ހޯދާ
ހޮނިހިރު • 17 އޮކްޓޯބަރު 2026
🔖

ހާލަންޑަކީ ކޮންމެ ފެންވަރެއްގައި ވެސް ކުޅެވޭނެ މޮޅު ކުޅުންތެރިއެއް: ސޮލްބަކެން

ޝެއާ ކުރޭ Facebook Telegram Viber X

ފީފާ ވޯލްޑް ކަޕްގެ ގްރޫޕް އައިގައި އިރާގާ ދެކޮޅަށް ކުޅުނު މެޗުން 4-1ގެ ނަތީޖާއަކުން ނޯވޭ މޮޅުވިއިރު، އެޓީމުގެ ތަރި އާލިން ހާލަންޑް ދެއްކި ކުޅުމާ  އެކު އޭނާއަކީ ކޮންމެ ފެންވަރެއްގެ މަރުހަލާއެއްގައިވެސް ކުޅެވިދާނެ ކުޅުންތެރިއެއްކަން ސާބިތުކޮށްދީފި ކަމަށް ނޯވޭގެ ކޯޗު ސްޓޭލް ސޮލްބަކެން ބުނެފިއެވެ.

މި މެޗުގައި ހާލަންޑް ވަނީ ނޯވޭއަށް ދެ ލަނޑު ކާމިޔާބުކޮށްދީފައެވެ.

މެޗަށްފަހު ވާހަކަދައްކަމުން ކޯޗު ސޮލްބަކެން ބުނީ، މެޗުގެ ކުރިން ބޭއްވި އެންމެ ފަހު ފަރިތަކުރުންތަކުގައި ހާލަންޑްގެ ފަރާތުން ފެނުނު ކުޅުމުގެ ސަބަބުން، މެޗުގައި އޭނާގެ ފަރާތުން މިފަދަ މޮޅު ކުޅުމެއް ފެންނާނެކަމުގެ އިހުސާސް ކުރެވުނު ކަމަށެވެ. ހާލަންޑް ވަނީ އެންމެ ފަހުން ނޯވޭގެ ގައުމީ ޓީމަށް ކުޅުނު 20މެޗުގައި 17ލަނޑު ޖަހައިދީ، އާދަޔާ ހިލާފު މޮޅު ރެކޯޑެއް ގާއިމުކޮށްފައެވެ.

މި މެޗުގައި އިރާގުގެ ކޯޗެއްގެ ގޮތުގައި ހުރި ގްރަހަމް އާނޯލްޑް ވެސް ވަނީ ހާލަންޑްގެ ކުޅުމަށް ވަރަށް ބޮޑަށް ތައުރީފުކޮށްފައެވެ. އާނޯލްޑް ބުނި ގޮތުގައި ހާލަންޑަކީ ވަރަށް ފުރިހަމަ "ނަމްބަރު ނުވައެއް"އެވެ. އަދި އޭނާގެ ކުޅުންތެރިން ހާލަންޑް ހިފެހެއްޓުމަށް ގިނަ މަސައްކަތްތަކެއް ކުރި ނަމަވެސް، މޮޅު ފޯވަޑެއްގެ ފަރާތުން ފެންނާނެ ފަދަ ތަފާތު މޮޅު ކުޅުމެއް އޭނާ ދެއްކި ކަމަށް އާނޯލްޑް އެއްބަސްވިއެވެ.

މީގެ އިތުރުން، މިފަހަރުގެ މުބާރާތުގައި ނޯވޭއަށް ވަރަށް ކުރިއަށް ދިއުމުގެ ފުރުސަތު އެބައޮތް ކަމަށް އާނޯލްޑް ފާހަގަކުރިއެވެ. މެޗު ނިމުމަށްފަހު އާނޯލްޑް ވަނީ ހާލަންޑާ ބައްދަލުކޮށް ވާހަކަދައްކާފައެވެ. އެ ވާހަކަތަކާ ގުޅޭގޮތުން ސުވާލުކުރުމުން އާނޯލްޑް ހާމަކުރި ގޮތުގައި، އޭނާ ވަނީ ހާލަންޑަކީ މިވަގުތު ދުނިޔޭގައި ހުރި އެންމެ ފާހަގަކޮށްލެވޭ އެއް ފޯވަޑް ކަމަށް ބުނެ އޭނާއަށް ހިތްވަރުދީފައެވެ.

ކަމުދިޔަތަ؟

ކޮމެންޓުތައް (0)

އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.

ކޮމެންޓު