ހޯދާ
ހޮނިހިރު • 17 އޮކްޓޯބަރު 2026
🔖

ހިތްވަރު ގަދަ ސައުދީ، އުރުގުއޭއާ އެއްވަރުކޮށްފި

ޝެއާ ކުރޭ Facebook Telegram Viber X

ވޯލްޑް ކަޕްގައި ސައުދީ އަރަބިއްޔާއާ ދެކޮޅަށް އުރުގުއޭ ކުޅުނު މެޗު 1-1އިން އެއްވަރުވެއްޖެއެވެ.

މެޗުގެ ފަހުކޮޅު އުރުގުއޭގެ މެކްސީ އަރައުހޯ ކާމިޔާބުކޮށްދިން ލަނޑުން ގްރޫޕް އެޗްގައި ސްޕެއިންއާއި ކޭޕް ވާޑް ބައްދަލުކުރި މެޗު ލަނޑެއް ނުޖެހި އެއްވަރުވުމަށް ފަހު، މި ގްރޫޕުގައި އިތުރު ހައިރާންކުރުވަނިވި ނަތީޖާއެއް ނުކުތުން ވަނީ ހުއްޓުވިފައެވެ.

2022ވަނަ އަހަރުގެ މުބާރާތުގެ ފުރަތަމަ މެޗުގައި ސައުދީން ވަނީ އާޖެންޓީނާ 2-1އިން ބަލިކޮށް ބޮޑު ހައިރާންކަމެއް ގެނެސްދީފައެވެ. އަދި ރޭ މިއާމީ ސްޓޭޑިއަމްގައި ކުޅުނު މި މެޗުގެ 41ވަނަ މިނެޓުގައި އަބްދުލްއިލާހު އަލްއަމްރީ ކާމިޔާބުކުރި ލަނޑާއެކު އެޓީމުން ދިޔައީ އަނެއްކާ ވެސް އެފަދަ ނަތީޖާއެއް ތަކުރާރުކުރުމާ ގާތަށް ދަމުންނެވެ. ނަމަވެސް މެޗު ނިމެން 10 މިނެޓަށް ވެފައިވަނިކޮށް ވިންގަރ އަރައުހޯ ވަނީ ލަނޑެއް ޖަހައި އުރުގުއޭ ސަލާމަތްކޮށްދީފައެވެ.

ޔޫރަޕްގެ ޗެމްޕިއަން ސްޕެއިން ދެ ޕޮއިންޓް ގެއްލުވާލާފައިވުމާ އެކު، އުރުގުއޭގެ ކޯޗު މާސެލޯ ބިއެލްސާ ޔަގީނުން ވެސް މި ނަތީޖާ ދުށީ ލިބުނު ފުރުސަތެއް ބޭކާރުވުން ފަދަ ކަމެއްގެ ގޮތުގައެވެ.

“މިއީ އަހަރެމެން ބަލިކުރަންޖެހޭ ފަދަ އިދިކޮޅު ޓީމެއް. ފުރަތަމަ ހާފުގައި އަހަރެމެންނަށް ކަންތައްތައް ރަނގަޅަށް ނުކުރެވުނުކަން ހާމަވާ ފަދަ ގޮތަކަށް ވަގުތުތަކެއް ބޭކާރުވެގެންދިޔަ،” އޭނާ ބުންޏެވެ. “މި މެޗުން އަހަރެމެން މޮޅުވާންޖެހޭނެ.”

ސައުދީއަށް މި މެޗުން ޕޮއިންޓެއް ލިބުމުގައި އެންމެ ބޮޑު ޝުކުރެއް ހައްގުވަނީ ގޯލްކީޕަރު މުހައްމަދު އަލްއޮވައިސްއަށެވެ. މި ނަތީޖާއާ އެކު، 1994ވަނަ އަހަރު އެމެރިކާގައި ވޯލްޑް ކަޕް ބޭއްވި ފަހުން ފުރަތަމަ ފަހަރަށް މުބާރާތުގެ ނޮކްއައުޓް ބުރަށް ދެވޭނެ ކަމުގެ އިތުބާރު އެޓީމަށް ލިބޭނެއެވެ.

“މެޗު ނިމުނުއިރު އަހަރެމެން ތިބީ ވަރަށް ވަރުބަލިވެފައި، އެކަމަކު މިފަދަ އިދިކޮޅު ޓީމަކާ ދެކޮޅަށް މިކަހަލަ މެޗެއް ކުޅެ، ޕޮއިންޓެއް ހޯދުމަކީ އަހަރެމެންނަށް ލިބުނު ވަރަށް ބޮޑު ހިތްހަމަޖެހުމެއް،” ސައުދީ އަރަބިއްޔާގެ ކޯޗު ޖިއޯޖިއޯސް ޑޯނިސް ބުންޏެވެ.

“އަހަރެންގެ ކުޅުންތެރިންގެ ރޫހާއި ޖޯޝް ދެކެ އަހަރެން ފަޚުރުވެރިވޭ، އެކަމަކު މިއަށް ވުރެ ރަނގަޅަށް ކުޅުމުގެ ފެންވަރު އަހަރެމެންގެ އެބަހުރި ކަމަށް ގަބޫލުކުރަން.”

1930 އަދި 1950 ވަނަ އަހަރުގެ ވޯލްޑް ކަޕް ކާމިޔާބުކުރި އުރުގުއޭއިން މެޗު ފެށީ މޮޅުވާނެ ކަމުގެ ފުރިހަމަ އިތުބާރާއެކުގައެވެ. އަދި ފަސްވަނަ މިނެޓުގައި ވާތްފަރާތު ވިންގަރ އަރައުހޯ އޭރިއާގެ އަރިމަތިން ފޮނުވާލި ހަމަލާ، ކީޕަރު އަލްއޮވައިސް ވަނީ ދިފާއުކޮށްފައެވެ.

ނަމަވެސް މެޗުގެ ބައިގަޑިއިރު ހަމަވިތަނާ ފެޑެރީކޯ ވީނިއަސް ބޮލުން ފޮނުވާލި ނުރައްކާތެރި ހަމަލާއެއް އަލްއޮވައިސް ދިފާއުކުރި ފިޔަވައި، އުރުގުއޭގެ ކުރިއަށް ކުޅޭ ކުޅުންތެރިންގެ ފަރާތުން ފެނުނީ ފަރުވާކުޑަ ކުޅުމެކެވެ. އަދި ޑިފެންސިވް ލައިނުން ވެސް ގޯސްތަކެއް ހެދެމުންދިޔައެވެ.

މެޗުގެ ފަހުކޮޅު މޮޅުވާނެ ލަނޑެއް ޖެހުމަށް އުރުގުއޭއިން ވަރަށް ބޮޑަށް ކުރިއަށް ޖެހުނެވެ. މީގެ ތެރެއިން ފެޑެރީކޯ ވަލްވާޑޭ އަދި ހޯސޭ މާރިއާ ގިމެނޭޒް އޭރިއާގެ ދެފަރާތުން ފޮނުވާލި ނުރައްކާތެރި ހަމަލާތައް ކީޕަރު އަލްއޮވައިސް ވަނީ ހުޝިޔާރުކަމާއެކު ދިފާއުކޮށްފައެވެ.

ކަމުދިޔަތަ؟

ކޮމެންޓުތައް (0)

އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.

ކޮމެންޓު