ވޯލްޑް ކަޕްގެ ގްރޫޕް އީގައި ކުރަސާއޯ އާ ދެކޮޅަށް ކުޅޭ ފުރަތަމަ މެޗުގައި، އެ ޓީމަކީ އާދައިގެ ބައެއް ކަމަށް ބަލައި ފަރުވާ ކުޑަނުކުރާނެ ކަމަށް ޖަރުމަނުގެ ކޯޗު ހޫލިއަން ނާގަލްސްމަން ބުނެފިއެވެ.
މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަމުން ނާގަލްސްމަން ބުނީ، ފިޒިކަލީ އަދި ޓެކްނިކަލީ ކުރަސާއޯއަށް ލިބިފައިވާ ގާބިލުކަމަށް ޖަރުމަނުން ފުރިހަމައަށް އިހުތިރާމްކުރާނެ ކަމަށެވެ.
މި މުބާރާތުގައި ޖަރުމަނަށް ކާމިޔާބީއެއް ހޯދުމުގައި އުމުރުން 40އަހަރުގެ ތަޖުރިބާކާރު ގޯލްކީޕަރު މެނުއަލް ނޯޔާގެ ދައުރު ވަރަށް ބޮޑުވާނެކަން ކޯޗު ފާހަގަކުރިއެވެ. ނާގަލްސްމަން ބުނި ގޮތުގައި ނޯޔާ މިހާރު ހުރީ އެންމެ ރަނގަޅު ފޯމުގައެވެ. މީގެ އިތުރުން، މި މެޗުގައި ޖަރުމަނުގެ ޒުވާން ޑިފެންޑަރު ނަތަނިއަލް ބްރައުން ފުރަތަމަ ފަހަރަށް ވޯލްޑް ކަޕް މެޗެއްގައި ފެނިގެންދާނެ ކަމަށް ވެސް އޭނާ ހާމަކުރިއެވެ.
"އަހަރެމެން އޭނާއަށް ވަރަށް ބޮޑަށް އިތުބާރު ކުރަން. ވޯލްޑް ކަޕުގައި ރަނގަޅު ނަތީޖާއެއް ހޯދުމަށް ޓަކައި މެނުއަލްގެ އެންމެ މޮޅު ކުޅުން އަހަރެމެންނަށް ބޭނުންވޭ. އޭނާއަށް އެކަން ކުރެވޭނެކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް" ނޯޔާއާ ބެހޭގޮތުން ވާހަކަދައްކަމުން ނާގަލްސްމަން ބުންޏެވެ.
ވޭތުވެދިޔަ ދެ ވޯލްޑް ކަޕުގެ ފުރަތަމަ ބުރުން ކަޓައި، ގެއްލިފައިވާ އިތުބާރު އަލުން ހޯދުމަށް ޖަރުމަނުން އަމާޒު ހިފާފައިވާއިރު، މިފަހަރުގެ މުބާރާތް ކާމިޔާބުކުރާނެ ފޭވަރިޓުންގެ ތެރޭގައި އެ ޓީމު ނުހިމެނެއެވެ. އެކަމާ ގުޅޭގޮތުން ނާގަލްސްމަން ބުނީ، ވޭތުވެދިޔަ މުބާރާތްތަކުގައި ދެއްކުނު ކުޅުމުގެ ސަބަބުން ފޭވަރިޓެއްގެ ގޮތުގައި ނަން ނުގަނެވުމަކީ އެކަށީގެންވާ ކަމެއް ކަމަށާއި، ނަމަވެސް އެ ސުވާލުގެ ހަގީގީ ޖަވާބު ލިބޭނީ މުބާރާތް ނިމުމުން ކަމަށެވެ. އޭނާގެ އުންމީދަކީ މި ފަހަރު މޮޅު ކުޅުމެއް ދައްކައި، ޖެހިގެން އަންނަ ވޯލްޑް ކަޕަކަށް ނުކުންނައިރު އެންމެ ފޭވަރިޓް ޓީމަށް ވުމެވެ.
ޖަރުމަން ހިމެނޭ ގްރޫޕުގައި ދެން އޮތީ އައިވަރީ ކޯސްޓާއި އެކުއަޑޯ ނަމަވެސް، މި ވަގުތު މުޅި ޓީމުގެ ސަމާލުކަން ހުރީ ހަމައެކަނި ކުރަސާއޯ މެޗަށެވެ. ނެދަލެންޑްސްއާ ގުޅުން ހުރި ކުޅުންތެރިން ހިމެނޭ ކުރަސާއޯއަކީ ހައިރާންކުރުވަނިވި ނަތީޖާއެއް ނެރެފާނެ ބައެއް ކަމަށް ނާގަލްސްމަން ގަބޫލުކުރެއެވެ. މި މެޗަކީ މުބާރާތުގެ އެންމެ ހަގު ކޯޗު، އުމުރުން 38އަހަރުގެ ނާގަލްސްމަން އާއި، އެންމެ ދޮށީ ކޯޗު ކަމަށްވާ 78އަހަރުގެ ޑިކް އެޑްވޮކާޓް ބައްދަލުކުރާ ޚާއްސަ މެޗެކެވެ. އެޑްވޮކާޓްގެ މަސައްކަތަށް ތައުރީފު ކުރަމުން ނާގަލްސްމަން ވަނީ، އޭނާގެ އުމުރުން އެހާ ދުވަސްވާއިރު ކޯޗުކަމުގައި ދެމިހުރުމުގެ ވިސްނުމެއް ނެތް ކަމަށް ސަމާސާ ރާގަކަށް ބުނެފައެވެ.
ކޮމެންޓުތައް (0)
އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.