ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖުން ކަޓައިގެން އުރުގުއޭ އެނބުރި ގައުމަށް ދާން ހަމަޖެއްސި ހާއްސަ ޗާޓަރު ފްލައިޓް އެ ގައުމުގެ ފުޓްބޯޅަ ފެޑެރޭޝަނުން ކެންސަލްކޮށް، އަމިއްލަ ހަރަދުގައި އާންމު ފްލައިޓްތަކުގައި ކުޅުންތެރިން އެނބުރި ދިއުމަށް އަންގައިފިއެވެ.
ދެ ފަހަރުގެ ދުނިޔޭގެ ޗެމްޕިއަނުން މުބާރާތުން ކެޓީ ގްރޫޕް އެޗްގެ ތިންވަނަ ލިބުމުންނެވެ.
ރެއާލް މެޑްރިޑްގެ މިޑްފީލްޑަރު ފެޑެރީކޯ ވަލްވާޑޭ އާއި ލިވަޕޫލްގެ ފޯވާޑް ޑާވިން ނޫނޭޒް ފަދަ ތަރިންނާ އެކު މުބާރާތުގެ ފޭވަރިޓުންގެ ގޮތުގައި ދިޔަ އުރުގުއޭއަށް މި ފަހަރުގެ މުބާރާތް ނިމުނީ ވަރަށް ހިތްދަތިކޮށެވެ. ގްރޫޕް ސްޓޭޖުގައި މުޅިން އަލަށް ވާދަކުރި ކޭޕް ވާޑްއާއި ސައުދީ އަރަބިއާ އަތުން ވެސް އެ ޓީމަށް މޮޅެއް ނުހޯދުނު އިރު، ސްޕެއިން އަތުން ވީ ބައްޔެވެ. ގިނަ ބަޔަކު އުއްމީދުކޮށްގެން ތިބީ ގްރޫޕްގެ ދެވަނަ ޓީމުގެ ގޮތުގައި އުރުގުއޭ ދެވަނަ ބުރަށް ދާނެ ކަމަށެވެ.
މުބާރާތަށް ދިއުމަށް އުރުގުއޭގެ އެފްއޭއިން ޓީމަށް ހާއްސަ ޗާޓަރު ފްލައިޓެއް ހަމަޖައްސައިދިން ނަމަވެސް، ގްރޫޕް ސްޓޭޖުން ކެޓުމުގެ ނުތަނަވަސްކަމުގައި އެފްއޭއިން ވަނީ އެނބުރި ދިއުމުގެ ދަތުރު ކެންސަލްކޮށްފައެވެ. މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި ކުޅުންތެރިން އެނބުރި ގައުމަށް ދާން ޖެހެނީ އާންމު ފްލައިޓްތަކުގައެވެ. އަދި އެ ދަތުރުތަކުގެ ހަރަދުތައް ވެސް ކުރަން ޖެހެނީ ކުޅުންތެރިން އަމިއްލައަށެވެ.
މަޝްހޫރު ޓެކްޓީޝަން މާސެލޯ ބިއެލްސާ ގެ އިރުޝާދުގެ ދަށުން ކުޅުނު އުރުގުއޭ ޓީމަށް އޭނާގެ ރޭވުންތައް މި ފަހަރު ކާމިޔާބެއް ނުކުރެވުނެވެ. ބިއެލްސާ ވެސް ވަނީ އޭނާގެ މަސައްކަތް ފެއިލްވި ކަމަށް އެއްބަސްވެފައެވެ. އޭނާ ބުނި ގޮތުގައި ދެކުނު އެމެރިކާގެ ގަދަ ހަތަރު ޓީމުގެ ތެރޭގައި ހިމެނިގެން ވޯލްޑް ކަޕަށް ކޮލިފައިވުމާއި، ކޮޕާ އެމެރިކާގެ ސެމީ ފައިނަލަށް ދަތުރުކުރެވުނު ނަމަވެސް، މި ނަތީޖާއާ އެކު އެ މަސައްކަތްތަކުގެ އެއްވެސް އަގެއް މިހާރު ނެތެވެ.
މިއީ ވޯލްޑް ކަޕްގައި ބިއެލްސާގެ އިރުޝާދުގެ ދަށުން ކުޅުނު ޓީމެއް ގްރޫޕް ސްޓޭޖުން ކެޓި ދެވަނަ ފަހަރެވެ. މީގެ ކުރިން 2002ވަނަ އަހަރު އޭނާގެ އަމިއްލަ ގައުމު ކަމަށްވާ އާޖެންޓީނާ ގޮވައިގެން ނުކުމެ ވެސް ކެޓީ ގްރޫޕް ސްޓޭޖުންނެވެ. ވޯލްޑް ކަޕެއްގައި ގްރޫޕް ސްޓޭޖް ފަހަނައަޅައި އޭނާ އަށް ދެވުނީ ހަމައެކަނި 2010ވަނަ އަހަރުއެވެ. އެ ފަހަރު ދެކުނު އެފްރިކާގައި ބޭއްވި މުބާރާތުގައި އޭނާ ވަނީ ޗިލީގެ ޓީމާ އެކު ދެވަނަ ބުރަށް ދަތުރުކޮށްފައެވެ.
ކޮމެންޓުތައް (0)
އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.