މިފަހަރުގެ ވޯލްޑް ކަޕްގައި ކީލިއަން އެމްބާޕޭ ދައްކަމުންދާ މޮޅު ކުޅުމާ އެކު، ފްރާންސްގެ އެތައް ހާސް ސަޕޯޓަރުންނެއް އޭނާގެ ކިބައިން މާފަށް އެދެން ފަށައިފިއެވެ.
މި މުބާރާތް 2018ވަނަ އަހަރު ކާމިޔާބުކޮށް، އަދި ޕެނަލްޓީ ޖަހައިގެން އާޖެންޓީނާ އަތުން ފްރާންސް ބަލިވި 2022ވަނަ އަހަރުގެ ފައިނަލްގައި ހެޓްރިކެއް ހެދި އެމްބާޕޭއަކީ މި ފަހަރު ވެސް އެންމެ ފާހަގަކޮށްލެވޭ އެއް ތަރިއެވެ.
ރެއާލް މެޑްރިޑްގެ ފޯވާޑް މިހާތަނަށް ހަ ލަނޑު ޖަހާފައިވާއިރު، އޭނާ އޮތީ ލިއޮނަލް މެސީގެ 19ލަނޑުގެ ރެކޯޑާ އެންމެ ލަނޑެއް ފަހަތުގައެވެ.
ޝައްކެއް ވެސް ނެތްގޮތުގައި އެމްބާޕޭއަކީ ހުނަރުން ފުރިފައިވާ ކުޅުންތެރިއެއް ނަމަވެސް، އޭނާގެ ކެރިއަރުގައި ކުޅުމަށް ދޭ ސަމާލުކަން ކުޑަކަމަށް ބުނެ ގިނަ ފާޑުކިޔުންތަކެއް އަމާޒުވެފައިވެއެވެ.
ނަމަވެސް، އޭނާއާ މެދު ޝައްކު އުފެއްދި މީހުން މިހާރު ދަނީ އެމީހުންގެ ވާހަކަތައް ބަދަލުކުރަމުންނެވެ.
ސަޕޯޓަރުން އެމްބާޕޭގެ ކިބައިން މާފަށް އެދެނީ
އެމްބާޕޭއާ މެދު ޝައްކު ކުރެވުނީތީ އޭނާގެ ކިބައިން މާފަށް އެދުމަށް ހެދި ޕެޓިޝަނެއްގައި މިހާތަނަށް 16،000އަށް ވުރެ ގިނަ މީހުން ވަނީ ސޮއިކޮށްފައެވެ.
މި ޕެޓިޝަނަށް ދީފައިވާ ނަމަކީ "ޕާޑަން ކީލިއަން" (ކީލިއަންއަށް މާފުކުރޭ)އެވެ. އަދި އޭގައި ލިޔެފައިވެއެވެ. "ފްރާންސް އިން ކަންތައް ކުރީ ގޯސްކޮށެވެ. އަހަރެމެން ޝައްކު ކުރީމެވެ، ފާޑުކީމެވެ، އަދި އަހަރެމެންވީ ކުށްވެރިންނަށެވެ. މިއީ ކަންކަން ރަނގަޅު ކުރަންވީ ވަގުތެވެ"
އުމުރުން 27އަހަރުގެ އެމްބާޕޭ ވަނީ ގްރޫޕް ސްޓޭޖުގައި ސެނެގާލް ބަލިކުރި މެޗުގައި އޮލިވިއޭ ޖިރޫގެ ރެކޯޑް މުގުރާލައި، ފްރާންސްގެ ތާރީޚުގައި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ ޝަރަފު ވެސް ހޯދާފައެވެ.
އެމްބާޕޭ އަކީ ބައެއް ފަހަރު ޚިޔާލުތަފާތުވުން އުފެދޭ ކުޅުންތެރިއެކެވެ. ސްޕެއިންގެ ގަދަބާރު ރެއާލް މެޑްރިޑަށް އުނދަގޫ އަހަރެއްގައި ހުރިހާ މުބާރާތެއްގައި ކުޅުނު 44މެޗުން 42ލަނޑު ޖަހައިދިން ނަމަވެސް، މިދިޔަ ސީޒަނުގައި އޭނާ ދެއްކި ކުޅުމަށް މެޑްރިޑްގެ ގިނަ ސަޕޯޓަރުން ފާޑުކިޔާފައިވެއެވެ.
ނަމަވެސް، ވޯލްޑް ކަޕްގައި މޮޅު ކުޅުމެއް ދެއްކުމަށް އޭނާގެ ކިބައިގައި ހުރި ގާބިލުކަމާ މެދު ޝައްކެއް ނެތެވެ. މި މުބާރާތުގެ ތާރީޚުގައި، ދުނިޔޭގެ އެންމެ ޝަރަފުވެރި މުބާރާތުން މިހާ ބޮޑު ކާމިޔާބީއެއް ހޯދާފައި ވަނީ މަދު ކުޅުންތެރިއެކެވެ.
ލަފާކުރެވޭ ގޮތުގައި އެމްބާޕޭގެ ކެރިއަރުގައި އަދި މަދުވެގެން ދެ ވޯލްޑް ކަޕް ކުޅެވޭނެއެވެ. މިހާރު ވެސް މި މުބާރާތް ކާމިޔާބުކޮށްފައިވާ ފޯވާޑާއި އޭނާގެ ޓީމަކީ މި ހޫނު މޫސުމުގައި ވެސް ތަށި ހޯދާނެ ކަމަށް އެންމެ ބޮޑަށް ބެލެވޭ ޓީމެވެ.
އެމްބާޕޭ އޭނާގެ ކެރިއަރު ނިންމާލާއިރު ދެތިން ވޯލްޑް ކަޕެއް ކާމިޔާބުކުރުމުގެ ފުރުސަތު ވަރަށް ބޮޑެވެ. މިއީ ފުޓްބޯޅައިގެ ތާރީޚުގައި ވަރަށް މަދު ކުޅުންތެރިއަކަށް ނޫނީ ހާސިލުކުރެވިފައިވާ ކަމެއް ނޫނެވެ.
ކޮމެންޓުތައް (0)
އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.