ހޯދާ
ހޮނިހިރު • 17 އޮކްޓޯބަރު 2026
🔖

ފުރަތަމަ މެޗަށް ޔަމާލް ފިޓް، ކޭޕްވާޑޭއާ ދެކޮޅަށް ކުޅޭނީ މެޗުގެ ހާލަތަށް ބަލައިފައި

ޝެއާ ކުރޭ Facebook Telegram Viber X

ވޯލްޑް ކަޕްގައި ސްޕެއިން ކުޅޭ ފުރަތަމަ މެޗަށް އެ ގައުމުގެ ހުނަރުވެރި ވިންގް ލަމީން ޔަމާލް ފިޓްވެފައިވާ ކަމަށާއި، ނަމަވެސް އޭނާ މެޗުގައި ބޭނުންކުރުމާ މެދު ގޮތެއް ނިންމާނީ މެޗު ކުރިއަށްދާ ގޮތަށް ބަލައިފައި ކަމަށް ސްޕެއިންގެ ކޯޗު ލުއިސް ޑެ ލަ ފުއެންޓޭ ބުނެފިއެވެ.

ކޭޕްވާޑޭއާ ދެކޮޅަށް ކުޅޭ މި މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޯޗު ބުނީ ޔަމާލް ފިޓްވުމަކީ ލިބުނު ވަރަށް ބޮޑު އުފަލެއް ކަމަށެވެ.

އުމުރުން 18އަހަރުގެ ޔަމާލްގެ ފަލަމަސްގަނޑަށް ލިބުނު އަނިޔާއަކާ ގުޅިގެން މިދިޔަ އޭޕްރީލް މަހުން ފެށިގެން އޭނާ ހުރީ ކުޅުމާ ދުރުގައެވެ. މީގެ ސަބަބުން ވޯލްޑް ކަޕްގެ ކުރިން ސްޕެއިން ކުޅުނު އެކުވެރިކަމުގެ މެޗުތަކުގައި އޭނާއަށް ބައިވެރިނުވެވުނު ނަމަވެސް، މިހާރު އޭނާގެ ފިޓްނަސްއާ މެދު އެއްވެސް ކަންބޮޑުވުމެއް ނެތް ކަމަށް ކޯޗު ހާމަކުރިއެވެ. ޔަމާލްގެ އިތުރުން ނިކޯ ވިލިއަމްސް އާއި ވިކްޓަރ މުނޯޒް ވެސް ތިބީ މިފަދަ ހާލަތެއްގައެވެ.

ކޯޗު ޑެ ލަ ފުއެންޓޭ ބުނި ގޮތުގައި އަނިޔާއިން ރަނގަޅުވަމުން އަންނަ ކުޅުންތެރިން ފަރިތަކުރުންތަކުގައި ފުރިހަމައަށް ބައިވެރިވަމުންދާއިރު، އެ ކުޅުންތެރިން ތިބީ މެޗަށް ތައްޔާރަށެވެ. ނަމަވެސް މެޑިކަލް ޓީމުގެ ލަފާގެ މަތިން، މެޗު ފަށާއިރު އެ ކުޅުންތެރިން ފުރަތަމަ އެގާރައިން ނުފެންނާނެއެވެ. ޔަމާލް ފިޓް ނޫން ނަމަ ބެންޗަށް ވެސް ނުނަގާނެ ކަން ފާހަގަކުރަމުން ކޯޗު ބުނީ، އޭނާ ކުޅެން އަރުވާނީ މެޗުގެ އޮއިވަރަށް ބަލައި، ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކަމަށެވެ.

"މިއީ މެޗުގެ ހާލަތާއި ކަންކަން ބަދަލުވަމުންދާ ގޮތަށް ބަލައި ނިންމަންޖެހޭ މުހިއްމު ނިންމުމެއް" ޑެ ލަ ފުއެންޓޭ ބުންޏެވެ.

މިރޭގެ މެޗުގައި ވާދަކުރާ ކޭޕްވާޑޭއާ ބެހޭގޮތުން ވާހަކަދައްކަމުން ޑެ ލަ ފުއެންޓޭ ބުނީ، އެ ޓީމަކީ ފިޒިކަލީ ވަރުގަދަ އަދި ހަލުއި ކުޅުންތެރިންތަކެއް ހިމެނޭ ބައެއް ކަމަށެވެ. އަދި އެ ޓީމަކީ ވަރުގަދަ ކެމަރޫން ކަޓުވާލުމަށްފަހު ވޯލްޑް ކަޕަށް ކޮލިފައިވި ޓީމެއްކަން ހަނދާންކޮށްދެމުން، ސްޕެއިންގެ ކުޅުންތެރިން އެ ޓީމު ފަސޭހަނުކުރާނެ ކަމަށް އޭނާ ބުންޏެވެ.

ކޭޕްވާޑޭއަކީ މިފަހަރުގެ މުބާރާތުގައި ހައިރާންކުރުވަނިވި ނަތީޖާއެއް ނެރެދާނެ ފަދަ ޓީމެއް ކަމަށާއި، އެހެންކަމުން މޮޅުވާން ސްޕެއިނުން އެންމެ ރަނގަޅު ކުޅުން ދައްކަންޖެހޭނެ ކަމަށް ކޯޗު ބުންޏެވެ. އަދި މި މެޗުން މޮޅުވުން ފަސޭހަނުވާނެ ކަމަށާއި، ގިނަ ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހޭނެ ކަމަށް ވެސް އޭނާ އިތުރަށް ފާހަގަކުރިއެވެ.

ކަމުދިޔަތަ؟

ކޮމެންޓުތައް (0)

އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.

ކޮމެންޓު