ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ދަ ކޮންގޯ (ޑީއާރް ކޮންގޯ) އިން ގްރޫޕް ކޭގައި ޕޯޗުގަލްއާ 1-1އިން އެއްވަރުކޮށް، ވޯލްޑް ކަޕްގެ ތާރީޚުގައި އެ ގައުމުން ފުރަތަމަ ޕޮއިންޓް ހޯދައިފައެވެ.
ބުދަ ދުވަހު ކުޅުނު މި މެޗުގައި ނޭވޭސް ކުރީކޮޅު ޖެހި ލަނޑުން ޕޯޗުގަލް ކުރިހޯދާފައިވަނިކޮށް، ޔޮއާން ވިސާ ބޮލުން ޖެހި ލަނޑުން ކޮންގޯ އިން ނަތީޖާ ހަމަހަމަކުރިއެވެ. 1974ވަނަ އަހަރު އެ ގައުމުގެ ނަން "ޒަޔަރް" ގެ ގޮތުގައި އޮތްއިރު ކުޅުނު ފަހުން ފުރަތަމަ ފަހަރަށް ވޯލްޑް ކަޕްގައި ވާދަކުރި އެފްރިކާގެ މި ޓީމުން ވަނީ މޮޅު ކުޅުމެއް ދައްކާފައެވެ.
ޕޯޗުގަލްގެ ރޮނާލްޑޯ، 41، މުޅި މެޗުގައި ވެސް މާ ބޮޑު ނުރައްކަލެއް ކުރިމަތިނުކުރެވުނުއިރު، އޭނާގެ ވާދަވެރި ލިއޮނަލް މެސީ އަންގާރަ ދުވަހު އަލްޖީރިއާ ކޮޅަށް ހެޓްރިކް ހަދައި ދެއްކި ފަދަ މޮޅު ކުޅުމެއް އޭނާއަށް މި މެޗުގައި ނުދެއްކުނެވެ.
ޑީއާރް ކޮންގޯގެ މި ކާމިޔާބީ މާ ބޮޑުވަނީ، އެ ގައުމުގައި ފެތުރެމުންދިޔަ އެބޯލާ ބަލިމަޑުކަމުގެ ސަބަބުން މެޗަށް ތައްޔާރުވުމަށް ގިނަ ހުރަސްތަކެއް ކުރިމަތިވެފައިވަނިކޮށް މި ނަތީޖާ ހޯދުމުންނެވެ.
ޕޯޗުގަލްގެ ބައެއް ކުޅުންތެރިން ތިބީ، މިދިޔަ އަހަރު ކާރު އެކްސިޑެންޓެއްގައި މަރުވި އެމީހުންގެ ކުޅުންތެރިޔާ ޑިއޯގޯ ޖޮޓާގެ ހަނދާނުގައި، އެ ގައުމުގެ ބޮޑުވަޒީރު ލުއިސް މޮންޓެނެގްރޯ ދެއްވި ރިސްޓް ބޭންޑްތަކެއް އަޅައިގެންނެވެ.
ބޯޅަ ހިފަހައްޓައިގެން މޮޅަށް ކުޅުނު ނަމަވެސް ޕޯޗުގަލްއަށް ނުރައްކާތެރި ހަމަލާތަކެއް އުފެއްދޭ ގޮތެއް ނުވިއެވެ. އަދި ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ތެރޭގައި ކޮންގޯއިން ވަނީ އޭގެ ފައިދާ ހިފާފައެވެ.
ޕޯޗުގަލްގެ ގޯލްކީޕަރު ޑިއޯގޯ ކޮސްޓާ ފަހަތަށް ޖައްސާލުމަށް ފަހު، މާ ބޮޑު ހުރަހެއް ނެތި ވިސާ ބޮލުން ޖެހި މި ލަނޑާއެކު ދަނޑުމަތީގައާއި، ބެންޗުގައި އަދި ސްޓޭޑިއަމްގައި ތިބި ކޮންގޯގެ ސަޕޯޓަރުންގެ މެދުގައި ބޮޑު އުފާވެރިކަމެއް ފެތުރިގެންދިޔައެވެ. ނިއުކާސަލްގެ މި ފޯވާޑް ވެގެންދިޔައީ ވޯލްޑް ކަޕެއްގައި ކޮންގޯއަށް ފުރަތަމަ ލަނޑު ޖަހައިދިން ކުޅުންތެރިޔާއަށެވެ.
ކޮމެންޓުތައް (0)
އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.