ވޯލްޑް ކަޕްގެ ގްރޫޕް ޖީގެ ފުރަތަމަ މެޗުގައި ސިއެޓްލް ސްޓޭޑިއަމްގައި ކުޅުނު މެޗުން، މެޗު ކާމިޔާބުކުރާނެ ކަމަށް ބެލެވުނު ބެލްޖިއަމް ބަލިނުވެ ސަލާމަތްވެއްޖެއެވެ.
ބެލްޖިއަމް ސަލާމަތްކޮށްދިނީ ކުޅެން އެރިތާ މަދު ސިކުންތުކޮޅެއްގެ ތެރޭގައި ރޮމެލޫ ލުކާކޫގެ އެހީތެރިކަމާ އެކު މިސްރު އަތުން ބައިކޮށް ވަން ލަނޑަކުން 1-1އިން އެއްވަރުވެގެންނެވެ. އޭނާ ވަނީ މެޗުގެ 66ވަނަ މިނެޓުގައި ކުޅެން އެރިތާ ، އެންމެ 28 ސިކުންތު ތެރޭގައި މި މެޗުން މިސްރު މޮޅުވިޔަނުދީ ހިފަހައްޓައިދީފައެވެ. މިއީ މިސްރުން ވޯލްޑް ކަޕްގައި ވާދަކުރި ހަތަރުވަނަ ފަހަރު ފުރަތަމަ މެޗުން މޮޅުވުމަށް ލިބުނު ފުރުސަތެކެވެ.
މިސްރަށް މެޗުގެ ލީޑު ނަގައިދިނީ 20 ޔާޑު ބޭރުން ފޮނުވާލި މޮޅު ހަމަލާއަކުން ބައިނަލްއަގުވާމީ ފުރަތަމަ ލަނޑު ކާމިޔާބުކުރި މިޑްފީލްޑަރު އިމާމް އަޝޫރްއެވެ.
މިސްރުގެ ކޯޗު ހުސާމް ހަސަން، އެ ގައުމުގެ ލެޖެންޑް މުހައްމަދު ސަލާހުގެ 34 ވަނަ އުފަންދުވަހު އޭނާ މެދުތެރެއަށް ކުޅުވަން ނިންމި ނިންމުމުގެ ފައިދާ މެޗުގެ ކުރީކޮޅުން ފެށިގެން ވަރަށް ރަނގަޅަށް ފެނުނެވެ. ސަލާހު ވަނީ ބެލްޖިއަމްގެ ޑިފެންސްލައިން ކައިރިން އަޝޫރަށް ވަރަށް ފުރިހަމަ ފާހެއް ދީފައެވެ.
އަޝޫރު އޭނާގެ ފުރަތަމަ ޓަޗުން ކަނާތު ފައިން ފޮނުވާލުމަށް ބޯޅަ ތައްޔާރުކޮށްލުމަށް ފަހު، ބާރުމިނުގައި ފޮނުވާލި މި ހަމަލާ ގޯލުގެ ތިރީ ވާތްފަރާތު ކަނަށް ވައްދާލީ ރެއާލް މެޑްރިޑްގެ ގޯލްކީޕަރު ތިބައު ކޯޓުއާ ދިފާއުކުރަން އަތްދަމާލި ނަމަވެސް އޭނާއަށް އަތްނުފޯރާ ހިސާބުންނެވެ.
ހައިޑްރޭޝަން ބްރޭކްގެ ކުރިން، މެޗުގެ 19 ވަނަ މިނެޓުގައި ކާމިޔާބުކުރި މި ލަނޑަކީ މިސްރުގެ ގައުމީ ޓީމަށް ކުޅެދިން 30 ވަނަ މެޗުގައި އަޝޫރު ކާމިޔާބުކުރި ފުރަތަމަ ލަނޑެވެ.
އޭގެ ފަހުން މެޗުގެ 33 ވަނަ މިނެޓުގައި މުސްތަފާ ޒީކޯ ފޮނުވާލި ހަމަލާ، ކޯޓުއާ ވަނީ އެ ދިމާލަށް ޑައިވްކޮށް ވަރަށް މޮޅަށް ދިފާއުކޮށްފައެވެ. ފުރަތަމަ ހާފުގައި މިސްރުން ފޮނުވާލި ދެ ހަމަލާވެސް ގޯލާ އަމާޒުވިއިރު، ބެލްޖިއަމްއިން ފޮނުވާލި އަށް ހަމަލާގެ ތެރެއިން އެއްވެސް ހަމަލާއަކުން މިސްރުގެ ގޯލްކީޕަރު މުސްތަފާ ޝުބޭރު އިމްތިހާންކޮށްލެވޭ ގޮތެއް ނުވިއެވެ.
ފުރަތަމަ ހާފުގައި ބެލްޖިއަމްއިން އަރިމަތިން ތަކުރާރުކޮށް ހަމަލާތައް އުފެއްދި ނަމަވެސް، ޝުބޭރުގެ ގޯލަށް ނުރައްކާ ކުރެވޭ ގޮތެއް ނުވިއެވެ.
ދެވަނަ ހާފުގެ ކުރީކޮޅު މި މަންޒަރު ބަދަލުވެ، މެޗުގެ ކުޅުން އަވަސްވެ ބެލްޖިއަމްއިން އޭރިއާ ތެރެއަށް ބާރުބޮޑުކުރަން ފެށިއެވެ. ހަމައެއާ އެކު މިސްރުން ވެސް ނުރައްކާތެރި ކައުންޓަރ އެޓޭކްތަކެއް އުފެއްދިއެވެ. މެޗުގެ 55ވަނަ މިނެޓުގައި ސަލާހު ބޮލުން ފޮނުވާލި ހަމަލާއެއް ކޯޓުއާ ވަނީ އަނެއްކާ ވެސް ޑައިވްކޮށް ދިފާއުކޮށްފައެވެ.
އޭގެ ފަހުން އުމަރު މާމޫޝް އޭރިއާ ތެރެއިން ފޮނުވާލި ހަމަލާއެއް، ކުޅުންތެރިއެއްގެ ގައިގައި ޖެހިފައި ގޯލާ އަމާޒުނުވެ ބޭރަށް ދިޔައެވެ.
ބެލްޖިއަމްގެ ކުޅުން ވަރުގަދަކުރުމަށް ޓަކައި 66 ވަނަ މިނެޓުގައި ލުކާކޫ ކުޅެން އެރުވިއެވެ. އޭގެ 23 ސިކުންތު ފަހުން، ތޯމަސް މިއުނިއޭ ހުރަސްކޮށްދިން ބޯޅައެއްގައި، ނަޕޯލީގެ މި ފޯވާޑް ދެ ޑިފެންޑަރުންގެ މެދުުން ދެމިގަނެ، ޝުބޭރުގެ ކުރިމަތީގައި ހިނގި ހަމަނުޖެހުމެއްގެ ތެރެއިން ހާނީގެ ފައިގައި ޖެހިފައި ބޯޅަ ބައިކޮށް ލަނޑެއް ވަނުމަށް މަގުފަހިވިއެވެ.
ލިވަޕޫލްގެ ތަރި ސަލާހު ވަނީ 75 ވަނަ މިނެޓުގައި ބަދަލުކޮށްފައެވެ.
ކޮމެންޓުތައް (0)
އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.