ކުރިއަށް އޮތް ވޯލްޑް ކަޕް މުބާރާތުގައި މިސުރުން ބޭނުންކުރާ ޖާޒީގެ މޭމަތީގައި ހިމަނާފައިވާ ހަތް ތަރި ފޮހެލުމަށާއި، ޖާޒީގެ ނަންބަރުތަކުގެ ކުލަ ބަދަލުކުރުމަށް ދުނިޔޭގެ ފުޓްބޯޅަ ޖަމިއްޔާ (ފީފާ)އިން އަންގައިފިއެވެ.
ފީފާއިން މިގޮތަށް އެންގީ މިސްރުގެ ކުޅުންތެރިން ލައިގެން ތިބޭ ޖާޒީގެ މޭމަތިން ދައްކުވައިދޭ ހަތް ތަރިއަކީ ވޯލްޑް ކަޕާ އެއްވެސް ގުޅުމެއް ނެތް އެއްޗަކަށް ވާތީއެވެ.
މިސްރުގެ ޖާޒީގައިވާ ހަތް ތަރިން ރަމްޒުކޮށްދެނީ އެ ގައުމުން އެފްރިކާގެ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތް ކަމަށްވާ އެފްރިކަން ނޭޝަންސް ކަޕް ހަތް ފަހަރު ކާމިޔާބުކޮށްފައިވާ ކާމިޔާބީއެވެ. މި ބަދަލާ ގުޅޭގޮތުން މިސްރުގެ ފުޓްބޯޅަ ފެޑަރޭޝަނުގެ އޮފިޝަލަކު ވިދާޅުވީ ފީފާގެ ކިޓް ގަވާއިދުތަކަށް އެންމެން ވެސް އަމަލުކުރަން ޖެހޭތީ ޖާޒީއަށް ބަދަލުތައް ގެނައުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށެވެ.
"ފީފާގެ ކިޓް ރޫލްއަށް ޖާޒީބައި ނުފެތޭ ކަމަށް އަހަރުމެންނަށް މިހާރު ވަނީ އަންގާފައި. ފީފާގެ ގަވާއިދުތަކަށް އެންމެން ވެސް އަމަލު ކުރަން ޖެހޭ. މިހެންވެ އެ މަސައްކަތް މިހާރު ކުރިއަށް އެބަދޭ. އެކަމަކު މި ހަތް ތަރި އަކީ އަހަރުމެންނަށް ވަރަށް މުހިންމު އެއްޗެއް. އެއީ އަހަރުމެންގެ ޝަރަފެއް" އޮފިޝަލް ވިދާޅުވިއެވެ.
ތަރިތަކުގެ އިތުރުން، މިސްރުގެ ޖާޒީގައި ރަން އަކުރުން ޖަހާފައިވާ ނަންބަރުތައް ހުދު ކުލައަށް ބަދަލުކުރަން ވެސް ފީފާއިން ވަނީ އަންގައިފައެވެ. ބޮޑަށް ބެލެވޭ ގޮތުގައި މި ބަދަލު ގެންނަން އެންގީ ދުވާލު ކުޅޭ މެޗުތަކުގައި އިރުގެ އަލީގެ ސަބަބުން ރަންކުލައިގެ ނަންބަރުތައް ދުރަށް ސާފުކޮށް ފެނުމަށް ދަތިވާތީއެވެ.
އެމެރިކާ، މެކްސިކޯ އަދި ކެނެޑާ ގުޅިގެން ބާއްވާ މި ފަހަރުގެ ވޯލްޑް ކަޕަކީ 2018ވަނަ އަހަރުގެ މުބާރާތަށް ފަހު މިސްރުން ވާދަކުރާ ފުރަތަމަ މުބާރާތެވެ. އެންމެ ފަހުން ބޭއްވި އެފްރިކާ ކަޕްގައި އެދެވޭ ކާމިޔާބީއެއް ނުހޯދުނު ނަމަވެސް، ލިވަޕޫލްގެ ލެޖެންޑް މުހައްމަދު ސަލާހު ކެޕްޓަންކަންކުރާ މިސްރު ޓީމުގެ އަމާޒަކީ މި ފަހަރު މަދުވެގެން ދެވަނަ ބުރަށް ދަތުރުކުރުމެވެ. މި މުބާރާތުގައި އެ ގައުމުން ކުޅޭ ފުރަތަމަ މެޗުގައި މާދަމާ ނޫން އަނެއް ދުވަހު ނުކުންނާނީ ބެލްޖިއަމާ ދެކޮޅަށެވެ.
ކޮމެންޓުތައް (0)
އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.