ވޭތުވެދިޔަ އަހަރުތަކުގައި ފްރާންސްއިން ވަނީ މޮޅު އެތައް އެޓޭކިން ކުޅުންތެރިންނެއް ދުނިޔެއަށް ދައްކާލާފައެވެ.
ނަމަވެސް، ވޯލްޑް ކަޕްގެ ފުރަތަމަ މެޗުގައި ސެނެގާލްއާ ދެކޮޅަށް ކީލިއަން އެމްބާޕޭ ޖެހި ލަނޑުތަކާ އެކު، ލަނޑުޖެހުމުގެ ރެކޯޑަށް ބަލާއިރު އޭނާއަށް ވުރެ މޮޅު އެހެން ކުޅުންތެރިއަކު ނެތެވެ.
ރެއާލް މެޑްރިޑްގެ ފޯވާޑް ވަނީ އުމުރުން އެންމެ 27 އަހަރުގައި ފްރާންސް ގައުމީ ޓީމަށް ޖަހައިދިން 58 ވަނަ ލަނޑާ އެކު ޖިރޫގެ ރެކޯޑް މުގުރާލައި، އެ ގައުމަށް އެންމެ ގިނަ ލަނޑު ޖަހައިދިން ކުޅުންތެރިޔާގެ ޝަރަފް ހޯދާފައެވެ.
"މަރުހަބާ ކީލިއަން،" ފްރާންސް އާއި ސެނެގާލް ބައްދަލުކުރި މެޗުގެ ބީބީސީ ވަންގެ އެނަލިސްޓެއްގެ ގޮތުގައި ހުރެ ޖިރޫ ބުންޏެވެ. "އަހަރެން އޭނާއަށް ޓަކައި އުފާކުރަން.
"މިއީ ހަމަޖެހޭ ކަމެއް، މިއީ ކުރިން ވެސް އުންމީދު ކުރެވުނު ކަމެއް. އޭނާ ހުރިހާ ރެކޯޑެއް މުގުރާލާނެ - ގައުމީ ޓީމަށް ކުޅުނު މެޗުތަކާއި ޖެހި ލަނޑުގެ އަދަދު ވެސް. އަހަރެން ހިތުން އޭނާއަށް ފަސޭހަކަމާ އެކު 100 ލަނޑު ހަމަކުރެވޭނެ، އަދި ފަހަރުގައި މިރޮސްލާވް ކްލޯސާގެ ވޯލްޑް ކަޕް ރެކޯޑް ވެސް [މުގުރާލާނެ]. އޭނާ ވަނީ ވޯލްޑް ކަޕްތަކާއި ބޮޑެތި މެޗުތަކުގައި މޮޅު ކުޅުމެއް ދައްކާފައި."
އެމްބާޕޭގެ 58 ލަނޑު އައީ ފްރާންސްއަށް ކުޅުނު އެންމެ 99 މެޗުންނެވެ. އަންގާރަ ދުވަހުގެ ލަނޑުތަކާއެކު ވޯލްޑް ކަޕްގައި އޭނާ ޖެހި ލަނޑުގެ އަދަދު ވަނީ 14އަށް އަރާފައެވެ. އެއީ 16 ލަނޑާއެކު ރެކޯޑް އޮތް ޖަރުމަނުގެ ކްލޯސާއަށްވުރެ އެންމެ ދެ ލަނޑު މަދު އަދަދެކެވެ.
"ވަރަށް ގިނަ ކުޅުންތެރިން އަހަރެން ކައިރީގައި އޭނާއާ ބެހޭގޮތުން އަހާ،" ޖިރޫ އިތުރަށް ބުންޏެވެ. "އަހަރެން ދެކޭގޮތުގައި އެއީ ހަމައެކަނި އޭނާގެ އަޒުމާއި އަމިއްލަ ނަފްސަށް އޮތް އިތުބާރު.
"އޭނާއަށް އެނގޭ އޭނާ ދާން ބޭނުންވާ މިސްރާބު، އޭނާއަކީ ލީޑަރެއް، އަދި ވަރަށް ޒުވާން އުމުރުގައި ވެސް އޭނާ ހުރީ ވަރަށް ހަމަޖެހިގެންކަން ފެނުނު. އޭނާގެ އުމުރާ ބަލާއިރު އޭނާއަކީ ވަރަށް ހަރުދަނާ ކުޅުންތެރިއެއް. އޭނާއަކީ ރަނގަޅު ޓީމު ބައިވެރިއެއް، އާދަޔާޚިލާފު ހުނަރުވެރިއެއް، އަދި ދަނޑުމަތީގައާއި ދަނޑުން ބޭރުގައި ވެސް އޭނާއަކީ ހަގީގީ ލީޑަރެއް ކަމަށް އަހަރެން ދެކެން."
ފްރާންސްގެ ފުޓްބޯޅަ ތަޖުރިބާކާރު ޖޫލިއަން ލޮރެންސް ގަބޫލުކުރާ ގޮތުގައި އެމްބާޕޭ ވެގެންދާނީ އެ ގައުމުގެ ތާރީޚުގައިވެސް އުފެދުނު އެންމެ މޮޅު ކުޅުންތެރިޔާއަށެވެ.
"އޭނާގެ ފަރާތުން އަދި މިއަށްވުރެ މާ ގިނަ ކަންތައްތަކެއް ފެންނާނެ، ނަމަވެސް މިހާ ހިސާބުން ހުއްޓާލިޔަސް، ޒައިނުއްދީން ޒިދާންއާއި މިޝޭލް ޕްލެޓިނީއަކީ އަދިވެސް ފްރާންސްގެ ތާރީޚުގައި އުފެދުނު އެންމެ މޮޅު ދެ ކުޅުންތެރިން،" ލޮރެންސް ބުންޏެވެ.
"އޭގެ ފަހަތުން ދެން އަންނާނީ ތިއެރީ އޮންރީ، އެންޓޮއިން ގްރީޒްމަން، އޮލިވިއޭ ޖިރޫ އަދި އެހެން ކުޅުންތެރިންނަށް ވުރެ ކުރީގައި އޮތް އެމްބާޕޭ. ކުރީގެ ޖީލުތަކުގެ ރޭމަންޑް ކޮޕާ ފަދަ ކުޅުންތެރިންނަށް ވުރެ ވެސް ކުރީގައި.
"އެއީ ހަމައެކަނި އޭނާގެ ލަނޑުތަކުގެ ސަބަބުންނެއް ނޫން، ނަމަވެސް މިހާރު ކެޕްޓަނެއްގެ ގޮތުގައި ދަނޑުމަތީގައި ދައްކާ ލީޑަޝިޕާއި، 2018ގެ ވޯލްޑް ކަޕް ކާމިޔާބުކުރުމާއި، 2022ގެ ފައިނަލްގައި ހެޓްރިކް ހެދުން ވެސް ހިމެނޭ.
"އަހަރެން ލަފާކުރާ ގޮތުގައި އޭނާގެ ކެރިއަރު ނިމޭއިރު އޭނާ ހުންނާނީ އެއްވަނައިގައި. މީގެ ފަހުން ވެސް މަދުވެގެން އެއް ވޯލްޑް ކަޕާއި ޔޫރޯ މުބާރާތްތަކެއް އޭނާ ކުޅޭނެ، އެހެންކަމުން އޭނާ ވެގެންދާނީ އަހަރެމެންނަށް ލިބުނު އެންމެ މޮޅު ކުޅުންތެރިޔާއަށް."
މާރިޗު 2017 ގައި ބައިނަލްއަގުވާމީ ފުޓްބޯޅައަށް ތައާރަފްވި އެމްބާޕޭ، ފްރާންސް ގައުމީ ޓީމަށް ޖަހައިދިން ފުރަތަމަ ލަނޑު ފެނުނީ އޭނާ ކުޅުނު ހަތަރުވަނަ މެޗުގައެވެ. އެއީ ވޯލްޑް ކަޕް ކޮލިފައިންގައި ނެދަލެންޑްސް އަތުން 4-0 އިން ފްރާންސް މޮޅުވި މެޗުގައެވެ.
ކޮމެންޓުތައް (0)
އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.