ހޯދާ
ހޮނިހިރު • 17 އޮކްޓޯބަރު 2026
🔖

ކޮލިފައިންގައި ގޯލެއް ވަނަ ނުދީ ހިފެހެއްޓި ޓިއުނީޝިއާގެ ޑިފެންސް ފޫއަޅުވައިލައިފި

ޝެއާ ކުރޭ Facebook Telegram Viber X

މެކްސިކޯގެ ގުއަޑަލޫޕޭގައި ކުޅުނު ވޯލްޑްކަޕްގެ ފުރަތަމަ މެޗުގައި، ޓިއުނީޝިއާގެ މައްޗަށް 5-1 ގެ ތަފާތަކުން ކުރިހޯދައި، ވޯލްޑް ކަޕް ގްރޫޕް އެފްގެ އެއްވަނަ ސްވިޑަންއިން ހޯދައިފިއެވެ.

މި ބައްޔާއެކު އުތުރު އެފްރިކާގެ ގައުމެއް ކަމަށްވާ ޓިއުނީޝިއާގެ ވަރުގަދަ ޑިފެންސަށް ވަނީ ބޮޑު ލޮޅުމެއް އަރާފައެވެ.

ރޭ ކުޅުނު މި މެޗުގެ ހަތްވަނަ މިނެޓުގައި، ގްރަހަމް ޕޮޓާގެ އިރުޝާދުގެ ދަށުން ކުޅޭ ސްވިޑަންއަށް ލީޑު ނަގައިދިނީ މިޑްފީލްޑަރު ޔާސީން އަޔާރީއެވެ. އޭނާ މި ލަނޑު ކާމިޔާބުކުރީ ޓިއުނީޝިއާގެ ޑިފެންސަށް ހެދުނު ގޯހެއްގެ ފައިދާ ނަގައި، އޭރިއާ ބޭރުން ފޮނުވާލި ބާރު ހަމަލާއަކުންނެވެ.

މޮރޮކޯ އަދި ޓިއުނީޝިއާގެ ނަސްލަށް ނިސްބަތްވާ އަޔާރީގެ މި ފުރިހަމަ ލަނޑަށް ފަހު، އޭނާ އުފާފާޅުކޮށްފައި ވަނީ ވަރަށް އާދައިގެ ގޮތަކަށެވެ.

މެޗުގެ ބައިގަޑިއިރު ހަމަވިތަނާހެން، ވައަތްފަރާތުން އަލެކްސެންޑަރ އީސާކަށް ލިބުނު ބާރު ފުރުސަތެއްގައި ސްވިޑަންއިން ވަނީ އެޓީމުގެ ދެވަނަ ލަނޑު ޖަހާފައެވެ.

ލިވަޕޫލްގެ ފޯވާޑް ބާރު ދުވެއްޔެއްގައި ކުރިއަށް އަރައި، އެތެރެއަށް ކަނޑާލުމަށް ފަހު ފޮނުވާލި ހަމަލާ ހުއްޓުވުމުގައި ޓިއުނީޝިއާގެ ގޯލްކީޕަރު މުހީބް ޝަމާޚަށް ކާމިޔާބެއް ނުވިއެވެ. އޭނާގެ އަތުގައި ބޯޅަ ޖެހުނު ނަމަވެސް ބޯޅަ ދިޔައީ ގޯލުގެ ތެރެއަށެވެ.

ކޮލިފައިންގައި އެއްވެސް ލަނޑެއް ބައިކޮޅަށް ވަނަނުދީ ހިފަހައްޓައި، ޓިއުނީޝިއާއިން ވަނީ ތާރީޚީ ރެކޯޑެއް ހަދާފައެވެ. ފަހުން އައިވަރީ ކޯސްޓާއި އިންގްލޭންޑުން ވެސް ވަނީ މި ރެކޯޑާ ހަމަކޮށްފައެވެ.

ސްވިޑަންއިން މެޗު ކޮންޓްރޯލްކޮށްގެން ކުޅެމުންދަނިކޮށް، ފުރަތަމަ ހާފު ނިމެން ކުޑަތަންވެފައި ވަނިކޮށް ހާނިބަލް މެޖްބްރީ ނަގައިދިން ހުރަހަކުން އުމަރު ރެކީކް ބޮލުން ޖެހި ލަނޑާއެކު މެޗުގެ އޮއިވަރު ބަދަލުވިއެވެ.

ނަމަވެސް، މެޗުގެ 59 ވަނަ މިނެޓުގައި ޓިއުނީޝިއާގެ ޑިފެންސަށް ހެދުނު އިތުރު ގޯހެއްގެ ފައިދާ ނަގައި، ސްކެންޑިނޭވިއާގެ ގައުމު ކަމަށްވާ ސްވިޑަންއިން އަލުން ދެ ލަނޑުގެ ލީޑެއް ހޯދިއެވެ.

އޭރިއާ ބޭރުން މިޑްފީލްޑަރު އެލިއެސް ސުޚީރީގެ އަތުން އީސާކް ބޯޅަ ހޯދައި، ވިކްޓަރ ޔޮކެރޭސްއަށް ދިން ޕާހަކުން، އާސެނަލްގެ މި ކުޅުންތެރިޔާ ވަނީ ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލާފައެވެ.

ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި މަޓިއަސް ސްވަންބާގް ޖެހި ލަނޑު، ވީއޭއާރުން ބެލުމަށްފަހު އޮފްސައިޑް ނޫން ކަމަށް ނިންމުމާ އެކު ސްކޯ 4-1 އަށް ބަދަލުވިއެވެ.

އަދި މެޗު ނިމެން ދަނިކޮށް، އޭރިއާ ބޭރުން އަޔާރީ ފޮނުވާލި ހިތްގައިމު ހަމަލާއަކުން އޭނާ ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށްފައެވެ.

ރަޝިއާގައި 2018ވަނަ އަހަރު ބޭއްވި ވޯލްޑް ކަޕްގެ ކުއާޓާ ފައިނަލަށް ސްވިޑަން ދަތުރުކުރި ނަމަވެސް، އޭގެ ހަތަރު އަހަރު ފަހުން ގަތަރުގައި ބޭއްވި މުބާރާތަށް އެޓީމަށް ކޮލިފައިވެފައެއް ނުވެއެވެ.

ޓިއުނީޝިއާއަކީ 1978 ވަނަ އަހަރު މެކްސިކޯ ބަލިކޮށް، ވޯލްޑް ކަޕް މެޗަކުން މޮޅުވި ފުރަތަމަ އެފްރިކާގެ ގައުމެވެ. ނަމަވެސް، އެޓީމަށް ދުވަހަކު ވެސް ގްރޫޕް ސްޓޭޖުން ކުރިއަށް ދެވިފައެއް ނުވެއެވެ.

ކަމުދިޔަތަ؟

ކޮމެންޓުތައް (0)

އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.

ކޮމެންޓު