މިދިޔަ ހަފުތާގައި ފެށި މި އަހަރުގެ ވާލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ތެރޭގައި އެމެރިކާއަށް އެބޯލާ ވައިރަސް ޖެހިފައިވާ މީހަކު އައުމުގެ ފުރުސަތު ވަރަށް ކުޑަ ނަމަވެސް، އެފަދަ ހާލަތެއް މެދުވެރިވެއްޖެ ނަމަ އެމެރިކާގެ ހޮސްޕިޓަލްތައް އޮތީ އެކަމަށް ފުރިހަމައަށް ތައްޔާރުވެގެން ކަމަށް އެ ގައުމުގެ ސިއްހީ ތަޖުރިބާކާރުން ބުނެފިއެވެ.
އެމެރިކާ، މެކްސިކޯ އަދި ކެނެޑާގައި ކުރިއަށްދާ 39ދުވަހުގެ މި މުބާރާތުގައި 104މެޗު ކުޅުމަށް ހަމަޖެހިފައިވާއިރު، މުބާރާތް ބަލަން 6.5މިލިއަން ސަޕޯޓަރުން ޒިޔާރަތްކުރާނެ ކަމަށް ބެލެވެއެވެ.
އެމެރިކާގެ ތައްޔާރީތަކާ ބެހޭގޮތުން އެޓްލާންޓާގެ އެމޮރީ ޔުނިވަރސިޓީގެ ތަޖުރިބާކާރެއް ކަމަށްވާ ޑރ. ގަވިން ހަރިސް ވިދާޅުވީ، ބަލި ޖެހުން 100އިންސައްތަ ނުހުއްޓުވުނު ނަމަވެސް، އެމެރިކާ މިހާރު އޮތީ މީގެ ކުރިން ދުވަހަކުވެސް ތައްޔާރު ނުވާވަރަށް ތައްޔާރުވެފައި ކަމަށެވެ. އެމެރިކާގެ ތައްޔާރީތައް ވަރުގަދަކުރީ 2014ވަނަ އަހަރު ހުޅަނގު އެފްރިކާގައި އެބޯލާ ފެތުރުނު ދުވަސްވަރު، ޑަލަސްގެ ހޮސްޕިޓަލަކަށް ދިޔަ ތޯމަސް އެރިކް ޑަންކަން ނަމަކަށް ކިޔާ ލައިބީރިއާގެ މީހަކު ފޮނުވާލި ހާދިސާއަށް ފަހުގައެވެ. އެ ހާދިސާގައި ދެ ނަރުހަކަށް ބަލި ޖެހުނު ނަމަވެސް ސަލާމަތްވިއެވެ. އެއަށް ފަހު އެމެރިކާއިން ވަނީ އެބޯލާއަށް ތައްޔާރުވުމަށް 260މިލިއަން ޑޮލަރު ހޭދަކޮށް، ބަލި މީހުންނަށް ފަރުވާދޭނެ 13ހާއްސަ ސެންޓަރު ގާއިމުކޮށްފައެވެ.
ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯ (ޑީއާރްސީ)ގައި މިހާރު ފެތުރެމުންދާ އެބޯލާގެ ސަބަބުން 675އަށް ވުރެ ގިނަ މީހުންނަށް ބަލިޖެހި، 135އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ. އެމެރިކާގެ ސީޑީސީގެ ކުރީގެ ޑިރެކްޓަރު ޑރ. ޓޮމް ފްރީޑަން ވިދާޅުވީ، ވާލްޑް ކަޕަށްދާ އެއްވެސް މީހަކަށް އެބޯލާގެ ނުރައްކާ އޮތީ ވަރަށް ކުޑަކޮށް ކަމަށާއި، އެއީ މި ބައްޔަކީ ވައިގެ ޒަރީއާއިން ފެތުރޭ ބައްޔަކަށް ނުވާތީ ކަމަށެވެ. ސީޑީސީ އާއި ޑަބްލިއުއެޗްއޯ އިން ބުނާ ގޮތުގައި ވާލްޑް ކަޕްގެ ތެރޭގައި އެބޯލާއަށްވުރެ ބޮޑަށް ފެތުރުމުގެ ފުރުސަތު އޮތީ ހިމަބިހި، ކޮވިޑް-19އަދި އިންފްލުއެންޒާ ފަދަ ބަލިތަކެވެ.
"ވާލްޑް ކަޕަށްދާ އެއްވެސް މީހަކަށް އެބޯލާގެ ނުރައްކާ އޮތީ ވަރަށް ކުޑަކޮށް. އެއީ މި ބައްޔަކީ ވައިގެ ޒަރީއާއިން ފެތުރޭ ބައްޔަކަށް ނުވާތީއާއި، ބަލި ފެތުރެނީ ބަލިމީހާގެ ހަށިގަނޑުން ނުކުންނަ ދިޔަވަރާ ސީދާ ދިމާވުމުން ކަމަށްވާތީ. ނަމަވެސް ޑީއާރްސީގައި މި ބަލި މުޅިން ކޮންޓްރޯލް ނުކުރެވެނީސް މި ނުރައްކާ މުޅިން ނެތިގެން ނުދާނެ" ޑރ. ފްރީޑަން ވިދާޅުވިއެވެ.
މި ބަލި ފެތުރުން ހުއްޓުވުމަށް ޓަކައި އެމެރިކާ، މެކްސިކޯ އަދި ކެނެޑާއިން ވަނީ ބަލި ފެތުރޭ ގައުމުތަކުން އަންނަ ބޭރުގެ ރައްޔިތުންނަށް ދަތުރުކުރުން މަނާކޮށް، އެއާޕޯޓްތަކުގައި ސްކްރީން ކުރަން ފަށާފައެވެ. މި ފިޔަވަޅުތަކަށް ބޯލެނބުމުގެ ގޮތުން ޑީއާރްސީގެ ގައުމީ ފުޓްބޯޅަ ޓީމު ވަނީ މިދިޔަ މޭ މަހު އެ ގައުމުން ފުރައިގެން ބެލްޖިއަމްގައި ތަމްރީނުތައް ހެދުމަށްފަހު އެމެރިކާއަށް ދަތުރުކޮށްފައެވެ. މީގެ އިތުރުން، މުބާރާތް ބާއްވާ ސިޓީތަކުގައި ފީފާއާއި ސިއްހީ އިދާރާތައް ގުޅިގެން މެޑިކަލް ކޮމިޓީތައް ހަދައި، ބަލިތައް ދެނެގަތުމަށް ވޭސްޓްވޯޓާ މޮނިޓަރިން ފަދަ ވަސީލަތްތައް ދަނީ ބޭނުންކުރަމުންނެވެ.
ބަލިތައް މޮނިޓާކުރުމަށް ޖޯޖްޓައުން ޔުނިވަރސިޓީން ވަނީ ހެލްތު ސެކިއުރިޓީ އޮޕަރޭޝަންސް ސެންޓަރެއް ގާއިމުކޮށްފައެވެ. ނަމަވެސް، އެމެރިކާގެ ސީޑީސީގެ މުވައްޒަފުން މަދުވުމާއި، ޑަބްލިއުއެޗްއޯއިން އެމެރިކާ ވަކިވުމުގެ ސަބަބުން ބައެއް ގޮންޖެހުންތައް ހުރި ކަމަށް ތަޖުރިބާކާރުން ފާހަގަކުރެއެވެ. އިންފެކްޝަސް ޑިޒީޒަސް ސޮސައިޓީ އޮފް އެމެރިކާގެ ސީއީއޯ ޖީން މަރާޒޯ ވިދާޅުވީ، ސިއްހީ ސެކްޓަރަށް ގެނައި ބަދަލުތަކާ އެކު ގިނަ މުވައްޒަފުންތަކެއް ވަކިވެފައިވީ ނަމަވެސް، އިދާރާތަކުގައި ތިބި މުވައްޒަފުން ރައްޔިތުންގެ ސަލާމަތަށް ޓަކައި ރެޔާދުވާލު މަސައްކަތް ކުރަމުންދާ ކަމަށެވެ.
ކޮމެންޓުތައް (0)
އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.