ހޯދާ
ހޮނިހިރު • 17 އޮކްޓޯބަރު 2026
🔖

ޕާޓޭއަށް ވިސާ ނުދިން މައްސަލަ ގާނާ ސަރުކާރުން ކޯޓަށް ހުށަހަޅައިފި

ޝެއާ ކުރޭ Facebook Telegram Viber X

 ވޯލްޑް ކަޕްގައި ގާނާ ކުޅޭ ފުރަތަމަ މެޗަށް އެ ގައުމުގެ ތަޖުރިބާކާރު މިޑްފީލްޑަރު ތޯމަސް ޕާޓޭއަށް ކެނެޑާއަށް އެތެރެވުމުގެ ވިސާ ނުލިބުނު މައްސަލަ، ގާނާގެ ސަރުކާރުން ކޯޓަށް ހުށަހަޅައިފިއެވެ.

ކެނެޑާއިން ނިންމި މި ނިންމުން އަލުން މުރާޖާކޮށްދިނުމަށް އެދި ކޯޓަށް ހުށަހެޅި ނަމަވެސް، އަންނަ ބުދަ ދުވަހު ޓޮރޮންޓޯގައި ޕެނަމާއާ ދެކޮޅަށް ކުޅޭ މެޗުގައި އުމުރުން 33އަހަރުގެ ޕާޓޭއަށް ބައިވެރިއެއް ނުވެވޭނެއެވެ.

ޕާޓޭއަށް ވިސާ ދިނުމަށް ކެނެޑާގެ އިމިގްރޭޝަނުން ދެކޮޅު ހެދީ އިނގިރޭސިވިލާތުގައި އޭނާއާ ދެކޮޅަށް ހިނގަމުންދާ ޖިނާއީ މައްސަލަތަކަކާ ގުޅިގެންނެވެ. އެގޮތުން 2020އާއި 2022އާ ދެމެދު ހަތަރު އަންހެނަކު ކުރި ތުހުމަތުތަކަކާ ގުޅިގެން، ރޭޕްކުރުމުގެ ހަތް ދައުވާއަކާއި ޖިންސީ ގޯނާގެ ދައުވާއެއް އޭނާގެ މައްޗަށް އުފުލާފައިވެއެވެ. ނަމަވެސް، މިހާރު ސްޕެއިންގެ ވިޔަރެއާލްއަށް ކުޅެމުން އަންނަ ޕާޓޭ ވަނީ މި ހުރިހާ ދައުވާތަކަކަށް އިންކާރުކޮށްފައެވެ. މި މައްސަލައިގެ ޝަރީއަތް ފެށުމަށް ތާވަލުކޮށްފައިވަނީ އަންނަ އަހަރުއެވެ.

ގާނާ ސަރުކާރުން ބުނެފައިވަނީ ކެނެޑާގެ މި ނިންމުމަކީ އިންސާފެއް ނެތް، ހަރުކަށި ނިންމުމެއް ކަމަށެވެ. އެހެންކަމުން، ހަމައެކަނި މެޗުގައި ކުޅުމަށް ޓަކައި ވަގުތީ ގޮތުން ޕާޓޭއަށް ކެނެޑާއަށް އެތެރެވުމުގެ ހުއްދަ ދިނުމަށާއި، އައު ވިސާ އެޕްލިކޭޝަނެއް ހުށަހަޅަން ފުރުސަތު ދިނުމަށް އިމިގްރޭޝަނަށް އެންގުމަށް ކޯޓުގައި ވަނީ އެދިފައެވެ. ގާނާގެ ފޮރިން މިނިސްޓަރު ސަމިއުލް އޮކުޑްޒެޓޯ އަބްލަކްވާ ވިދާޅުވި ގޮތުގައި، ޕާޓޭއަށް ވިސާ ހޯދުމަށް ޑިޕްލޮމެޓިކް ފެންވަރުގައި ވެސް ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

މި މައްސަލައާ ގުޅިގެން ކެނެޑާގެ އިމިގްރޭޝަން އިދާރާއިން ބުނީ، ބޮޑެތި މުބާރާތްތައް ބޭއްވި ނަމަވެސް އެ ގައުމުގެ އިމިގްރޭޝަން ގާނޫނުތަކަށް އެއްވެސް ބަދަލެއް ނާންނާނެ ކަމަށެވެ. އަދި ކޮންމެ މީހަކަށް ވެސް ވިސާ ދޫކުރާނީ އެ މީހެއްގެ މައުލޫމާތާއި ގާނޫނީ ހަމަތަކަށް ބަލައި ވަކިވަކިން މައްސަލަ ދިރާސާކުރުމަށް ފަހު ކަމަށް ވެސް ބުނެފައިވެއެވެ. މި ހުރިހާ ކަމެއް މިހެން ހުރި ނަމަވެސް، ގާނާގެ ކޯޗު ކާލޯސް ކުއިރޯޒް ބުނެފައި ވަނީ ޕާޓޭ ގައުމީ ޓީމަށް ނެގުމާ މެދު އޭނާގެ އެއްވެސް ޖެހިލުމެއް ނެތް ކަމަށެވެ.

ގާނާގެ ގައުމީ ޓީމަށް 2016ވަނަ އަހަރުން ފެށިގެން 50އަށްވުރެ ގިނަ މެޗު ކުޅެދީފައިވާ ޕާޓޭއަށް މި ފުރުސަތު ގެއްލުނުއިރު، ގާނާގެ ދެން ހުރި މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ އެމެރިކާގައެވެ. ނަމަވެސް، ގްރޫޕުގެ ދެވަނަ ޓީމުގެ ގޮތުގައި ގާނާ ދެވަނަ ބުރަށް ހޮވިއްޖެނަމަ، އަލުން ކެނެޑާއަށް ދާންޖެހުމުގެ ފުރުސަތު އޮތުމުން މި މައްސަލަ ވަނީ ވަރަށް ބޮޑަށް ހޫނުވެފައެވެ.

ކަމުދިޔަތަ؟

ކޮމެންޓުތައް (0)

އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.

ކޮމެންޓު