ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް)އިން އިންތިޒާމުކޮށްގެން ބާއްވާ ރާއްޖެ ޖޫނިއަރ ވޮލީބޯޅަ ޗެމްޕިއަންޝިޕް އަންނަ އޮގަސްޓް މަހު ބޭއްވުމަށް ނިންމައި، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
ވީއޭއެމްއިން ބުނި ގޮތުގައި މި މުބާރާތް ފެށުމަށް ތާވަލުކޮށްފައިވަނީ އޮގަސްޓް މަހުގެ 4ވަނަ ދުވަހުއެވެ.
މުޅި ރާއްޖެ 8ޒޯނަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތް ހޯސްޓްކުރުމުގެ ފުރުސަތުވެސް މިހާރު ވަނީ ހުޅުވާލާފައެވެ. މާލެ ހިމެނޭ ޒޯން 6ފިޔަވައި، ބާކީ ހުރި ހުރިހާ ޒޯންތަކެއް (ޒޯން 1، 2، 3، 4، 5، 7 އަދި 8)ގެ މެޗުތައް ހޯސްޓްކުރަން ބޭނުންވާ ރަށްތަކުން އެކަމަށް އެދި ހުށަހެޅުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ.
ޒޯންތަކުގެ މެޗުތައް ބޭއްވުމަށް ޝައުގުވެރިވާ ރަށްތަކުން ޖުލައި މަހުގެ 1 ވާ ބުދަ ދުވަހުގެ ހެނދުނު 11:00ގެ ކުރިން އީމެއިލް މެދުވެރިކޮށް އެކަން ހުށަހަޅަންޖެހޭނެ ކަމަށް ވީއޭއެމް އިން މައުލޫމާތުދެއެވެ.
މި މުބާރާތް ކުރިއަށްދާނީ އަންހެން އަދި ފިރިހެން ދެ ބަޔަށް ބަހާލައިގެންނެވެ. މުބާރާތުގައި ހިމެނޭ އުމުރުފުރާތަކަކީ 14އަހަރުން ދަށް، 16އަހަރުން ދަށް އަދި 19އަހަރުން ދަށުގެ އުމުރުފުރާތަކެވެ. މި މުބާރާތުގައި ބައިވެރިވެވޭނީ ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ ސްކޫލް ނުވަތަ މަދަރުސާތަކަށެވެ. މުބާރާތުގައި ބައިވެރިވާން ބޭނުންވާ ސްކޫލްތަކުން ޖުލައި 1ވާ ބުދަ ދުވަހުގެ ހެނދުނު 11:00ގެ ކުރިން ފޯމު ހުށަހަޅަންޖެހެއެވެ.
ކޮމެންޓުތައް (0)
އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.