ފީފާ ވޯލްޑް ކަޕް 2026ގެ ގްރޫޕް ކޭ ގައި ކޮންގޯއާ ވާދަކޮށް ޕޯޗުގަލް އެއްވަރުވި ނަމަވެސް، ޓީމާ މެދު އެއްވެސް ކަންބޮޑުވުމެއް ނެތް ކަމަށް އެ ގައުމުގެ ކޯޗު ރޮބާޓޯ މާޓިނޭޒް ބުނެފިއެވެ.
މާޓިނޭޒް ފާހަގަކުރި ގޮތުގައި، ސްޕެއިން އަދި އާޖެންޓީނާ ފަދަ ދުނިޔޭގެ ވަރުގަދަ ބާރުތަކުން ވެސް މީގެ ކުރިން ވޯލްޑް ކަޕްގެ ފުރަތަމަ މެޗުތަކުގައި ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލާފައިވެއެވެ. އެހެންކަމުން، މި މެޗުން ލިބުނު ފިލާވަޅުތަކުގެ ބޭނުން ހިފައި، ކަންކަން އިސްލާހުކޮށްގެން ކުރިއަށް ދިއުން މާ މުހިންމު ކަމަށް އޭނާ ބުންޏެވެ.
މެޗަށްފަހު ވާހަކަދައްކަމުން މާޓިނޭޒް ބުނީ، މެޗުގެ ކުރީކޮޅު ޕޯޗުގަލްއިން ލަނޑެއް ޖަހައި ކުރިހޯދި ނަމަވެސް، އޭގެ ސަބަބުން ޓީމުގެ ކުޅުމަށް ނޭދެވޭ އަސަރެއް ކުރި ކަމަށެވެ. އާންމުކޮށް ފުރަތަމަ ލަނޑަށްފަހު ދެވަނަ ލަނޑެއް ޖަހަން މަސައްކަތް ކުރި ނަމަވެސް، މި މެޗުގައި ކުޅުންތެރިންގެ ފަރާތުން ފެނުނީ ބަލިވެދާނެ ކަމުގެ ބިރަށް ބޯޅަ ހިފަހައްޓައިގެން ކުޅެން އުޅުނު މަންޒަރެވެ. މީގެ ސަބަބުން އިދިކޮޅު އޭރިއާ ތެރެއަށް ނުވަދެވި، ކޮންގޯއަށް ކައުންޓަރ އެޓޭކްތައް އުފެއްދަން ފުރުސަތު ލިބުނު ކަމަށް އޭނާ ފާހަގަކުރިއެވެ.
މުޅި މެޗުގައި ކޮންގޯއިން ދެއްކި ވަރުގަދަ ކުޅުމަށް މާޓިނޭޒް ވަނީ ތައުރީފުކޮށްފައެވެ. އޭނާ ބުނި ގޮތުގައި ކޮންގޯއިން ކުޅުނީ ފައިނަލް މެޗެއްގެ ފޯރިއާއި އާދަޔާހިލާފު ހިތްވަރަކާއެކުގައެވެ. އަދި މެޗުގެ ތެރެއިން ކޮންގޯއިން ލަނޑު ޖެހުމުން ޕޯޗުގަލްގެ ކެޕްޓަން ރޮނާލްޑޯގެ ފަރާތުން މާޔޫސްކަން ފެނިގެންދިޔަ ނަމަވެސް، މުޅި ޓީމުގެ ކުޅުންތެރިން ދެއްކި ހިތްވަރާއި އަޒުމަށް ކޯޗު ސާބަސް ދިނެވެ.
ކުރިއަށް އޮތް މެޗުތަކަށް ބަލާއިރު، އަމިއްލަ ކުޅުމަށް ފާޑުކިޔައި، ރަނގަޅު ކުރަންޖެހޭ ކަންކަން ދެނެގަތުމަކީ ޓީމުގެ ޒިންމާއެއް ކަމަށް މާޓިނޭޒް ގަބޫލުކުރެއެވެ. ވޯލްޑް ކަޕް ފަދަ ބޮޑު މުބާރާތެއްގައި ކުރަމުންދާ މަސައްކަތް ހުއްޓުމެއް ނެތި ކުރިއަށްގެންދާނެ ކަމުގެ ޔަގީންކަން ދެމުން އޭނާ ބުނީ، ޓީމުގެ ފެންވަރާ މެދު ފުރިހަމަ އިތުބާރު އެބައޮތް ކަމަށެވެ. މި މުބާރާތުގައި ޕޯޗުގަލް ދެން ބައްދަލުކުރާނީ ވޯލްޑް ކަޕަށް އަލަށް ކޮލިފައިވި އުޒްބެކިސްތާނާއެވެ.
ކޮމެންޓުތައް (0)
އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.