މިފަހަރުގެ ވަރލްޑްކަޕް ފުޓްބޯޅަ މުބާރާތުގައި އެންމެ ބޮޑު ހައިރާންކަމެއް ގެނުވަމުން އަންނަ ކޭޕް ވާޑޭއިން، ދެ ފަހަރުގެ ދުނިޔޭގެ ޗެމްޕިއަން އުރުގުއޭ މޮޅުވިޔަނުދީ ހިފަހައްޓައިފިއެވެ.
އެމެރިކާގެ މިއާމީގައި ކުޅުނު މި ފޯރިގަދަ މެޗު ނިމުނީ ދެ ޓީމު 2-2ގެ ނަތީޖާއަކުން އެއްވަރުވެގެންނެވެ.
އާބާދީގެ ގޮތުން ކުޑަ، އެފްރިކާ ބައްރަށް ނިސްބަތްވާ ކޭޕް ވާޑޭއަކީ މި މުބާރާތުގައި މިހާތަނަށް އެންމެ ތަފާތު ކުޅުމެއް ދައްކަމުން އަންނަ އެއް ޓީމެވެ. އެގޮތުން އެޓީމުން ވަނީ މީގެ ކުރިން ޔޫރަޕްގެ ވަރުގަދަ ބާރެއް ކަމަށްވާ ސްޕެއިންއާ ދެކޮޅަށް ކުޅުނު މެޗުވެސް އެއްވަރުކޮށް، ގިނަ ބައެއްގެ ސަމާލުކަން ހޯދާފައެވެ.
މިއާމީގައި ކުޅުނު މެޗުގެ ފުރަތަމަ ލަނޑު ޖަހައި ކުރިހޯދީ ވެސް ހިތްވަރުގަދަ ކޭޕް ވާޑޭއިންނެވެ. މެޗުގެ 21ވަނަ މިނެޓުގައި މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ޕީނާއެވެ. ނަމަވެސް، އޭގެ 21މިނެޓު ފަހުން އުރުގުއޭގެ އަރައުހޯ ވަނީ ލަނޑެއް ޖަހައި މެޗުގެ ނަތީޖާ ހަމަހަމަކޮށްފައެވެ. އަދި ފުރަތަމަ ހާފު ނިމުމުގެ ކުރިން ކެނޮބިއޯ ޖަހައިދިން ލަނޑާއެކު އުރުގުއޭއިން ވަނީ 2-1އިން ލީޑު ނަގާފައެވެ.
މެޗުގެ ދެވަނަ ހާފުގައި ކޭޕް ވާޑޭއިން ނަތީޖާ އެއްވަރުކުރީ އުރުގުއޭގެ ފަހަތަށް ހެދުނު ގޯހެއްގެ ފައިދާ ހިފައިގެންނެވެ. އުރުގުއޭގެ މަޓިއަސް އޮލިވޭރާ ދިން ނުރައްކާތެރި ބެކްޕާހެއް ސަލާމަތްކުރަން އެޓީމުގެ ގޯލްކީޕަރު ފެނާންޑޯ މުސްލޭރާ ކުރިއަށް ނުކުތް ވަގުތު، ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ހީލިއޯ ވަރޭލާ ވަނީ ކީޕަރުގެ ބޯމަތިން ބޯޅަ ގޯލުގެ ތެރެއަށް ފޮނުވާލާފައެވެ.
މެޗުގެ ފަހު ވަގުތުކޮޅުގައި ދެ ޓީމުގެ ފަރާތުން ވެސް ފޯރިގަދަ ކުޅުމެއް ފެނިގެންދިޔައިރު، ކޭޕް ވާޑޭއަށް މެޗުން މޮޅުވާން ރަން ފުރުސަތުތަކެއް ލިބުނެވެ. އެގޮތުން ލަރޯސް ޑުއާޓޭ ފޮނުވާލި ހަމަލާ ސީދާވީ ކީޕަރުގެ އަތަށެވެ. އަދި އޭގެ ފަހުން ވަރޭލާއަށް ވެސް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތެއް ލިބިފައިވެއެވެ. މި ގްރޫޕުގެ ތާވަލަށް ބަލާއިރު، 4ޕޮއިންޓާއެކު އެއްވަނައިގައި އޮތީ ސްޕެއިންއެވެ. އުރުގުއޭ އަދި ކޭޕް ވާޑޭއަށް އެއްވަރަކަށް ޕޮއިންޓް ލިބިފައިވާއިރު، ތާވަލުގެ ފުލުގައި 1ޕޮއިންޓާއެކު އޮތީ ސައުދީ އަރަބިއްޔާއެވެ.
ކޮމެންޓުތައް (0)
އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.