ހޯދާ
ހޮނިހިރު • 17 އޮކްޓޯބަރު 2026
🔖

ބޮސްނިއާ ގަތުލްއާންމުން ސަލާމަތްވި އާއިލާއެއްގެ ކުއްޖެއް ވޯލްޑްކަޕުން

ޝެއާ ކުރޭ Facebook Telegram Viber X

ބޮސްނިޔާގެ މުސްލިމުންގެ ނަސްލު ނައްތާލުމަށް 1995 ވަނަ އަހަރު ހިންގި ލޭއޮހޮރުވުން ބޮޑު ޝްރެބެނިކާ ގަތުލުއާންމުން ސަލާމަތްވި އާއިލާއަކަށް ނިސްބަތްވާ އުމުރުން 21 އަހަރުގެ އެސްމިރު ބަޖްރަކްތަރެވިޗް، ބޮސްނިޔާގެ ގައުމީ ޓީމާއެކު މިރޭ ދުނިޔޭގެ އެންމެ ބޮޑު ފުޓްބޯޅަ މައިދާނަށް ނުކުންނާނެއެވެ.

 ވޯލްޑް ކަޕް ބާއްވާ ތިން ގައުމުގެ ތެރޭގައި ހިމެނޭ ކެނެޑާއާ ދެކޮޅަށް ބޮސްނިޔާ ކުޅޭ މި މެޗު ފެށުމަށް ހަމަޖެހިފައި ވަނީ ރާއްޖޭ ގަޑިން މިރޭ މެންދަމު 12:00 ޖަހާއިރުއެވެ.

އެސްމިރުގެ މައިންބަފައިން ކަމަށްވާ އެލްމިރްއާއި އެމީނާ ފިލައިގެން ގައުމުން ބޭރަށް ދިޔައީ 8،000 އަށް ވުރެ ގިނަ މުސްލިމުން މަރާލި ބިރުވެރި ހާދިސާއިން ސަލާމަތްވުމަށެވެ. ނަމަވެސް އެމީނާގެ ބައްޕ އާއި ހަތަރު ދަރިން ހިމެނޭހެން އެމީހުންގެ އާއިލާގެ ގިނަ ބަޔަކު އެ ގަތުލުއާންމުގައި ޝަހީދުކޮށްލިއެވެ. އެ ހާދިސާއަށް 10 އަހަރު ފުރުނު ފަހުން، 2005 ވަނަ އަހަރު އެމެރިކާގެ ވިސްކޮންސިންއަށް އުފަންވި އެސްމިރު ބޮޑުވީ ބޮސްނިޔާގެ ބަހާއި ސަގާފަތުގެ ތެރޭގައެވެ.

އެމެރިކާގެ މޭޖާ ލީގު ފުޓްބޯޅައިގެ ނިއު އިންގްލެންޑް ރިވޮލިއުޝަނުން ވިދާލުމަށް ފަހު، ނެދަލޭންޑްސްގެ ޕީއެސްވީއަށް ބަދަލުވި އެސްމިރުއަށް އެމެރިކާގެ ސީނިއާ ގައުމީ ޓީމަށް ކުޅުމުގެ ފުރުސަތު އޮތެވެ. ނަމަވެސް އޭނާ އިޚްތިޔާރުކުރީ އޭނާގެ އަސްލު ގައުމު ކަމަށްވާ ބޮސްނިޔާއެވެ. މިއީ ނަސްލު ނައްތާލަން އުޅުނު މީހުންނަށް ލިބުނު ދިރިހުރި ރައްދެއްގެ ގޮތުގައި ސެރެބްރެނިކާ މެމޯރިއަލް ސެންޓަރުގެ ޑިރެކްޓަރު އެމިރު ސުލްޖާގިޗް ވަނީ ސިފަކުރައްވާފަ އެވެ.

ބޮސްނިޔާގެ ފުޓްބޯޅަ ތާރީޚުގައި އެސްމިރުގެ ނަން ރަން އަކުރުން ފަވައިލީ މާޗް 31 ވަނަ ދުވަހު ކުޅުނު ވޯލްޑް ކަޕް ކޮލިފައިން ޕްލޭއޮފް މެޗުގައެވެ. އިޓަލީއާ ދެކޮޅަށް ކުޅުނު އެ މެޗުގެ ނަތީޖާ ނެރުމަށް ޖެހި ޕެނަލްޓީ ޝޫޓްއައުޓްގައި ބޮސްނިޔާ މޮޅުކޮށްދީ، ވޯލްޑް ކަޕްގެ ޖާގައެއް ކަށަވަރުކޮށްދިނީ އެސްމިރު ވައްދާލި ކާމިޔާބު ޕެނަލްޓީންނެވެ. މި ކާމިޔާބީއާއެކު އިޓަލީ ވަނީ މުބާރާތުން ކަޓާފައެވެ.

އަލްޖަޒީރާގެ "ގޭމް ތިއަރީ" ވީޑިއޯ ސެގްމެންޓުގައި މިއަދު ވަނީ އެސްމިރުގެ މި އަސަރުގަދަ ވާހަކަ ގެނެސްދީފައެވެ. ބޮސްނިޔާ ވޯލްޑް ކަޕަށް ކޮލިފައިވުމާ ގުޅިގެން އެމިރު ސުލްޖާގިޗް އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވެއެވެ.

"މި ކުއްޖާ ދުނިޔެއަށް ނޭވާނުލުމަށާއި، އަހަރެންގެ އަމިއްލަ ދަރިން ދުނިޔެއަށް އުފަންނުވުމަށާއި، އަހަރުމެންގެ އެއްވެސް ދަރިއަކު ދުނިޔެއަށް ނައުމަށް ރޭވުންތަކެއް ރޭވުނެވެ. އެކުދިންގެ ހިނިތުންވުމާއި ހީލުމުގެ އަޑަކީ (އެ ރޭވުންތަކާ ދެކޮޅަށް) ހިފުނު އެންމެ ބޮޑު ބަދަލުހިފުމެވެ."

ލޭއޮހޮރުވުމާއި ނަފުރަތުގެ މައްޗަށް އުންމީދު ކުރިހޯދިކަމުގެ ދިރިހުރި މިސާލެއްގެ ގޮތުގައި ބޮސްނިޔާގެ ރައްޔިތުން ދެކޭ އެސްމިރު، މިރޭ ދުނިޔޭގެ އެންމެ ބޮޑު ފުޓްބޯޅަ މައިދާނުގައި ކުޅެން ނުކުންނައިރު، މިއީ މުޅި ބޮސްނިޔާއަށް ލިބޭނެ ވަރަށް ބޮޑު ފަޚުރެކެވެ.

ކަމުދިޔަތަ؟

ކޮމެންޓުތައް (0)

އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.

ކޮމެންޓު