ވޯލްޑް ކަޕްގެ ގުރޫޕް އެޗްގައި މިރޭ އުރުގުއޭ އާއި ސައުދީ އަރަބިއްޔާ ވާދަކުރާ މެޗުގައި އިންސާފުކުރާ ރެފުރީން ހާއްސަ "ފްލެމިންގޯ ޕިންކް"ނުވަތަ ފިޔާތޮށި ކުލައިގެ ޖާޒީއެއް ބޭނުންކުރާ ގޮތަށް ހަމަޖެހިއްޖެއެވެ.
ފްލޮރިޑާގެ މަޔާމީ ސްޓޭޑިއަމްގައި ކުޅޭ މި މެޗުގައި ރެފުރީން މި ކުލަ ބޭނުންކުރަނީ މަޔާމީ ސިޓީން ލިބުނު މެހުމާންދާރީގެ އަގުވަޒަންކުރުމުގެ ގޮތުންނެވެ.
މަޔާމީއަކީ އެ ސިޓީގެ އާޓް ޑެކޯ ބިނާތަކާއި، އޯޝަން ޑްރައިވްގައި ދުއްވާ ހާމަ ފުރޮޅުލީ ކާޑިލެކް ކާރުތަކުގެ އިތުރުން ފްލެމިންގޯތަކުގެ ސަބަބުން މަޝްހޫރުވެފައިވާ، އަދި ފިޔާތޮށި ކުލައާ ނުހަނު ބޮޑަށް ގުޅިފައިވާ ސިޓީއެކެވެ. މި މުބާރާތް ފެށުމުގެ ކުރިން ރެފުރީންގެ ތަމްރީނުތައް ފުރިހަމަކުރުމަށް ދެ މަސް ދުވަސް ހޭދަކޮށްފައި ވަނީ ވެސް ދެކުނު ފްލޮރިޑާގެ މި ސިޓީގައެވެ.
އިޓަލީގެ ރެފުރީ މައުރީޒިއޯ މަރިއާނީއާއި އޭނާގެ ޓީމުން މިރޭގެ މެޗުގައި މި ހާއްސަ ޖާޒީ ބޭނުންކުރާނެއެވެ. މިކަމާ ގުޅޭގޮތުން ފީފާގެ ޗީފް ރެފުރީ އޮފިސަރު އަދި ރެފުރީސް ކޮމިޓީގެ ޗެއާމަން ޕިއެރްލުއިޖީ ކޮލީނާ ބުނީ، މި ކުލަ އިޚުތިޔާރުކުރީ އެ ސިޓީ ބަލައިގަންނަކަން ހާމަކުރުމަށް ކަމަށެވެ.
"ދެ މަސް ދުވަހު އަޅުގަނޑުމެން ދިރިއުޅުނު ސިޓީގެ އަގުވަޒަންކޮށް، އެތަނަށް ޝުކުރުއަދާކުރުމަކީ ރަނގަޅު ކަމެއް ކަމަށް އަޅުގަނޑުމެންނަށް ފެނުނީ" ކޮލީނާ ބުންޏެވެ.
ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ބުނި ގޮތުގައި، ފިޔާތޮށި ކުލައަކީ މަޔާމީ ރަމްޒުކޮށްދޭ ކުލައަށް ވާއިރު، ބޭނުންވަނީ ފީފާގެ އޮފިޝަލުންނަށް އެ ސިޓީން ދިން މެހުމާންދާރީއަށް ޝުކުރުވެރިވުމެވެ. އަދި މީގެ ސަބަބުން އެ ސިޓީގެ ރައްޔިތުންގެ މޫނުމައްޗަށް ހިނިތުންވުމެއް ގެނެސްދެވޭނެ ކަމަށް އުންމީދުކުރާ ކަމަށްވެސް އޭނާ ބުންޏެވެ.
ކޮމެންޓުތައް (0)
އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.