގް-ގިއުއާއި އޭނާގެ ޓީމުގެ ކުޅުންތެރިޔާ ލީ ގީހިއުކް އެކަކު އަނެކަކު ގައިގައި ޖެހި، ކީޕަރު އަތުން ބޯޅަ ދޫވި ވަގުތު، މެކްސިކޯގެ މިޑްފީލްޑަރު ލުއިސް ރޯމޯ ވަނީ ހުސް ގޯލެއްގެ ތެރެއަށް ބޯޅަ ފޮނުވާލައިފައެވެ.
ސައުތު ކޮރެއާއަށް މެޗުގައި ލިބުނު އެންމެ ރަނގަޅު ފުރުސަތު ލިބުނީ 87ވަނަ މިނެޓުގައެވެ. ޗޯ ގުއޭ-ސުންގް ބޮލުން ފޮނުވާލި ކައިރި ރޭންޖުގެ ހަމަލާ މެކްސިކޯގެ ކީޕަރު ރައުލް ރަންހެލް ދިފާއުކުރިއިރު، އޭގެ ފަހުން ޔަންގް ހިއުން-ޖުން ފޮނުވާލި ބޯޅަ ވެސް ކީޕަރު ވަނީ ހުޝިޔާރުކަމާއެކު ދިފާއުކޮށްފައެވެ.
މީގެ ކުރިން، ސައުތު ކޮރެއާގެ ކެޕްޓަން ސޮން ހިއުންގ-މިން ކީޕަރު ރަންހެލް ބޯމަތިން ފޮނުވާލި ބޯޅަ މެކްސިކޯގެ އެޑްސަން އަލްވަރޭޒް ގޯލުގެ ރޮނގުމަތިން ސަލާމަތްކުރި ނަމަވެސް، ޓޮޓެންހަމްގެ ކުރީގެ ފޯވާޑް ހުރީ އޮފްސައިޑްގައެވެ.
ފުރަތަމަ ހާފުގައި މެކްސިކޯގެ ފަރާތުން ފެނުނު ދަށް ކުޅުމުގެ ސަބަބުން ސަޕޯޓަރުންގެ ފާޑުކިޔުން އަމާޒުވި ނަމަވެސް، ދެވަނަ ހާފުގައި މެކްސިކޯއިން ކުޅުން ރަނގަޅުކުރިއެވެ. އަދި 75ވަނަ މިނެޓުގައި ރައުލް ހިމެނޭޒް އުނދަގޫ އޭންގަލަކުން ފޮނުވާލި ބޯޅަ ކީޕަރު ދިފާއު ނުކުރިނަމަ މެކްސިކޯއަށް ލީޑު ފުޅާކުރެވުނީހެވެ.
ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި އޮބެޑް ވަރްގަސް ފޮނުވާލި ބާރު ހަމަލާވެސް ކީޕަރު ކިމް ވަނީ ވެއްޓިގެންފައި ހުޝިޔާރުކަމާ އެކު ދިފާއުކޮށްފައެވެ.
މި ނަތީޖާއާ އެކު މެކްސިކޯއިން ވަނީ ވޯލްޑް ކަޕްގައި ސައްތައިން ސައްތަ ރެކޯޑެއް ދަމަހައްޓައި، ހަވިއޭ އަގީރޭގެ އިރުޝާދުގެ ދަށުން ކުޅޭ ޓީމު ގްރޫޕް އޭގެ އެއްވަނަ ޓީމުގެ ގޮތުގައި ދެވަނަ ބުރަށް ދާނެކަން ކަށަވަރުކޮށްފައެވެ.
މީގެ މާނައަކީ މުބާރާތް ބާއްވާ ގައުމު ކުޅޭ 32ޓީމުގެ ބުރާއި 16ޓީމުގެ ބުރުގެ މެޗުތައް ކުޅޭނީ މެކްސިކޯ ސިޓީގައެވެ. އަދި ތޯމަސް ޓުޗެލްގެ އިރުޝާދުގެ ދަށުން ކުޅޭ އިންގްލެންޑް ގްރޫޕްގެ އެއްވަނަ ހޯދައި ފުރަތަމަ ނޮކްއައުޓް މެޗުން މޮޅުވެއްޖެ ނަމަ، މެކްސިކޯއިން އެ ޓީމާ ދެކޮޅަށް ކުޅެން ޖެހިދާނެއެވެ.
މި މެޗުން ބަލިވި ނަމަވެސް، ފުރަތަމަ މެޗުގައި ޗެކް ރިޕަބްލިކް އަތުން ހޯދި މޮޅާއެކު ސައުތު ކޮރެއާއަށް އަދިވެސް ދެވަނަ ބުރަށް ދިއުމުގެ ރަނގަޅު ފުރުސަތެއް އެބައޮތެވެ.
އެ ޓީމު ދެން ބައްދަލުކުރާނީ ބުރާސްފަތި ދުވަހު (02:00 ބީއެސްޓީ ގައި)މޮންޓެރޭގައި ސައުތު އެފްރިކާއާއެވެ. މެކްސިކޯ އެ ގަޑީގައި މެކްސިކޯ ސިޓީގައި ނުކުންނާނީ ޗެކް ރިޕަބްލިކާ ދެކޮޅަށެވެ.
ކޮމެންޓުތައް (0)
އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.